ކުރީގެ ރައީސް އަބްދުﷲ ޔާމީން

މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑު ހިއްސާދާރަަކަށް ވާންވާނީ ސަރުކާރު: ޔާމީން

މިފްކޯއިން އެއް ކިލޯއިން މަތީގެ މަސް 16ރ އަށް ގަންނަން ނިންމާފައިވާތީ ވެސް ޔާމީން ރޭ ފާޑުވިދާޅުވި؛ ވިދާޅުވީ މިހާރުގެ ޑޮލަރު ރޭޓަށް ބަލާއިރު އެއީ "ހެއްވާ" އަގެއް ކަމަށް

މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑު ހިއްސާދާރަކަށް ވާންވާނީ ސަރުކާރުން ކަމަށާއި ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ދޭނަމަ ދޭންޖެހޭނީ ސަރުކާރަށް ވެސް ފައިދާވާނެ ގޮތަކަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ، ބޭރުގެ އިންވެސްޓަރުން ހޯދައިގެން މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމުގެ އެއްވެސް ވިސްނުންފުޅެއް ގެންގުޅުންވަންތޯ ރޭގެ ޕީއެންއެފް ބައްދަލުވުމުގައި މަސްވެރިއަކު ސުވާލުކުރުމުންނެވެ.

ބުނީ ކީކޭ؟ - ޖަވާބުގައި ޔާމީން ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއިން ބޭރުގެ އިންވެސްޓަރުންނަށް ދާނީ ކޮންކޮން ބައިތަކެއްކަން މިހާރު ސީދާ ވިދާޅުވާން ނޭނގޭ ކަމަށާއި އެކަންކަން ކުރާނެ ގޮތް މެނިފެސްޓޯގައި ހިމަނާނެ ކަމަށެވެ.

އެކަމަކު، މަސްވެރިކަމުގެ ދާއިރާގައި ސަރުކާރަށް ވެސް ފައިދާ ލިބޭގޮތަކަށް ކަމެއް ކުރާނަމަ ބޭރުގެ އިންވެސްޓަރުންނަށް އެ ފުރުސަތު ހުޅުވާލެވިދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވީ:

  • މަސްވެރިކަމުގެ ދާއިރާގައި އުޅޭ ދަތިތައް ފިލުވާލަން ޖެހޭނެ ކަމަށް ގަބޫލުކުރެވެނީ ހަމަ ސަރުކާރުން އިންވެސްޓުކޮށްގެން 

  • މިފްކޯއަކީ ސަރުކާރު ކުންފުންޏެއް؛ މިފްކޯއާ ވާދަކުރާކަށް ބޭނުމެއްނޫން 

  • ދަޅުގަ ބަންދުކުރުންފަދަ ކަންކަން ބޭރުގެ އިންވެސްތަރުންނަށް ދޫކޮށްލައިފިނަމަ، މަހުގެ ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ދިވެހިންގެ އަތުން ގޮސްދާނެ؛ އެކަމަށް ބޭރު ބަޔަކަށް ބާރޯސާވުމަކީ ރަނގަޅު ގޮތަކަށް ނުވެދާނެ

  • ވަކި ހިސާބަކުން އިންވެސްޓަރުން އެ މަސައްކަތް ހުއްޓާލައިފިނަމަ އަލުން ސަރުކާރުން އެ މަސައްކަތް ކޮޅަށް ޖަހަން ކުރާ މަސައްކަތްވެސް މާ ބޮޑުވެގެންދާނެ

  • މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ދާއިރާ؛ އެއީ ދިވެހިން އުފައްދާ ދިވެހިންގެ ތަކެތި

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަމަ އެންމެ ބޮޑު ހިއްސާދާރަަކަށް ވާންވާނީ ސަރުކާރުން. އެއީ ރާއްޖޭގެ އާންމު ރަށްރަށުގައި ވެސް އާންމު ފަރުދުންގެ ދިރިއުޅުމާ ގުޅިފައި އޮތް ކަމެއް މަސްވެރިކަމަކީ. އެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް ބޭރުގެ މީހުންގެ އަތްމައްޗަށް %100 ދޫކޮށްލައިފިއްޔާ އެ ހިސާބުން އަޅުގަނޑުމެން ދިޔައީ،" ޔާމީން ވިދާޅުވި އެވެ.

"އެކަމަކު މަސްވެރިކަމުގެ ދާއިރާއަށް މިހާރުވެފައިވާ އިހުމާލު [އަޅުގަނޑުގެ ވެރިކަމެއްގައި] ފިލުވާލާނެ ކަމަށް އަޅުގަނޑަށް ހަމަ ޝައްކެއް ނެތް އެ ގެރެންޓީ ދެން،" 

ޔާމީން ވިދާޅުވީ، ކުރީގައި މަސް ގަންނާނީ މިފްކޯއަށް އެކަނި ކަމަށާއި އެހެންވެ، އެކަމުގައި އޭރު ސަރުކާރުގެ ޒިންމާއެއް އޮތްކަމަށް ރައްޔިތުން ދެކޭ ކަމަށެވެ. ނަމަވެސް މަސްވެރިންނާއި ވިޔަފާރީވެރިންގެ ޕްރެޝަރު ބޮޑުވެގެންގޮސް ފަހުން ވީގޮތަކީ، ރާއްޖެތެރެ ޒޯންތަކަކަށް ބަހާލާފައި އަމިއްލަ ވިޔަފާރިތަކަށް ވެސް މަސް ގަނެވޭގޮތް ހެދީ ކަމަށެވެ.

އަމިއްލަ ވިޔަފާރިތަކަށް އެކަން ކުރެވޭގޮތް ހެދިޔަސް، ދެން ދިމާވާ މައްސަލައަކީ އެތަންތަނަށް ނުކިރޭ މަސް މިފްކޯއިން ގަންނަން ޖެހުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިއީ ހަމަ އަޅުގަނޑުމެންގެ ވެރިން ހަދާފައި އޮތް ބޮޑު ގޯހެއް. މިހެން ހެދީމާ މަސްވެރިކަމުގައި ސަރުކާރަށް ފުރިހަމަ ޒިންމާ ނުނެގިގެން މިއުޅެނީ،" ޔާމީން ވިދާޅުވި އެވެ.

ވިޔަފާރި ކުރާއިރު އެ ވިޔަފާރީއެއްގެ ކުރިމަގު އޮތްގޮތް ލަފާކުރަން ނޭނގެންޏާ އިންވެސްޓެއް ނުކުރެވޭނެ ކަމަށާއި މިފްކޯއަށް ވެފައި އޮތީ އެހެން ކަމަށެވެ. މިދިޔަ ދެ އަހަރު މިފްކޯއަށް ވެސް ލިބުނު ފައިސާ، ފެނަކަ އާއި ސްޓެލްކޯއަށް ލިބުނު ފައިސާ ގޮތަށް "އެވަތް ތަނަކަށްވަދެވީ ގެއްލިފައި" ކަމަށް ޔާމީން ވިދާޅުވި އެވެ.

މަސްވެރިންގެ ޕްރެޝަރު މިފަހުން އަނެއްކާ ވެސް ބޮޑުވެފައިވަނިކޮށް، މިފްކޯއިން އެއް ކިލޯއިން މަތީގެ މަސް 16ރ އަށް ގަންނަން ނިންމާފައިވާތީ ވެސް ޔާމީން ރޭ ފާޑުވިދާޅުވި އެވެ. އެގޮތުން ޔާމީން ވިދާޅުވީ، ރާއްޖެއިން ބޭރަށް ވިއްކުމަށްފަހު މަހުގެ އަގަށް ލިބެނީ ޑޮލަރު ކަމަށްވާއިރު، މިހާރު ޑޮލަރުގެ އުޅޭ ރޭޓާއި ދިވެހި ރުފިޔާއާ އަޅާބަލާއިރު، ގާތްގަނޑަކަށް %30 އަށްވުރެ ބޮޑު އަދަދެއް އަގު ވެއްޓިފައިވާ ކަމަށެވެ.

"އެހެންވީމާ 16 ރުފިޔާއަށް މަސް ކިލޯއެއް މިހާރު ގަތުމުގެ މާނައަކީ މިސާލަކަށް 2015ގެ ރޭޓުތަކަށް ބަލާއިރު ނުވަތަ އަގަށް ބަލާއިރު ގާތްގަނޑަކަށް މިހާރު އެ ލިބެނީ 11ރ، 12ރ، ހިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެެރިކަމުގައި 2016ވަނަ އަހަރުން ފެށިގެން މަސް ކިލޯއެއްގެ ރޭޓު ހުންނަނީ 20ރ ގައި ކަމަށާއި އޭރު ޑޮލަރުގެ ރޭޓު އުޅުނީ 15.85ގައި ކަމަށް ޔާމީން ވިދާޅުވި އެވެ. މިހާރު ދިވެހި ރުފިޔާގެ އަގު %30 ދަށްވެފައިވާއިރު 16ރ ގައި މަހުގެ އަގު ބެހެއްޓުމަކީ "ހެއްވާ ކަމެއް" ކަމަށް ޔާމީން ވިދާޅުވި އެވެ. 

ކޮމެންޓް (1)

ކޮސް

15 ޑިސެމްބަރު 2025
ޔާމިނަކީ އިކޮނޮމިސްޓެއް. މުއިއްޒަށް ރައްޔިތުން ވޯޓުލީ ޔާމީންގެ ޕޮލިސީ ބޭނުންވެގެން. އެހެންވީމަ މުއިއްޒަށް ވޯޓުލީ ރައްޔިތުން ދަންނަވަންވީ ވެރިކަމުން ދުރުވެވަޑައިގެންނެވުމަށް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް