ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް މަހުލޫފު އައްޔަނު ކުރައްވާ ލިޔުން ހަވާލުކުރައްވަނީ(ފޮޓޯ/ރައީސް އޮފީސް)

ޖަޕާނު ސަފީރަކަށް މަހުލޫފް އައްޔަންކުރައްވައިފި

މިދިޔަ ސަރުކާރުގައި ޔޫތު މިނިސްޓަރަކަށް ހުންނެވި މަހުލޫފް އިދިކޮޅު އެމްޑީޕީން ވަކިވެ، ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ މަހު

ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރަކަށް އަހުމަދު މަހުލޫފް އައްޔަންކުރައްވައި މަގާމުގެ ލިޔުން މިއަދު ހަވާލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މަހުލޫފް އައްޔަނުކުރައްވައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

ތަފްސީލް - އެ މަގާމަށް މަހުލޫފް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެ އެވެ.

މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރު މިދިޔަ ޖުލައި މަހު އަވަހާރަވުމުން އެ މަގާމު އޮތީ ހުސްކޮށެވެ.

ފާހަގަ ކުރެވޭ - މަހުލޫފްގެ ސިޔާސީ ހަޔާތް ފެއްޓެވީ ޕީއެންސީގެ އިސް ބޭފުޅުން ކުރިން ތިއްބެވި ޑީއާރުޕީންނެވެ.

މިހާރުގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާއިން މަހުލޫފް އިންތިހާބުވެވަޑައިގެންނެވީ ވެސް ޑީއާރުޕީގެ ޓިކެޓުގަ އެވެ.

ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން 2011ގައި އުފެއްދި ޕީޕީއެމްއާ މަހްލޫފް ވެސް ގުޅިވަޑައިގެންނެވި އެވެ.

މަހުލޫފް ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ނުކުންނަވަ އެވެ. އެ ވެރިކަމުގައި އޭނާ ޖަލަށް ވެސްލި އެވެ.

އޭރު އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެއްވި އެވެ.

މަހްލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ 2018ގެ ރިޔާސީ އިންތިހާބަށް ފަހުގަ އެވެ. އެ އިންތިހާބަށް ފަހު އެކުލަވާލި އެމްޑީޕީގެ ސަރުކާރުގައި މަހުލޫފް ވަނީ ޔޫތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. އެ ޕާޓީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އޭގެ ފަހުން ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ މަހު އެވެ.

ކޮމެންޓް (1)

ތެފައާސާ.

4 ޑިސެމްބަރު 2025
ދުނިޔޭގެ އެންމެ ކުރިއަރާފައިއޮތް އެއް ގައުމަށް އަހަރެމެންގެ ގައުމުން ކަނޑައަޅަން ފެނުނު ސަފީރަކީ ޑިޕްލޮމެޓިކް ދާއިރާގައި ދުވަހަކު ހޭކިފައިވެސް ނެތް އެކަމުގެ އެއްވެސް ތައުލީމެއް ތަޖުރިބާއެއް ނެތް ބޭކަލެއް. އެހެންވީމައޭ މަ މި ކިޔަނީ ބޮޑެތި ލޯނު ނަގައިގެން ފޮރިން ރިލޭޝަންސް އާއި ޑިޕްލޮމެސީއާއި މި ޒާތުގެ އެއްޗެހި ކިޔަވައިގެން މި ގައުމަށް އަންނާނެކަމެއް ނެތޭ!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް