އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމެއްގައި މެންބަރު އަސްމާ (ފޮޓޯ/މަޖިލިސް)

މެސެޖާ އެކު މައްސަލަ ބޮޑުވެފައިވާ އަސްމާ އިޖުތިމާއީ ކޮމެޓީން ވަކިކޮށްފި

އަސްމާގެ ބަދަލުގައި އެ ކޮމެޓީއަށް ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ވަކީ އައްޔަންކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވަކިކޮށް ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ޖަލްސާގައި ރައީސާ ކުރަން ބޭނުންވާ ސުވާލު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާ ހިއްސާކޮށްދޭން އެދި އެ މެންބަރު ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގެ ސަބަބުން ރައީސްގެ ނުރުހުން އަސްމާއަށް ރައްދުކުރެއްވި ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އަސްމާ ވަކިކުރެއްވި ކަމަށް ވެސް ހުކުރު ދުވަހު އަޑުފެތުރުނެވެ.

ތަފްސީލް - އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުންނާއި ކޮމެޓީގެ މެންބަރުކަމުން ވަކިކޮށް، އަސްމާގެ ބަދަލުގައި އެ ކޮމެޓީއަށް ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އައްޔަނުކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި އެވެ.

އަސްމާ އިޖުތިމާއީ ކޮމެޓީން ވަކިކުރި އިރު، އޭނާގެ ދާއިރާގެ މެންބަރުންނަށް މިދިޔަ ބުދަ ދުވަހު ފޮނުއްވި މެސެޖާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން، އޭނާ ވަނީ ފަހުން މައާފަށް އެދިވަޑައިގެންފަ އެވެ.

 ރައްޔިތުންނަށް ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ ބައްދަލުވުމުގައި ރައީސާ ކުރަން ބޭނުންވާ ސުވާލު މެންބަރާ ހިއްސާކުރުމަށް އެދި ފޮނުވި މެސެޖުގެ މާނަ އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާ ކަމަށް އަސްމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އަސްމާ ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް އެ މެސެޖު ފޮނުއްވީ، އެ ބައްދަލުވުމުގައި އެއްވެސް ސަބަބަކާ ހުރެ ރައީސާ ސުވާލު ކުރުމުގެ ފުރުސަތު ނުލިބޭ މީހުންގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސާ ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

އެއީ އަމިއްލަ ހައިސިއްޔަތުން ފޮނުއްވި މެސެޖެއް ކަމަށާއި މާފަންނު މެދު ދާއިރާގެ ކޮންމެ ރައްޔިތަކަށް ވެސް އެ މީހެއްގެ އަމިއްލަ ހިޔާލާއި ކަންބޮޑުވުން ފާޅުކުރުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަސްމާގެ ބަޔާނުގައި ވިދާޅުވި އެވެ.

ކޮމެންޓް (4)

ޢަނީސް

2 ޑިސެމްބަރު 2025
ޙަގީގަތަކީ އަސްމާގެ ދާއިރާގެ ރައްޔިތުންނާ އަސްމާއަށް ވާހަކަދެކެވި ސުވާލެއް އޮތިއްޔާ އެސުވާލުތަކެއް އެއްކުރެވި، ރައީސާއި ސުވާލުކުރަންލިބޭ ފުރުޞަތުގައި އެފަދައިން އެކަންކުރުމަކީ އަސްމާގެ ވާޖިބުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި އަދާކުރާ މަސްއޫލިއްޔަތާއި އޭނާގެ ޕޮފެޝަނަލް ރައިޓެއްގެ ބޭނުންހިފީ. ނަމަވެސް މިހާރު އެވަނީ އޭނާގެ އެތައް ޙައްގަކަށް ރައީސުލްޖުމްހޫރިއްޔާ އަރައިގެންފަ. ދެން އެދާއިރާއަށް އަސްމާ ނުހޮވޭނެފަދައިން އަސްމާ ލަދުގަންނުވާފަ. އަސްލަކީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނުބުނާގޮތުން މިނިވަންތަނެއް އެކަމަކު އެތަނުގެ މެންބަރަކު ދެއްކިވާހަކައަކަށް ރައީސުލްޖުމްހޫރިއްޔާ ވެންނެވީ. އެއީ ގޯހެއް.
0 0

ތެފައާސާ.

1 ޑިސެމްބަރު 2025
އަސްމާއްތައަށް ހާދަވަރެކޭ މި ކޮށްލަނީ. މިއީ ކޮންމެވެސް އެހެން ހަސަދައެއް. އަސްމާއްތަ ކުރި ކަމަކުން ސަރުކާރަށް/ރައީސަށް ލިބުނު ހުތުރު ނަމަކަށްވުރެ މާ ހުތުރު ނަންނަން ލިބޭ ކަންކަން ކުރި/ކުރާ މީހުން އެބަތިބި. ހިރުވާތަން ކަހާވެސް ނުލާ!!!
2 0

ތޯލާފުޅިއަކަށް

1 ޑިސެމްބަރު 2025
މުއިއްޒު އަރިއަށޭ ބުނެފިއްޔާ އަރިއަށް. ގުދަށޭ ބުނެފިއްޔާ ގުދަށް ހަމަ އޮންނަން ޖެހޭނީ. މިއީ އިއްޒަތްތެރި މެމްބަރު އަސްމާމެންގެ ސައިޒު. މާ ވައްތަރު ކުރަންޏާ މުންދޫދުވެސް ކަނޑާލެވިދާނެ.
1 0

ހީވެސްނުވޭ

1 ޑިސެމްބަރު 2025
އަސްމާތައް މެންނަށް މާ ބޮޑު ކަމެއް ނޫން ތިއީ. އުޑާ ޖެހޭ މައްޗަށް ގެދޮރު އެހެރީ ބުރި ބުރިއަށް ނަގާފައި. ދެން ދައުލަތުގެ ދެބައިކޮޅު އެއްބައި އޮފީސް އެ ހިންގަނީ އެތަނުގައި ކުއްޔަށް ނަގައިގެން. ތިހެން އަދި ކޮމިޓީ އަކުން ކަނޑާލިޔަސް އެކައުންޓަަކަށް ހީވެސް ނުވާނެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް