މިރޭ އޮތް ޕީއެންއެފްގެ 'ރީސެޓް' ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސްޓޭޖަށް އަރައިވަޑައިގަންނަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަޅުގަނޑަށް ފުރުސަތު ލިބިއްޖެއްޔާ ފަނޑިޔާރުން 'ރީސެޓް' ކުރުވާނަން: ޔާމީން

ކުރީގެ ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަރުކާރުގެ ނުފޫޒުތަކަށް ނޫނެކޭ ނުބުނާހާ ހިނދަކު ރައްޔިތުންނަށް އިންސާފެއް ނުލިބޭނެ ކަމަށް

ވެރިކަމުގެ ދެވަނަ ފުރުސަތެއް ލިބިވަޑައިގެންފި ނަމަ "ފަނޑިޔާރުން ރީސެޓް" ކުރުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ، "ރީސެޓް" ނަމުގައި އާޓިފިޝަލް ބީޗުގައި މިރޭ ޕީއެންއެފްއިން ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ޖުޑިޝަރީއަށް މި ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާ ޔާމީން ވިދާޅުވީ މުޅި ޖުޑިޝަރީ ރީސެޓް ކުރަން ޖެހޭ ކަމަށެވެ.

ބުނީ ކީކޭ؟ - ޔާމީން ވިދާޅުވީ ޝަރުއީ ނިޒާމު ރީސެޓް ކުރަން ޖެހޭ ކަމަށް ވިދާޅުވާ އެއް ސަބަބަކީ، ކޯޓުތަކަށް އެންމެ ބޮޑު ހަމަލާ އަމާޒުވި ދުވަސްވަރު އުއްތަމަ ފަނޑިޔާރުގެ ކަރުގައި ފައްޓަރުބައި އަޅުވާފައި، ސުޕްރީމް ކޯޓުގެ އިލްމީ ފަނޑިޔާރުންތަކެއް ބޭރުކުރުން ކަމަށެވެ.

ޔާމީން އެ އިޝާރާތްކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑީގެ މައްސަަ ކޯޓުގައި އޮއްވާ، އެ މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް ދެ ފަނޑިޔާރަކު މަގާމުން ވަކިކުރި ކުރުމަށެވެ.

"ކޮން ބަޔަކަށްތޯ ގެއްލުންވީ؟ ރައްޔިތުންނަށޭ ގެއްލުންވީ. ހަގީގަތުގައި އަޅުގަނޑުމެންނަށް  ގެއްލިގެން މިދިޔައީ ޓޮޕް ކޮލިޓީ ތިން ފަނޑިޔާރުން. [ފަނޑިޔާރު] އަޒްމިރާލްދާ [ޒާހިރު] ގެއްލުނީ، މަހާޒު [އަލީ ޒާހިރު] ގެއްލުނީ، [ހުސްނު]ސުއޫދު ގެއްލުނީ. އުއްތަމަ ފަނޑިޔާރު [މުއުތަސިމް އަދުނާން] މުޅި ތަން ހަރާބުކުރި މީހާ ފައްޓަރުބައި އަޅާފައި މިހާރު ގެސްޓް ހައުސް ހިންގަނީ ކަންނޭނގެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ޝަރީއަތްތަކެއް މިހާރު ވެސް ކޯޓުތަކުގައި ކުރިއަށް އެބަ ދެ އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރާ ކަންތައްތަކުގައި ނޫނެކޭ ބުނަން މިހާރު ސުޕްރީމް ކޯޓަށް ކެރަން ޖެހޭނެ ކަމަށެވެ. އެހެންނޫނީ، ރައްޔިތުންނަށް އިންސާފެއް ހޯދައިނުދެވޭނެ ކަމަށް ވިދާޅުވި އެވެ.

ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިދީފައިވާއިރު ނޫނެކޭ ބުނަން ފަނޑިޔާރުންނަށް ނުކެރެންވީ ކީއްވެގެންތޯ ވެސް ޔާމީން ސުވާލުކުރެއްވި އެވެ.

"އެހެންވީމާ ފަނޑިޔާރުން ރީސެޓް ކުރުމަށް އަޅުގަނޑު މިރޭ މިދަންނަވަނީ. އެހެންނޫނީ ދެން އަންނަ، އަޅުގަނޑުމެންނަށް [ވެރިކަންކުރަން] ފުރުސަތު ލިބިއްޖެއްޔާ ރީސެޓް ކުރުވާނަން،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (1)

ގައުމު

20 ޑިސެމްބަރު 2025
ފުރަތަމަ ތިމާމީހާ ރީސެޓްވެފާ ދެން އެހެންމީހުން ރީސެޓްކުރަން އުޅޭ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް