މުހައްމަދު އަލީ (ކ) އަދި އައިމިނަތު އަލީ.
ބޭބެ ވަޅުނުލެވި އުޅެނިކޮށް، ކޮއްކޮ ވެސް ވަކިވެއްޖެ
އިއްޔެ އަކީ ބ. އޭދަފުއްޓަށް 'އަނދިރި' ދުވަހެކެވެ. ރަށުގެ ތަރައްގީގެ އެއް ހިދުމަތްތެރިޔާ އަދި ރާއްޖޭގައި ހުރި އެންމެ ރީތި މިސްކިތުގެ ބާނީ މުހައްމަދު އަލީ، އިންޑިއާގެ ޗެންނާއީގައި އަވަހާރަވީ މުޅި ރަށަށް ހިތާމައިގެ ސާލެއް ފަތުރުއްވާލައްވަމުންނެވެ. އެކަމަކު އެ އާއިލާއަށް ކުރިމަތިވި ހިތާމަ އެއަށް ވުރެ ބޮޑެވެ.
މުހައްމަދު އަލީގެ މަރަށް 24 ގަޑިއިރު ނުވަނީސް، އެ ހަބަރާ އެކު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އައިމިނަތު އަލީ ވެސް ވަކިވީ އެވެ. އެއް އާއިލާއަކުން ދެ ޖަނާޒާ ނެރެން ޖެހުނީ އެވެ.
"އާއިލާއަށް ކުރިމަތިވި ވަރަށް ބޮޑު ހިތާމައެއް މިއީ. ބޭބެގެ ޖަނާޒާއަށް އިންޑިއާއަށް ދާން ރެޑީވެފައި ތިއްބާ ކޮއްކޮ މި ނިޔާވީ،" އެ އާއިލާގެ ގާތް މީހަކު 'ދައުރު'އަށް ކިޔައިދިނެވެ.
އުމުރުން 91 އަހަރުގައި މުހައްމަދު އަލީ އަވަހާރަވީ، ސިއްހީ ހާލަތު ދަށްވެ، ކޮޗިންގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ހަގަށް ހުންނަ ކޮއްކޮ، އައިމިނަތު، 85، ބަލިވެ އުޅޭތާ މިހާރު ފަސް އަހަރުވެއްޖެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ހިނގާބިނގާވެ ނޫޅެވޭތީ، މިވީ ދުވަސްތަކުގައި އޮތީ އެނދުމަތިވެފަ އެވެ. އެކަމަކު އޭނާއަށް ވާނުވާ އެނގޭ ކަމަށް އާއިލާއިން ބުނެ އެވެ. މީގެ ތިން އަހަރު ކުރިން އަވަހާރަވި، އެ އާއިލާގެ އެންމެ ހަގަށް ހުންނަ، ތައުލީމީ ހިދުމަތްތެރިޔާ އަހުމަދު އަލީގެ މަރުގެ ހަބަރު ލިބުމުން ވެސް އައިމިނަތުގެ ހާލަތު ވަރަށް ބޮޑަށް ދަށްވި ކަމަށް އާއިލާއިން ބުނެ އެވެ.
"ބޭބެ ނިޔާވި ހަބަރު އާއިލާގެ މީހަކު ވެސް ނުދޭކަމަށް ވަނީ. އެކަމަކު ގޭތެރެއިން އެ ވާހަކަ އިވިފައި އޮވެދާނެ ކަމަށް އެ މީހުން ބުނޭ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ހަމަ ކުއްލިއަކަށް އޭނާގެ ހާލު ގޯސްވެ، ވެއްޓުނީ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި."
އެނގިފައިވާ ގޮތުގައި މުހައްމަދު އަލީ އަދި އައިމިނަތުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު އެވެ.
އޭދަފުށީ މީހުން ބުނާ ގޮތުގައި، އެއީ ތައުލީމީ އަދި އަހުލާގު ރަނގަޅު ދަރިންތަކެއް މުޖުތަމައަށް ނެރުނު އާއިލާ އެކެވެ. އެހެންވެ، އާއިލާގެ އިސް މީހުންތަކެއް ކައިރިކައިރީގައި މިގޮތަށް ވަކިވެގެން ދިޔުން އެއީ ރަށަށް ވެސް ލިބުނު ބޮޑު ގެއްލުމެއް ކަމަށް އެ މީހުން ބުނެ އެވެ.