ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް (ފޮޓޯ/މިހާރު)

ކްރިމިނަލް ކޯޓު

ވަކީލުން ހެކިވެރިންނަށް ބިރުދައްކާ ކަމަށް ވިދާޅުވުމުން ގާޒީ އަލީ އާދަމްގެ މައްސަލަ ޖޭއެސްސީއަށް

އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޮމިޝަނުން އަދި ގޮތެއް ނުނިންމާ؛ އެނގިފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅީ ދިފާއީ ވަކީލެއް

ސިއްރު ހެކިވެރިންނަށް ބިރުދައްކާ މީހުންގެ ތެރޭގައި ދިފާއީ ވަކީލުން ވެސް ހިމެނޭކަމަށް، މަރުގެ މައްސަލައެއްގައި މި ފަހުން ކުރި ހުކުމެއްގައި ގާޒީ އަލީ އާދަމް ވިދާޅުވުމުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ތަފްސީލް - އެނގިފައިވާ ގޮތުގައި، އެ މައްސަލަ ހުށަހެޅީ ދިފާއީ ވަކީލެކެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ޖޭއެސްސީން އަދި ގޮތެއް ނުނިންމަ އެވެ.

ވީ ކިހިނެއް؟ - ހެކިންނަށް ބިރުދައްކާކަން ގާޒީ އަލީ އާދަމް ފާހަގަކުރެއްވީ، 2018 ވަނަ އަހަރު އެމްއެމްއޭ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލާގައި މިދިޔަ އާދިއްތަ ދުވަހު އިއްވެވި ހުކުމުގަ އެވެ.

އެ މައްސަލަ ކޯޓުގައި އޮންނަތާ ހަތް އަހަރު ފަހުން، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އަގީލަށް ވަޅިން ހަމަލާދިން ހަމްދޫން ހަމްޒަތު، ހިޔާ/ލ. ފޮނަދޫ، މަރަން ވަނީ ހުކުމްކޮށްފަ އެވެ.

ސިއްރު ހެކިވެރިންނަށް ބިރުދައްކާކަން އަލީ އާދަމް ފާހަގަކުރެއްވީ، އަގީލަށް ހަމަލާދެނިކޮށް ދުށް ކަމަށް ބުނެ ޝަރީއަތަށް ހެކިބަސްދިން ސިއްރު ހެކިވެރިއަކު އެންމެ ފަހު ވަގުތު އޭނާގެ ހެކިބަސް އަނބުރާ ގެންދިއުމަށް އެދުމުންނެވެ.

އޭނާއަކީ އެ މަންޒަރު ސީދާ ދުށް މީހަކަށް ވެފައި އޭނާގެ ހެކިބަސް އެ މައްސަލާގައި ވަރަށް މުހިންމުވުމުން، އެފަދައިން ހެކިބަސް ގެންދަން އާންމުކޮށް މައްސަލަތަކުގައި އެދެނީ ތުހުމަތުކުރެވޭ މީހުންގެ ފަރާތުން ބިރުދައްކާތީކަން އަލީ އާދަމް ހުކުމްގައި ފާހަގަކުރެއްވި އެވެ. ގާޒީ އެގޮތަށް ވިދާޅުވީ ހައި ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމެއްގައި އެކަމާ ބެހޭ ގޮތުން ފާހަގަކޮށްފައިވާ ކަންކަމަށް ހަވާލާދެއްވަ އެވެ.

"މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ނިސްބަތްވާ ގްރޫޕުގެ މީހުންނާއި، އެ ފަރާތްތަކުގެ އާއިލާއިންނާއި، ދިފާއީ ގޮތުން ވަކާލާތު ކުރައްވާ ވަކީލުން އެކި ގޮތްގޮތުން ހެކިންނަށް ބިރުދައްކައި ފުރާނައަށް ނުރައްކާވާނޭ ފަދަ ހަމަލާއެއް ދޭނެ ކަމަށް ބުނެ، އިންޒާރުދީ ހަދާކަން ހައި ކޯޓުގެ [ގަޒިއްޔާއަކަށް] ބެލުމުން ވެސް އެނގެން އޮންނައިރު، މިކަމަކީ ހިނގާ ކަމެއްކަމާއި އަދި މިއީ ޖިނާއީ އަދުލުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މިވަނީ ވެފަ އެވެ،" މަރުގެ މިފަދަ ވަރަށް ގިނަ މައްސަލަތައް ބައްލަވާ އަލީ އާދަމް ހުކުމުގައި ލިޔުއްވި އެވެ.

އަލީ އާދަމް އިތުރަށް ފާހަގަކުރެއްވި ކަންކަމަކީ:

  • އެ މައްސަލަ އެހާ ދިގުލައިގެން ދިޔައީ ވެސް މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި މުހިންމު ސިއްރު ހެކިވެރިންތަކެއް ހެކިބަސް ދޭން ކޯޓަށް ހާޒިރުވެފައިނުވާތީ

  • އެ ހެކިވެރިން ކޯޓަށް ހާޒިރުކޮށްފައިވަނީ ކޯޓުން ޗިޓު ފޮނުވައިގެން؛ އެކަމުގައި ދިގު މުއްދަތެއް ފާއިތުވި

  • ޗިޓު ފޮނުވައިގެން ހެކިން ކޯޓަށް ހާޒިރުކުރުމުން ވެސް ހެކިބަސް ދިނުމަށް ދިޔައީ ފަސްޖެހެމުން

  • މީހުންެގެ ފުރާނައާ ގުޅުން ހުރި މިފަދަ މައްސަލަތަކުގައި ހެކިބަސް ނުލިބުމަކީ ޖިނާއީ އަދަލުގެ ނިޒާމަށް އޮތް އިތުބާރު ގެއްލޭ ކަމެއް އަދި މައްސަލަތައް ސާބިތުކުރަން އޮތް ބޮޑު ގޮންޖެހުމެއް

  • ތުހުމަތުކުރެވޭ މީހާ ޖަލުގައި ހުރުމަކީ ހެކިންނަށް އޮތް ރައްކާތެރިކަން ކަށަވަރުވާ ކަމެއް ނޫން

  • ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅާ ހެކިވެރިންގެ ސިއްރުވެރިކަން ހިފެހެއްޓޭނެ މިހާރަށް ވުރެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި އޮންނަން ޖެހޭ

ފާހަގަކޮށްލެވޭ ކަމެއް - ހެކިވެރިންނަށް ބިރުދެއްކުމުގައި ދިފާއީ ވަކީލުންނަށް ރައްދުވާ ގޮތަށް އަލީ އާދަމްގެ ހުކުމުގައި އޮތް ވާހަކަތައް ބާ ކައުންސިލުން ވަނީ ކުށްވެރިކޮށްފަ އެވެ.

ބާ ކައުންސިލުން ބުނީ ބިރުދެއްކުމުގެ އަމަލު ހިންގި ކަމަށް ބުނާ ވަކީލަށް ސީދާ ރައްދުނުކޮށް، ޖުމްލަކޮށް "ދިފާއީ ވަކީލުން" ކަމަށް ފާހަގަކޮށްފައިވުމުން، އެއީ ޖިނާއީ އަދުލުގެ ނިޒާމުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބުރަކޮށް މަސައްކަތް ކުރާ މީހުންނަށް އަމާޒު ވެގެން ދިޔަ ކަމެއް ކަމަށް ވާތީ ކަންބޮޑުވާ ކަމަށެވެ.

ކޮމެންޓް (2)

ސަދޫމުގެ ޙުކުމް

3 ޖެނުއަރީ 2026
ކޮންމެއަކަސް ގާޒީ އެފާހަގަ ކުރެއްވީ ވަރަށް ވެސް ބޮޑު ޙަޤީޤަތެއް.
0 0

ވާހަކަރަނަގަޅިވީ

13 ޑިސެމްބަރު 2025
ތި ހަބަރުން ދޭހަވީ ތިޔަ ބުނާ ލޯޔަރުންގެ ނުފޫޒު ގަދަކަން. ގާޒީއާ ޗެލެންޖް ކޮށްލި ތަން މި ފެނުނީ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް