'ރައިސް އަޕް ޔޫތު' ނަމުގައި މިދިޔަ މަހު ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސަރުކާރުގެ އަމަލުތައް ހުރީ މުޖުތަމައުގެ ފޭރާން ހަލާކުކުރަން: ޔާމީން

ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުން ވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ މައްސަލަތައް ދޫކޮށްލާފައި ސަރުކާރުގެ ކުންފުނިތަކަށް މަސައްކަތްކުރަން 'މަޖުބޫރު'ކޮށްފައި

މިހާރު ސަރުކާރުން ކަންތައްތައް ކުރަނީ މުޖުތަމައުގެ "ފެބްރިކް (ފޭރާން) ހަލާކުކޮށްލަން" ކަމަށް ކުރީގެ ރައީސް އަަބްދުﷲ ޔާމީން ރޭ ތުހުމަތުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފް އިން އެ ޕާޓީގެ އޮފީހުގައި ރޭޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ސަރުކާރުގެ އަމަލުތައް މިހާރު ހުރީ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ހިސާބުގައި ކަމަށެވެ.

ތަފްސީލް - ޕީއެންއެފް އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ އޯޑިއަންސްގައި އިންނަވާ، ޔާމީން ގެންދަވަނީ ގައުމުގެ ހާލަތާ މެދު އެ މަނިކުފާނުގެ ހިޔާލު ފާޅުކުރައްވަމުންނެވެ. ރޭ ޔާމީން ތުހުމަތުކުރެއްވި ގޮތުގައި، މިހާރު ފެންނަނީ "އަޅުގަނޑުމެން ހޮވި ލީޑަރަކު ރާއްޖެ ރޭޕްކޮށްލާ ތަން" ކަމަށެވެ.

"ރައްޔިތުންގެ އިތުބާރާ އެކު ހޮވި މީހަކު އައިސް ހަމަ ގައުމުގެ ހުރިހާ ދިމާލެއް ރޭޕްކޮށްލަނީ. ވަކި ދިމާލެއް ނެތް،" ޔާމީން ތުހުމަތުކުރެއްވި އެވެ.

"މިހާރު މިއޮތީ ހަމަ އޭގެ ޒާތުގައި ތަހުގީގުތަކެއް ކުރާ ނަމަ އޭގެ ޒާތުގައި ޖިނާއީ ބޮޑެތި ތަހުގީގުތަކެއް ކުރާ ހިސާބަށް ވޮރެންޓުކޮށްފައި މިހާރުގެ ސަރުކާރުން ކަންތައް އެ ކުރަނީ."

ޔާމީން ތުހުމަތުކުރެއްވި ގޮތުގައި، ސަރުކާރުން ވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ މައްސަލަތައް ދޫކޮށްލާފައި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރަން 'މަޖުބޫރު' ކޮށްފަ އެވެ.

"މުޖުތަމައުގެ އިނޮސަންސް [މައުސޫމްކަން] ނަގާލާފައި ހުރިހާ އެންމެންނަކީ މަސައްކަތްތައް ދޫކޮށްލާފައި، މަސްވެރިން ވެސް މަސްވެރިކަން ދޫކޮށްލާފައި ފެނަކަ ތަންތަނުގައި ކުދިކުދި ރަށްރަށުގައި 80 މީހުން، 60 މީހުން ގެންގުޅެން. ހަމަ ސްލޭވަރީއަށް، ސާވްޑަމްއަށް މިއޮތީ އެންމެން ގެންގޮސްފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިއީ ނުނެއްޓެވޭ ވަރުގެ ބޮޑު ކަސްތޮޅެއް ކަމަށް ޔާމީން ސިފަކުރެއްވި އެވެ.

"މިއީ ހަމަ ޕްލޭންޑް، އޯގަނައިޒްޑް [ރާވައިގެން ހިންގާ] ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މަތިއޮމާންވާ ގޮތަށް ސަރުކާރުގެ ވެރިން ވާހަކަ ދައްކަވާ ކަމަށާއި ނަމަވެސް އަމަލުތައް ހުންނަނީ އެއާ އިދިކޮޅަށް ކަމަށެވެ.

ކޮމެންޓް (2)

ސިކުނޑި

6 ޑިސެމްބަރު 2025
ނާޖާއިޒު މަންފާތަކެއް ހޯދަން ވަޒީރަކު މިނިސްޓްރީއެއް ހިންގާގޮތަށް ދައުލަތް ހިންގަންވީމާ އިޖުތިމާޢީ ފޭރާން ވީދި ހަލާކުވާނެ! މިހާރު މިތަބަ ވެރިންގެ ފެންވަރު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅެއް ރައީސް ޔާމީނަކީ!
0 0

ކުއްޅަވައް

5 ޑިސެމްބަރު 2025
ޔާމީނު އެވިދާޅުވީ ވ. ބޮޑު ތެދުފުޅެއް.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް