ޝައިހް މުހައްމަދު އިބްރާހިމް: އޭނާގެ ބަލިހާލަތު ވަނީ ބޮޑުވެފައި

ދީން

ބަލި ހާލު ބޮޑުވި ވަގުތު ވެސް ނަސޭހަތް ދެއްވުން ދުލެއް ނުކުރެއްވި

ދީނީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމްގެ ދެލޮލުގެ ފެނުން ގެއްލިފައިވާއިރު ބަލި ހާލަތު ބޮޑުވެގެން އާއްމުންގެ އެހީތެރިކަމަށް ވަނީ އެދިވަޑައިގެންފައި
16 ޑިސެމްބަރު 2025

ދީނީ ދައުވަތު ދިނުމުގައި މަޝްހޫރު މުހައްމަދު އިބްރާހިމް (ނައިފަރީ)އަށް، އޭނާގެ ބަލީގެ ފުރަތަމަ އިމްތިހާނާ ކުރިމަތިލާން ޖެހިވަޑައިގެންނެވީ މީގެ ހަތްވަރަކަށް އަހަރު ކުރިންނެވެ. ފުރަތަމަ ވެސް ލޮލުގެ ފެނުން ދަށްވެ، ނުސާފުވާން ފެށީ އެވެ. ދެން މަޑުމަޑުން ފެނުން ދަށްވަމުން ގޮސް، މަދު އަހަރުކޮޅެއްގެ ތެރޭގައި އެއްކޮށް ދެލޯ އަނދިރިވީ އެވެ.

އޭގެ ފަހުން ސިއްހީ ގޮތުން މީހާ ވަރަށް ބޮޑަށް ދަށްވި އެވެ. ސިކުނޑީގައި ޓިއުމަރަކާ ހެދި ފުރާނައަށް ނުރައްކާވާ ފަދަ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.

މިހާރު ވެސް ހަމަ އެ ބަލިހާލުގަ އެވެ. އެކަމަކު އެ ދީނީ އިލްމުވެރިޔާ ދަންނަ މީހުން ބުނާގޮތުން ނަމަ، ކިތަންމެ ބަލި ހާލު ބޮޑުވި ނަމަވެސް އޭނާގެ ހިތްވަރަކަށް ބަދަލެއް ނުގެންނަވަ އެވެ. ދީނީ ނަސޭހަތް ދެއްވުން ވެސް ހުއްޓައެއް ނުލައްވަ އެވެ.

"އުފަންރަށް ނައިފަރުގައި މިހާރު ވެސް ކޮންމެ ހަފުތާއަކު ބާއްވަވާނެ ދައުވަތު ޕްރޮގްރާމެއް. ރަށުގެ އެންމެންނަށް އޭގައި ބައިވެރިވެވޭނެ. ކޮންމެ މީހަކަށް ވެސް އޭގައި ޝެއިހްއާ ސުވާލު ކުރެވޭނެ،" މުހައްމަދު އިބްރާހިމްގެ ގާތް މީހަކު ބުންޏެވެ.

"ލޯފަން ހާލުގައި ވެސް އެ މަސައްކަތް ހުއްޓަވާ ނުލައްވާ. ބަލިވެ އުޅުއްވަމުން ވެސް ދީނީ ނަސޭހަތް ދެއްވައި، ދީނަށް ގޮވާލެއްވުން އޭނާ ދުލެއް ނުކުރައްވާ."

ސޯޝަލް މީޑިއާއިން މުހައްމަދު އިބްރާހިމްގެ ޕޮޑްކާސްޓުތަކާއި ދަރުސްތައް އަދިވެސް ފެނެ އެވެ. ލޮލުގެ ފެނުން ގެއްލުމުން، އޭނާއަށް ފޮތް ކިޔާދެއްވަނީ ދަރިވަރެކެވެ. ދެން އެ ލިބުނު އިލްމު އަނެއްކާ ވެސް މީހުންނަށް ފެތުރެއްވުމަށް ދަރުސްތައް ދީ ހައްދަވަ އެވެ.

މުހައްމަދު އިބްރާހިމް ތަރުޖަމާ ކުރައްވާފައިވާ ބައެއް ފޮތްތައް:

  • ހިސްނުލްމުސްލިމް

  • ނަބީބޭކަލުންގެ ތަރިކަ

  • ކިތާބުއްސިޔާމު

  • ކިތާބުއްސަލާތު

  • ތައުހީދުގެ ހުލާސާ

ޝައިހް މުހައްމަދު އިބްރާހިމަކީ ނައިފަރުގެ މަދްރަތުލް އިފްތިތާހުގެ ކުރީގެ ޓީޗަރެއް ވެސް މެ އެވެ. އެކަމަކު ލޮލުގެ ފެނުމާއެކު ވަޒީފާ ވެސް ގެއްލިގެން ދިޔައީ އެވެ. އެއާއެކު މާލީ ގޮތުން ކުރިމަތިވެ ވަޑައިގެން ގޮންޖެހުންތައް ބޮޑުވި އެވެ.

މިހާރު އޭނާއަށް ލިބިވަޑައިގަންނަވަނީ، އެންސްޕާއިން ދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް އެކަންޏެވެ. މެދުކެނޑުމެއް ނެތި ބޭސްފަރުވާ ކުރަން ޖެހޭތީ، އެ ލިބޭ ފައިސާއިން ދެކޮޅެއް ނުޖެހެ އެވެ. އެހެންވެ، މުހައްމަދު އިބްރާހިމްގެ ގާތް މީހުންތަކެއް މިދިޔަ އާދިއްތަ ދުވަހު ވަނީ، ޝައިހަށް އެހީ ހޯދުމަށް ކެމްޕޭނެއް ފަށާފަ އެވެ.

ދީނީ އިލްމުވެރިޔާގެ ބަލީގެ ފަރުވާގެ ހުރިހާ މައުލޫމާތަކާއި ހަރަދުވާ މިންވަރާއި އެހީ ލިބޭ މިންވަރު، ކެމްޕޭންގެ ވެބްސައިޓުން ފެންނާނެ ކަމަށް އެ މީހުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް