މަހްލޫފް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

ޖަޕާނު ސަފީރަކަށް މަހުލޫފުގެ ނަން ފާސްކޮށްފި

މިދިޔަ ސަރުކާރުގައި ޔޫތު މިނިސްޓަރަކަށް ހުންނެވި މަހުލޫފު އިދިކޮޅު އެމްޑީޕީން ވަކިވެ، ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ މަހު

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މިފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް މަހުލޫފު އައްޔަންކުރުމަށް 60 މެންބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ތަފްސީލް - މަހުލޫފް ޖަޕާނު ސަފީރަކަށް އައްޔަންކުރުމަށް މަޖިލީހުން މިއަދު ފާސްކުރި އިރު، މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރު މިދިޔަ ޖުލައި މަހު އަވަހާރަވުމުން އެ މަގާމު އޮތީ ހުސްކޮށެވެ.

ފާހަގަ ކުރެވޭ - މަހުލޫފްގެ ސިޔާސީ ހަޔާތް ފެއްޓެވީ ޕީއެންސީގެ އިސް ބޭފުޅުން ކުރިން ތިއްބެވި ޑީއާރުޕީންނެވެ.

މިހާރުގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާއިން މަހުލޫފް އިންތިހާބުވެވަޑައިގެންނެވީ ވެސް ޑީއާރުޕީގެ ޓިކެޓުގަ އެވެ.

ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން 2011ގައި އުފެއްދި ޕީޕީއެމްއާ މަހްލޫފް ވެސް ގުޅިވަޑައިގެންނެވި އެވެ.

މަހުލޫފް ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ނުކުންނަވަ އެވެ. އެ ވެރިކަމުގައި އޭނާ ޖަލަށް ވެސްލި އެވެ.

އޭރު އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެއްވި އެވެ.

މަހްލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ 2018ގެ ރިޔާސީ އިންތިހާބަށް ފަހުގަ އެވެ. އެ އިންތިހާބަށް ފަހު އެކުލަވާލި އެމްޑީޕީގެ ސަރުކާރުގައި މަހުލޫފް ވަނީ ޔޫތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. އެ ޕާޓީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް