ހަށިވިއްކަމުން ދަނިކޮށް ހުޅުމާލެ ފޭސް 2ގެ ހިޔާ ޓަވަރު 12ގެ އެޕާޓުމެންޓަކުން ހައްޔަރު ކުރި މީހުން. (ފޮޓޯ/ޕޮލިސް)

ހަށިވިއްކުން

ބޭރުން މީހުން ގެނެސްގެން ހަށިވިއްކި ބަޔަކު ފޭސް 2 އިން ހައްޔަރުކޮށްފި

އެ މީހުން ހައްޔަރު ކުރީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް ފައިސާއަށް ހަށި ވިއްކުވާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި

ހުޅުމާލެ ފޭސް 2ގެ ހިޔާ ޓަވަރެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށި ވިއްކުވައި ފައިސާތައް ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ތަފްސީލް - މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި އުޒްބަކިސްތާނަށް ނިސްބަތްވާ 4 އަންހެނުންނެވެ.

އެ މީހުންގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:

  • ހުސެން ސޮލާހު 40، ކިއުބާ/ރ. ރަސްގެތީމު

  • ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ، 40

  • ޑިލްޑޯރާ އެގަމްނަޒޮވާރާ، 31

  • ޝަހުޒޮޑަޚޮން ރުސްތަމޯވާ، 28

  • މިޑަބޮނޫ ނެމަޓޯވާ، 34

މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓުމަންޓެއް ބަލައި ފާސްކޮށް ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން:

  • މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރަނީ ސޮލާހު އަށާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާއަށް

  • އެ މީހުން ހައްޔަރުކޮށް އެޕާޓުމެންޓު ބަލައި ފާސްކުރިއިރު، 19،100އަށް ވުުރެ ގިނަ ޑޮލަރާއި 18،000ރ.އަށް ވުރެ ގިނަ ފައިސާ ފެނިފައިވޭ

  • މި ފަސް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާއަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް ތިން އަންހެނުންނަށް 5 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައި

ގުޅުން ހުރި - ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހުޅުމާލޭން ހައްޔަރު ކުރި އިރު، ހަމަ އެ ރޭ ގދ. ތިނަދޫގައި ހަށިވިއްކަމުން ދިޔަ ދެ މީހަކު ވަނީ ބަދުއަހުލާގީ އަމަލު ހިންގަމުންދަނިކޮށް، ކުށުގެ ވެށިން ހައްޔަރުކޮށްފަ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް