މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދުވާފަރަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ރައީސް ދުވާފަރަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އެ ރަށުގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ވެސް ފައްޓަވާދެއްވާފައި
13 ޑިސެމްބަރު 2025

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރ. ދުވާފަރުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟- ރައީސް އޮފީހުން ބުނިގޮތުގައި މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ރައީސް މިއަދު ވަނީ، މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ފުރަތަމަ ފަހަރަށް ގާއިމްކުރި އެސްޓީއޯ ތެޔޮ ޝެޑް އެ ރަށުގައި ހުޅުއްވައިދެއްވާފަ އެވެ.

ކޮންމެ އަތޮޅެއްގައި މި ފަދަ ތެޔޮ ޝެޑެއް ގާއިމުކުރުމަކީ ސަރުކާރުގެ ވައުދެކެވެ.

އެއަށް ފަހު އެ މަނިކުފާނު ވަނީ، އެ ރަށުގައި ބޭއްވި ކެއްކުމުގެ މުބާރާތެއް ޝަރަފްވެރިކޮށްދެއްވާފަ އެވެ. މަސްވެރިކަމުގެ ބާވަތްތައް ޕްރޮމޯޓް ކުރުމަށް ބޭއްވި މި މުބާރާތުގައި ދުވާފަރުގެ ގިނަ އަންހެނުންތަކެއް ބައިވެރިވި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދުވާފަރަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީހުން ބުނީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އާއި ކަމާ ގުޅުން ހުރި އިތުރު ހަރަކާތްތައް ވެސް ރައީސް ޝަރަފްވެރިކޮށްދެއްވާނެ ކަމަށެވެ.

ދުވާފަރަށް ކުރެއްވި އެއް ދަތުރުގެ މި ދަތުރުފުޅުގައި ރައީސް ވަނީ އެ ރަށުގެ ބައެއް މަޝްރޫއުތައް ވެސް އިފްތިތާހުކޮށްދެއްވާފަ އެވެ. އެގޮތުން:

  • ދުވާފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވި

  • އެ ރަށުގައި 50 ހައުސިން ޔުނިޓް އެޅުން އިފްތިތާހުކޮށްދެއްވި. އެ މަޝްރޫއު މިހާރު ވަނީ އެޗްޑީސީއާ ހަވާލުކޮށްފައި

  • ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފައްޓަވާދެއްވި

ރައީސްގެ މި ދަތުރުފުޅާ ދިމާކޮށް، ދުވާފަރުގައި ވަނީ އިއާދަކުރަނިވި ހަަކަތައިގެ މަޝްރޫއަކާއި އޭޓީއެމްގެ ހިދުމަތް ވެސް ފަށާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް