ގދ. ތިނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/އާރުޑީސީ)

ގދ. ތިނަދޫ

ތިނަދޫ ރައްވެހިކަން ދޫކޮށްލާ ނަމަ އަނެއްކާވެސް ބޮޑު ފީއެއް ނަގަން ފަށައިފި

ފީ ނަގަން ތިނަދޫ ކައުންސިލުން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި. އެކަމަކު ލޯކަލް ގަވަމެންޓް އޮތޯރިޓީން އެކަން ކުރަމުން ދަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ބުނުމުން ފަހުން ވަނީ ފީ ނެގުން ހުއްޓާލާފައި
26 ނޮވެމްބަރު 2025
1

ގދ. ތިނަދޫގެ ރައްވެހިކަމުން އުނިވާ ނަމަ 5،000ރ.ގެ ފީއެއް ދެއްކުމަށް އެ ރަށު ކައުންސިލުން އަނެއްކާވެސް ނިންމައި، ފީ ނަގަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ތިނަދޫގެ އާބާދީ ހިފެހެއްޓުމުގެ މަގްސަދުގައި ކަމަށް ބުނެ، ރައްޔިތުކަމުން އުނިވާ މީހުންގެ އަތުން ބޮޑު ފީއެއް ނަގަން އެ ރަށު ކައުންސިލުން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އެކަމަކު މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ، ތިނަދޫ ކައުންސިލުން އެކަން ކުރަމުން ދަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ބުނެފަ އެވެ. އެހެންވެ، ކައުންސިލުން ފަހުން ވަނީ ފީ ނެގުން ހުއްޓާލާފަ އެވެ.

ތަފްސީލް - ތިނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެލްޖީއޭގެ އެދުމާ އެއްގޮތަށް އެކަމުގައި ރައްޔިތުންގެ ރުހުން ހުރިގޮތް ބަލާފައި ކަމަށެވެ.

އެގޮތުން:

  • ރައްޔިތުންގެ ރުހުން ހުރި ގޮތް ބެލުމަށް، މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ބައްދަލުވުމެއް ބޭއްވި

  • އެ ބައްދަލުވުމުގައި، ރައްޔިތުކަމުން އުނިކުރުމުގެ ފީގެ ގޮތުގައި ނަގާނެ އަދަދުގެ ގޮތުގައި 0-5،000ރ.ގެ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް އިހްތިޔާރު ދިން

  • އެ އިހްތިޔާރު ދިނީ ގޫގަލް ފޯމެއް މެދުވެރިކޮށް

ތިނަދޫ ކައުންސިލުން ބުނީ ހިޔާލު ހުށަހެޅުމުގެ އެ ބައްދަލުވުމުގައި ބައިވެރިންގެ މެޖޯރިޓީ ބޭނުންވީ ފީގެ ގޮތުގައި 5،000ރ. ނަގާށެވެ. އެހެންވެ، މި މަހު 16 ވަނަ ދުވަހުން ފެށިގެން އެ ފީ ނަގަން ފަށާފައިވާކަން ވަނީ އިއުލާންކޮށްފަ އެވެ.

ތިނަދޫ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، އެ ފަދަ ފީއެއް ނަގަން ނިންމީ ރަށްވެހިކަން ދޫކޮށް، އެހެން ރަށްރަށަށް ބަދަލުވުމުން ތިނަދޫގެ އާބާދީއަށް ނުރަނގަޅު އަސަރު ކުރަމުން ދާކަން ފާހަގަ ކުރެވޭތީ އެވެ. އަދި އެއީ ތިނަދޫގެ އާބާދީ އިތުރުކުރުމަށް ބާރު އެޅުމަށް ކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެނގުން މުހިންމު - ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ތިނަދޫ އަކީ ގދ.ގެ ވެރިކަންކުރާ ރަށް ކަމަށްވާއިރު ސިޓީގެ ދަރަޖަ ދިނުމާ ހަމައަށް ތިނަދޫގައި ރަޖިސްޓްރީވެފައިވާ އާބާދީގެ އަދަދަކީ 7،906 އެކެވެ. 

ކޮމެންޓް (1)

ށިމާދު

26 ނޮވެމްބަރު 2025
ސައުދުގެ އުދަގޫ އަނެއްކާ ލައިގަތީ!! އަނެއްކާ ސަސްޕެންޑް ކުރީމަ މައިތިރި ވާނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް