ބ. ތުޅާދޫ. އެ ރަށުގެ ފުރަތަމަ ހާފިޒަށް ބޮޑު އިނާމެއް ވަނީ ހުށަހަޅާފައި (ފޮޓޯ/މޯލްޑިވްސް ވާޗުއަލް ޓުއާ)

ގުރުއާން

ތުޅާދޫގެ ފުރަތަމަ ހާފިޒަށް 130،000ރ. ދެނީ

މި ބޮޑު އިނާމު ހުށަހެޅީ، އެ ރަށުން ބުނި ގޮތުގައި، ތުޅާދޫން ހާފިޒަކު އުފެއްދުމަށް ބާރު އެޅުމުގެ ގޮތުން

ގުރުއާން ހިތުދަސްކޮށްގެން ހާފިޒުކަމުގެ ސަނަދު ހޯދާ ބ. ތުޅާދޫގެ ފުރަތަމަ މީހާއަށް 130،000ރ. އިނާމެއްގެ ގޮތުގައި ދޭން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ގުރުއާން ހިތުދަސްކުރާ މީހުންނަށް ރަށު ފެންވަރުގައި ބޮޑެތި އިނާމުތައް މިހާރު އަންނަނީ ދެމުންނެވެ. ތުޅާދޫން ވެސް ބޭނުންވީ، އެ ރަށުން ހާފިޒަކު އުފެއްދުމަށް މީހުން ޝައުގުވެރިކުރުމަށް ބޮޑު އިނާމެއް ހުށަހަޅާށެވެ.

ތަފްސީލް - ތުޅާދޫ ސްޕޯޓްސް ކްލަބުން ބޭއްވި ގުރުއާން މުބާރާތް ނިންމުމުގެ ޖަލްސާގައި، އެކަން އިއުލާނުކުރަމުން ބުނި ގޮތުގައި، މި ބޮޑު އިނާމު ދޭނީ ކުރިއަށް ފަސް އަހަރުގެ ތެރޭގައި ގުރުއާން ހިތުދަސްކުރާ އެންމެ ފުރަތަމަ މީހާއަށެވެ.

އެ އިނާމު ހުށަހެޅީ ތުޅާދޫ ކްލަބުންނާއި އެ ރަށުގައި ގުރުއާން ކިޔަވައިދީ، ތައުލީމަށް ގިނަ ހިދުމަތްތަކެއްކޮށްދިން މަރުހޫމް އިބްރާހިމް ހުުސެންފުޅާއި އަލީ މުހައްމަދު މަނިކުގެ ހަނދާނުގަ އެވެ.

އެނގުން މުހިއްމު - ގުރުއާން ހިތުދަސްކުރުމަށް ބާރު އެޅުމުގެ ގޮތުން ވަރަށް ފަހުން ވަނީ، ހދ. ނޮޅިވަރަމާއި އއ. ތޮއްޑު އާއި ބ. އޭދަފުށީގައި ވެސް މި ފަދަ އިނާމު ހުށަހަޅާފަ އެވެ. އެކަމަކު އެއިން ކޮންމެ ރަށަކުން ވެސް ހުށަހަޅާފައިވަނީ 50،000ރ. އިނާމެކެވެ.

މިހާތަނަށް މިފަދަ އެންމެ ބޮޑު އިނާމެއް ހުށަހަޅާފައިވަނީ ކ. ހުރައިންނެވެ. އެއީ ދޮޅު ލައްކަ ރުފިޔާ އެވެެ.

ކޮމެންޓް (1)

ޙައްވާ އިސްމާޢިލް

9 ޑިސެމްބަރު 2025
އިނާމު ހުށަހަޅައިގެން ނަމަވެސް ޤުރްއާން ދަސްކުރުމަކީ އެކަމުގެ ސަބަބުން އެތައް ސަބަބަކާއި ދަރުމައެއް ލިބޭ ޚާއްޞަކޮށް މައިންބަފައިންގެ ބޮލުގައި ވެސް ރަންތާޖު އެޅިގެން ދާނެ ކަމެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް