މާފަންނު ފެރީ ޓާމިނަލް ކުރިމަތީ އޮންނަ ޕާކިން ޒޯންގައި ސައިކަލުތައް ޕާކު ކޮށްފައި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އިންޝުއަރެންސް

އެއްގަމު އުޅަނދުތަކުގެ އިންޝުއަރެންސް ފުޅާކުރުން ލާޒިމްކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

މި އިސްލާހު ހުށަހެޅީ އެއްގަމު އުޅަނދު ފަހަރަށް ތާޑް ޕާޓީ އިންޝުއަރެންސް ލާޒިމްކޮށްފައިވީ ނަމަވެސް، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސް އެޅޭތީ

އެކްސިޑެންޓުގެ ސަބަބުން އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބޭ ގޮތަށް ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ކުރަންޖެހޭ ގޮތަށް ގާނޫނުގައި ހިމެނުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ތަފްސީލް - އެއްގަމު އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅީ، މެންބަރު ފާހަގަކުރައްވާފައިވާ ގޮތުގައި، އެއްގަމު އުޅަނދުފަހަރަށް ތާޑް ޕާޓީ އިންޝުއަރެންސް ލާޒިމްކޮށްފައިވީ ނަމަވެސް، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސް އެޅޭތީ އެވެ.

މާފަންނު ބަސް ސްޓޭޝަން ކައިރީ ހިނގި އެކްސިޑެންޓު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެކްސިޑެންޓުގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބޭނެ އުސޫލެއް ގާއިމު ކުރުމަށް ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ތައާރަފު ކުރުމުގެ ބޭނުމަކީ ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • އެކްސިޑެންޓެއްގެ ސަބަބުން ތިން ވަނަ ފަރާތެއް މަރުވުން ނުވަތަ ޖިސްމާނީ ހާނިއްކައެއް ވުމުން ނުވަތަ ތިންވަނަ ފަރާތެއްގެ މުދަލަށް ލިބޭ ގެއްލުމަށް ޒިންމާވުން

  • އަމިއްލަ އުޅަނދަކަށް އެކްސިޑެންޓުގެ ސަބަބުން ލިބޭ ސީދާ ގެއްލުމަށް އަދި އުޅަނދު ފުރޮޅައިލުމުގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްގެ އަސަރުކުރުމުން ލިބޭ ގެއްލުމަށް ޒިންމާވުން

  • އަލިފާނުގެ ސަބަބުން ނުވަތަ ވަގަށް ނެގުމުގެ ސަބަބުން ނުވަތަ ގެއްލުންދިނުމަށް ގަސްތުގައި ކުރާ ކަންކަމުގެ ސަބަބުން ލިބޭ ގެއްލުމަށް ޒިންމާވުން

  • ފެންބޮޑުވުމާއި ތޫފާނާއި އުދައެރުން ނުވަތަ މޫސުމީ ކާރިސާތަށް ފަދަ ގުދުރަތީގޮތުން ލިބޭ ގެއްލުމަށް ޒިންމާން

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނެގުން ލާޒިމުކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހެއް ހުށަހެޅިއިރު، މިހާރު ގާނޫނުގައި އޮންނަނީ އެއްގަމު އުޅަނދު ދުއްވާއިރު ހަމައެކަނި ތާޑް ޕާޓީ އިންޝުއަރެންސް ކުރަންޖެހޭ ގޮތަށެވެ.

ފާހަގަ ކުރެވޭ - މިހާރު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެއްގަމު ދަތުރުފަތުރުގެ ބިލުގައި ވެސް ކޮމްޕްރެހެންސިން މޮޓޯ އިންޝުއަރެންސް ނަގަންޖެހޭ ގޮތަށް ސީދާ ހިމަނައިފައެއް ނުވެ އެވެ.

އެ ބިލުގައި އޮތީ، ރާއްޖޭގައި އެއްގަމު އުޅަނދު ރެޖިސްޓާކޮށްދޭނީ، ގާނުނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރާ ގޮތުގެ މަތިން އުޅަނދު އިންޝުއާ ކުރުމަށް ފަހު ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް