ޑރ. ސަންކަލްޕް ސިންގް މާލޭގެ ޔޫރޯ މެޑިކަލް ސެންޓަރުގައި: އޭނާ ވަނީ ދަރިމައިވުމުގެ މައްސަލަތައް ހުރި އެތަކެއް ސަތޭކަ ދިވެހިންނަށް ފަރުވާ ދީފައި (ދައުރު ފޮޓޯ)
ޑރ. ސަންކަލްޕް ދެ ދިވެއްސަކަށް ހިލޭ އައިވީއެފް ހެދުމުގެ ފުރުސަތު ދެއްވައިފި
ދަރިންނުލިބުމުގެ މައްސަލަތަކުގެ ފަރުވާއަށް ދިވެހިންގެ މެދުގައި މަޝްހޫރު އިންޑިއާގެ ޑޮކްޓަރު ސަންކަލްޕް ސިންގުގެ ހިލޭ އެހީގެ ދަށުން ދެ ދިވެއްސަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދެއްވައިފި އެވެ.
ތަފްސީލް - މިހާތަނަށް ހާހަކަށް ވުރެ ގިނަ ދިވެހިންނަށް ފަރުވާ ދެއްވާފައިވާ ޑޮކްޓަރު މި އެހީ ދެއްވީ އިންޑިއާގައި ހިންގާ އޭނާގެ އަމިއްލަ ކްލިނިކް، ޔާމީ ފާޓިލިޓީ އެންޑް އައިވީއެފް ސެންޓަރުގެ ހަތަރުވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.
އެހީ ދޭނެ މީހުން ކަނޑައެޅީ އެކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން ގުރުއަތު ނަގައިގެންނެވެ.
ޑރ. ސަންކަލްޕް ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި، އައިވީއެފް ހަދަން ބޭނުންވާ، އެކަމަކު މާލީ ތަނަވަސްކަން ނެތުމުން އެކަމަށް ހުރަސްއެޅިފައިވާ ދެ ދެމަފިރިއަކަށް ހިލޭ އެ ހިދުމަތް ދެއްވަން ނިންމެވިކަން އިއުލާން ކުރައްވާފަ އެވެ. ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ވީޑިއޯއެއްގައި އޭނާ ވިދާޅުވިގޮތުގައި:
-
އެ އެހީއަށް އެދި ކޮންމެ ބަޔަކަށް ވެސް ކުރިމަތިލެވޭނެ. އޭނާ ކައިރިން ކުރިން ފަރުވާ ހޯދި، އަދި އަލަށް ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު އޮތް
-
އިންޖެކްޝަން ޖަހައިގެން ވިޔަސް އަދި އެހެން ގޮތްގޮތުން ވެސް އައިވީއެފަށް ދާ ހުރިހާ ހަރަދެއް އޭގައި ކަވަރު ކުރާނެ
-
ފޯމު ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދިން
-
މުއްދަތު ހަމަވި އިރު 100އަށް ވުރެ ގިނަ ދެމަފިރިން އެކަމަށް ކުރިމަތިލި
ޑރ. ސަންކަލްޕް މިިދިޔަ ހުކުރު ދުވަހު ވަނީ ގުރުއަތު ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ކުރައްވާފަ އެވެ. ނަންތައް ލިޔެފައިވާ ކަރުދާސްކޮޅުތަކެއްގެ ތެރެއިން ދެ ގަނޑުކޮޅު ނަންގަވައި، ހޮވުނު ދެ ދެމަފިރިންގެ ނަންތައް އޭނާ އިއުލާން ކުރައްވާތަން އެއިން ފެނެ އެވެ.
އެނގުން މުހިއްމު - ޑރ. ސަންކަލްޕް އަންނަނީ 2009 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ ދިވެހިންނަށް ފަރުވާ ދެއްވަމުންނެވެެ. މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް މާލެ ވަޑައިގެން ޔޫރޯ މެޑިކަލް ސެންޓަރުގައި ވެސް އޭނާ ފަރުވާ ދެއްވަ އެވެ.