މީގެ ކުރިން ބޭއްވި ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން: ކެބިނެޓުގެ ރުހުމާއެކު އެސްއޯއީތަކަށް ރިސޯޓު ތަރައްގީ ކުރުމަށް ދެވޭ ގޮތަށް ހެދުމަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ވަނީ ހުށަހަޅާފައި (ފޮޓޯ/ރައީސް އޮފީސް)

ސަރުކާރު ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރުމަށް ރަށާއި ބިން ދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

އެސްއޯއީތަކަށް ރިސޯޓު ހަދަން ދެވެނީ ކެބިނެޓުގެ ރުހުމާ އެކު ކަމަށް އިސްލާހުގައި ބުނޭ؛ އެ ކުންފުންޏަކީ މަދުވެގެން ސަރުކާރުގެ %45 ހިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހޭ

ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ސިނާއަތުގެ ވިޔަފާރިތައް ކުރެވޭ ގޮތް މަގުފަހިކުރުމަށްޓަކައި، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން ޓޫރިޒަމް ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާން އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ސްޕޮންސާ ކުރެއްވި މެންބަރު ސިނާން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ތަފްސީލު - މި ބިލުގައި ގެންނަ ބޮޑު އެއް ބަދަލަކީ ސަރުކާރު ކުންފުނިތަކަށް ރިސޯޓު ހެދުމަށް ތަންތަން ކުއްޔަށް ދޫކުރެވޭ ގޮތަށް ހެދުމެވެ.

ގާނޫނުގެ ފަސް ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން ބިމާއި ފަޅު ކުށްޔައް ދެވެނީ ތިން ގޮތަކަށެ އެވެ. އެއީ:

  • 1-

    ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން، ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުށްޔަށް ދިނުން؛ ނުވަތަ

  • 2-

    ހިންގުމަށް ބޭނުންވާ މަޝްރޫއޫއެއްގެ ތަފްސީލާ އެކު، އެތަނަކަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން އެ ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުށްޔަށް ދިނުން

  • 3-

    ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލު ކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ރިސޯޓެއް ތަރައްގީކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރުން

އެ މައްދާއަށް އިތުރު އަކުރެއްގެ ގޮތުގައި ސަރުކާރުން ހުށަހެޅީ، ދައުލަތުގެ ކުންފުންޏަކަށް ރިސޯޓެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކަނޑައެޅޭ ވަކި ޝަރުތުތަކާ އެކު ދޫކުރެވޭ ގޮތަށް ހެދުމަށެވެ.

އެ ޝަތުރުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެސްއޯއީއަކަށް މިގޮތަށް ތަނެއް ދޫކުރަން ވާނީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން އަދި އެފަދައިން ދޫކުރާނެ ރަށް، ބިން ނުވަތަ ފަޅު އަދި އެތަނެއްގެ ދޫކުރާނީ ދައުލަތުގެ ކޮން ކުންފުންޏަކަށްތޯ ވަޒީރުންގެ މަޖިލީހުން ފާސް ކުރަން ޖެހޭނެ

  • ދައުލަތުގެ ކުންފުންޏަށް އެތަނެއް ދޫކުރެވޭނީ، މި އިސްލާހުގައިވާ ގޮތުގެ މަތިން، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން

  • އެ އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް، އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ ނުވަތަ ސަބްލީސްކޮށްގެން ނުވާނެ

  • ދޫކުރާ ތަނަށް ދަކަން ޖެހޭ އެކުއިޒިޝަން ފީ އެ ކުންފުނިން ސަރުކާރަށް ދައްކަންވާނެ

  • އޭގެ އިތުރުން، ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ ހާލަތްތަކުގައި، މިނިސްޓްރީން ކަނޑައަޅާ ފައިސާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ތަރައްގީގެ މަޝްރޫއޫއަކަށް ހަރަދުކުރުމަށް ޝަރުރު ކުރެވިދާނެ

މި އިސްލާހުގައިވާ ގޮތުން ޔޮޓް ބަނދަރު ހިންގުމަށް ވެސް ރަށްރަށާއި ފަޅު ބިން ދައުލަތުގެ ކުންފުނިތަކަށް ދެވޭ ގޮތަށް ހިމަނާފައިވެ އެވެ. އަދި ދައުލަތުގެ ކުންފުނި ކަމަށް މާނަ ކުރަނީ އެ ކުންފުންޏެއްގައި މަދުވެގެން ސަރުކާރުގެ %45 ހިއްްސާ އޮންނަ ކުންފުނިތަކަށެވެ. 

މި ބަދަލުތަކަށް އަމަލު ކުރަން ފެށުން އޮތީ، ބިލު މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން ތިން މަސް ތެރޭ މި ބަދަލުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވައިދުތައް ހަދަން ލާޒިމްކޮށްފައިވެ އެވެ.

ކޮމެންޓް (1)

ސިކުނޑި

26 ނޮވެމްބަރު 2025
އެސްއޯއީ ތަކަކީ މިގައުމުގެ ހަލާކު! ސަރުކާރުން ގެންގުޅޭ ކްރެޑިޓް ކާޑެއް! އުވާލާފަ ޕްރައިވެޓް ސެކްޓަރ ވަރުގަދަ ކުރަންޖެހޭ! އެހެން ނޫނީ ދުވަހަކުވެސް އިގްތިސާދު ކޮޅަށް ނުޖެހޭނެ! ނޭނގި ތިއްބާ ދަރަނި މަތިމައްޗަށް ޖެހެމުންދާއިރު މާދަމާ އަންނަން އޮތް ޖީލާމެދު ވިސްނާލަންޖެހޭ! އަމިއްލަ އެދުމުން ފޯވެގެން ތިބިއިރު އަހަރުމެންނަކީވެސް މާޒީއަށް ވެގެންދާނެ ދުވަހެއް އަންނާނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް