ކްރިމިނަލް ކޯޓް އަދި ޑްރަގް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބާ ކައުންސިލް

ދިފާއީ ވަކީލުންނާ ދެކޮޅަށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާ ކައުންސިލުން އިލްތިމާސްކޮށްފި

ބާ ކައުންސިލުން ބުނީ ވަކީލުންނާ ގުޅޭ ސުލޫކީ މައްސަލަތައް އެ ކައުންސިލަށް ހުށަހެޅުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި މިހާރު ވެސް އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށް

ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާ ކައުންސިލުން މިއަދު އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ހެކިންނަށް ބިރުދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓެއްގައި ބުނެފައިވާތީ އެކަމާ ގުޅިގެން ބާ ކައުންސިލުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

ތަފްސީލް - އެ ކައުންސިލުގެ ބަޔާނުގައި ބުނީ، ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން މީޑިއާގައި ވަކީލުންނަށް ނިސްބަތްވާ ގޮތަށް ހަބަރު ފަތުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެ ހުކުމުގައި ދިފާއީ ވަކީލުންނަށް ނިސްބަތްވާ ގޮތަށް ފާހަގަކޮށްފައިވާ އިބާރާތަކީ ހެއްކެއްގެ މައްޗަށް ނުވަތަ ކްރިމިނަލް ކޯޓުގެ އެ ގަޒިއްޔާގައި ގާނޫނީ ވަކީލުގެ ފުށުން ހިނގާފައިވާ ވަކި އަމަލެއްގެ މައްޗަށް ބިނާކުރުމަކާ ނުލާ، ޖިނާއީ އަދުލުގެ ނިޒާމުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބުރަކޮށް މަސައްކަތްކުރާ މަދު ގާނޫނީ ވަކީލުންނަށް އަމާޒު ވެގެން ދިޔަ ކަމެއް ކަމަށް ބާ ކައުންސިލުން ބުންޏެވެ.

އެ ހުކުމާ ގުޅިގެން މީޑިއާގައި ހަބަރު ފަތުރާފައިވާ ގޮތުން، އިބާރާތް ރައްދުވުން ފުޅާވެ ދިފާއީ ވަކީލުންނާ މެދު މުޖުތަމައުގައި ނުރަނގަޅު ތަސައްވުރެއް އުފެދި، ދިފާއީ ވަކީލުންނަކީ ކުށުގެ އަމަލުތަކެއް ހިންގާ ބައެއްގެ ގޮތުގައި ސިފަކުރެވުމަކީ އަދުލު އިންސާފުގެ ނިޒާމަށާއި ގާނޫނީ ފަންނަށް އާންމުންގެ އޮންނަ އިތުބާރަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބާ ކައުންސިލަށް ގަބޫލު ކުރެވޭ ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ:

  • އެ ހުކުމާ ގުޅިގެން ބާ ކައުންސިލްގެ ކަންބޮޑުވުންތައް ކްރިމިނަލް ކޯޓާ ހިއްސާކޮށްފައިވާނެ

  • ވަކީލުންނަށް ނިސްބަތްކޮށް އެ ވަކީލުންނަކީ ކުށްވެރިން ކަމަށް ދޭހަވާ ގޮތަށް ހެއްކަކާ ނުލާ ތުހުމަތު ރައްދުކުރުން ކުށްވެރިކުރަން

  • އެއީ އިންސާފުވެރި ޝަރީއަތުގެ ހައްގަށް ހުރަސްއެޅޭނެ އަދި އަދުލު އިންސާފުގެ ނިޒާމާ މެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް އެ ކައުންސިލުން ދެކެން

ބާ ކައުންސިލުން ބުނީ ވަކީލުންނާ ގުޅޭ ސުލޫކީ މައްސަލަތައް އެ ކައުންސިލަށް ހުށަހެޅުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި މިހާރު ވެސް އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.



އިތުރު އާޓިކަލް

އިތުރު އާޓިކަލް