ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކާ މަޝްރޫއުގެ މަސައްކަތް އަލުން ފެށުން. (ފޮޓޯ/ރައީސް އޮފީސް)

އަންނަ އޭޕްރީލާ ހަމައަށް މާލެ ސަރަހައްދުގެ ބިން ހިއްކާ ނިމޭނެ: ރައީސް

މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދަކީ ފުއްދޭނެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދަވާނެ ކަމަށް

އަންނަ މާޗު ނުވަތަ އޭޕްރީލް މަހާ ހަމައަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ހިއްކަން ޖެހޭ ހުރިހާ ބިމެއް ހިއްކައި ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަމީނިއްޔާ ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދަކީ ފުއްދޭނެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދަވާނެ ކަމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދު، ހައުސިން ވައުދަކީ ފުއްދޭނެ ވައުދެއް. ފުއްދާނެ ވައުދެއް. މިހާރު ވެސް މިއޮތީ ވަރަށް ގިނަ މަސައްކަތް ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

"ބިން ކްރިއޭޓު މިވަނީ އިރާދަކުރެއްވިއްޔާ. މި އަންނަ މާޗު، އޭޕްރީލާ ހަމައަށް ދާއިރު މި އޮތީ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ހިއްކެން އޮތް ހުރިހާ ތަނެއް ހިއްކާ މި ނިމެނީ."

ރައީސް ވަނީ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ވެސް ހިއްސާކުރައްވައިފަ އެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެގޮތުން ވިދާޅުވީ:

  • ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުން އަވަސް ކުރުމަށް އިތުރު ދެ ޑްރެޖަރު މިއަދު ޖައްސާނެ؛ ހުއްޓާނުލާ މަސައްކަތްކޮށް އެ މަސައްކަތް އެއްކޮށް އަންނަ މަހު ނިންމާނެ

  • ހުޅުމާލެ ފޭސް 3 ހިއްކާ ނިމެންވާއިރަށް ގިރާވަރުފަޅުން ހިއްކާ ސަރަހައްދުގައި ބަންޑުވޯލް ޖަހާނެ؛ އީއައިއޭ ފާސްވުމުން އެ ސަރަހައްދު ހިއްކުމަށް ހުޅުމާލެ ފޭސް 3 ހިއްކާ ޑްރެޖަރުތައް ދާނެ؛ އަންނަ ޖެނުއަރީ ކުރީކޮޅު މަސައްކަތް ފަށައި މާޗު މަހުގެ ކުރީކޮޅު އެ މަސައްކަތް ނިމޭނެ

  • ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި ގޮތަށް އުތުރު ތިލަފަޅު ހިއްކާނެ

ރައީސް ވިދާޅުވީ ގޯތީގެ އަދި ފްލެޓުގެ މައްސަލަ މި ދައުރު ނިމޭއިރު ހައްލުވާނެ ކަމަށެވެ.

"މާލޭގައި ދިރިއުޅޭ އެއްވެސް ވަރެއްގެ ބޯހިޔާވަހިކަމެއް ނެތް، ފަސްޓް ހޯމް ނެތް 18 އަހަރުން މަތީގެ އެންމެންނަށް އެ މައްސަލަ ހައްލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތީމާ އަދިވެސް އެއް ފަހަރު އެ ޔަގީންކަން ތިބޭފުޅުންނަށް ދެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގުޅުން ހުރި - ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނެސްދިނުމަށް ރަސްމާލެ އިން 15،000 ގޯތި އަދި މާލެ ސަރަހައްދުން 7،000 ފްލެޓު ދޭނެކަން ރައީސް ވަނީ މިދިޔަ ޖުމްހޫރީ ދުވަހު އިއުލާނު ކުރައްވައިފަ އެވެ. އެ ފްލެޓުތަކަށާއި ގޯތިތަކަށް ކުރިމަތިލާން އަންނަ ޖެނުއަރީ މަހު ހުޅުވާލާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް