މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު މަޖިލީހުގެ ކޮމެޓީއެއްގައި.
ދާއިރާގެ ރައްޔިތުންނަށް ފޮނުވި މެސެޖުގެ މާނަ އޮޅުނު ނަމަ މައާފަށް އެދެން: މެންބަރު އަސްމާ
ރައީސް މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ޖަލްސާގައި ރައީސާ ކުރަން ބޭނުންވާ ސުވާލު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާ ހިއްސާކޮށްދޭން އެދި އެ މެންބަރު ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖުގެ މާނަ އޮޅުން އަރާފައިވާ ނަމަ، އެ ކަމަށް މައާފަށް އެދޭ ކަމަށް އަސްމާ ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، އަސްމާ ވަނީ އެ ބައްދަލުވުމުގައި ރައްޔިތުން ރައީސާ ކުރަން އެދޭ ސުވާލުތައް ހިއްސާކޮށްދޭން އެދި އޭނާގެ ދާއިރާގެ މެންބަރުންނަށް މިދިޔަ ބުދަދުވަހު މެސެޖެއް ފޮނުއްވައިފަ އެވެ.
-
އެ މެސެޖާ ގުޅިގެން އަސްމާއަށް ފާޑުކިޔުން އަމާޒުވެފައިވޭ
ތަފްސީލް - ރައްޔިތުންނަށް ރައީސްއާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ ބައްދަލުވުމުގައި ރައީސާ ކުރަން ބޭނުންވާ ސުވާލު މެންބަރާ ހިއްސާކުރުމަށް އެދި ފޮނުވި މެސެޖުގެ މާނަ އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާ ކަމަށް އަސްމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
އަސްމާ ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް އެ މެސެޖު ފޮނުއްވީ، އެ ބައްދަލުވުމުގައި އެއްވެސް ސަބަބަކާ ހުރެ ރައީސާ ސުވާލު ކުރުމުގެ ފުރުސަތު ނުލިބޭ މީހުންގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސާ ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
އެއީ އަމިއްލަ ހައިސިއްޔަތުން ފޮނުއްވި މެސެޖެއް ކަމަށާއި މާފަންނު މެދު ދާއިރާގެ ކޮންމެ ރައްޔިތަކަށް ވެސް އެ މީހެއްގެ އަމިއްލަ ހިޔާލާއި ކަންބޮޑުވުން ފާޅުކުރުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަސްމާގެ ބަޔާނުގައި ވިދާޅުވި އެވެ.
ގުޅުން ހުރި - ރައީސް މުއިއްޒު މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން މިދިޔަ ހަފްތާގައި ވަނީ ވިލިމާލެ އަދި މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ.