އެމްޑީޕީގެ ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭރުގެ ނައިބު ރައީސް ފައިސަލްއާ އެކު ފައްޔާޒު. (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

ނަޝީދު ފެއްޓެވި ރިޔާސީ ރޭހުގެ ބަހުސާ އެކު ސޯލިހާއި ފައްޔާޒުގެ އަރައިރުމަކަށް

ނަޝީދު ވިދާޅުވީ ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާނީ އެ ދެ ބޭފުޅުން ވެސް ވާދަނުކޮށް އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމުން ކަމަށް

މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވި ގޮތާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވި ރިޔާސީ ބަހުސްއާ އެކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަންކަމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލާ ދެމެދު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވަމުން ފައްޔާޒު ވަނީ، އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުން ނައްތާލަން ކުރި މަސައްކަތްތައް ކާމިޔާބުނުވީ، އެ ޕާޓީގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުންނާއި އެ ޕާޓީގެ އެޑްވައިޒަރު ސޯލިހު ހިމެނޭހެން އެކަންކުރަން ބޭނުންނުވުމުން ކަމަށް ދޭހަވާ ގޮތަށް ރޭ  ވާހަކަދައްކަވާފަ އެވެ.

ތަފްސީލް - އެ ޕާޓީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ރިޔާސީ ބަހުސް ފެއްޓެވީ، ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި އެމްޑީޕީއަށް ރިޔާސީ އިންތިހާބު 2023 އާއި މަޖިލިސް އިންތިހާބު 2024 ގެއްލުނު ގޮތް ސާފުކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެ، މިއަދު ފޮނުއްވި މެސެޖެއްގަ އެވެ.

އެއާ އެކު ދެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު "ކުރިމަތިނުލައި ރައީސް ސޯލިހަށް ފުރުސަތު ދިނުމަށް ދެ ފަހަރު މަސައްކަތް ކުރިން" ކަމަށާއި އެކަން "ހަރާބުވީ" ސޯލިހްގެ ބައެއް އަރިސް ބޭފުޅުން އަދި ސޯލިހަށް ވެސް އެ ގޮތް ކަމުނުދިއުމުން ކަމަށެވެ.

"އަޅުގަނޑުމެން ނުލާ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް މާ ބޮޑަށް ދެކެވި، މުޅިކަން ހަރާބުވީ،" ސޯލިހާ ވާދަކުރައްވައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވި ނަޝީދުގެ މެސެޖްގައި ލިޔުއްވި އެވެ. 

އަދި 2028 ކާމިޔާބުވާނީ އެ ދެ ބޭފުޅުން ވެސް ވާދަނުކުރައްވައި އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އަނެއްކާވެސް ދަންނަވާނަން. އެމްޑީޕީއަށާއި ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ރައީސް އިބޫ ވެސް އަދި އަޅުގަނޑު ވެސް 2028ގެ ރިޔާސީ އިންތިހާބަށް ވާދަ ނުކުރުން. އަޅުގަނޑުމެން އެންމެން އެއް ކެންޑިޑޭޓު ފަހަތަށް އެރުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ އެތައް އިރެއް ފަހުން، ސޯލިހު އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން "އެންމެ ފަހުން ދެކެވުނު ވާހަކަތައް ކަމަށް ބުނެ މިތާ މި ދެކެވެނީ އޭގެ އެއް ބައި" ކަމަށެވެ. 

"އޭގެ ހުރިހާ ތަފްސީލުތަކެއް އަޅުގަނޑު ނުދައްކާ މި މަޑުކުރަނީ މަސްލަހަތަށްޓަކައި. މިއީ އެންމެން އެކުގައި ޕާޓީ އައިގެން ކުރިއަށް ދާންވީ ވަގުތު ކަމަށް އަޅުގަނޑު ދެކެން،" ވަކި ބޭފުޅެއްގެ ނަން ނުޖައްސަވައި ސޯލިހު އެ ގްރޫޕަށް ފޮނުއްވި މެސެޖުގައިވެ އެވެ.

ސޯލިހުގެ އެ މެސެޖަށް ރައްދުދެއްވައި ފައްޔާޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ "ތިއީ ކަނޑައެޅިގެން އިތުރުފުޅެއް" ކަމަށެވެ.

"އެހެނީ ތިއީ އަޅުގަނޑާ މަޝްވަރާކުރެވުނު ވާހަކަތަކުގެ މައްޗަށް ވިދާޅުވި ވާހަކައެއް ނަމަ. ކޮންމެވެސް ވަރަަކަށް ސިޔާސީ ކަންކަމުގައި ވެސް، 'އޮނާ އަމަންގްސް ތީވްސް'އޭ ބުނާ ގޮތަށް ކަންކަން ގެންގުޅުއްވުން ރަނގަޅު. ތި އިޝާރާތްކުރެއްވީ އެހެން ބައެއް މެދުވެރިވެ ދެކެވުނު ވާހަކަތަކެއް ނަމަ ވެދާނެ،" މިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒުގެ މެސެޖުގައިވެ އެވެ.

ފާހަގަކޮށްލެވޭ - އެމްޑީޕީ ބައިބައިވި ގޮތާ ބެހޭ ބެހޭ ގޮތުން އިސްތިއުފާ ދެއްވަމުން ފައްޔާޒު ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން ނަޝީދު ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފަ އެވެ. އެކަމަކު މިވާހަކަތަކަށް ފަހު އަނެއްކާވެސް ނަޝީދާއި ސޯލިހާ ދެމެދު ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފަ އެވެ.

މި ހިތްހަމަނުޖެހުންތަކާ އެކު އެމްޑީޕީގެ މިހާރުގެ އަދި ކުރީގެ ވެސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު އަނެއްކާވެސް މެސެޖުތައް ލިއުއްވަން ފެއްޓެވިއިރު، މީގެ ކުރިން އެމްޑީޕީން ވެރިކަމުގައި އޮތްއިރު 2021 ވަނަ އަހަރުގެ ތެރޭގައި ވެސް މި ގްރޫޕުގައި މިފަދަ ހޫނު ބަހުސްތަކެއް ހިނގި އެވެ.

އޭރު މި ބަހުސްތައް ހޫނުވީ ނަޝީދު ފައްޔާޒަށް ރައްދުވާ ގޮތަށް ގުރޫޕްގައި ލިޔުއްވި މެސެޖުތަކާކާ ގުޅިގެންނެވެ. އެގޮތުން "ފައްޔާޒް ފޮރުވުމަށް ކުރައްވާ މަސައްކަތުން ރައީސް ސޯލިހް ހަލާކުވާނެ" ކަމަށް އޭރު ނަޝީދު ވިދާޅުވި އެވެ. 

އެ މެސެޖަަށް ފައްޔާޒު ދެއްވި ރައްދާ އެކު ބަހުގެ ހޫނު ހަމަލާތަކެއް ހިނގައި ރައްޔިތުންނަށް ފެންނަ ގޮތަށް، އާންމު ބަހުސްކަށް އަރަން އެކަކު އަނެކަކަށް ދައުވަތު ދެއްވާ ހިސާބަށް ވެސް އެ ޒުވާބުތައް ދިޔަ އެވެ.

ކޮމެންޓް (4)

ފަނި

25 ނޮވެމްބަރު 2025
ކަތުރު ފަނި އަނެއްކާ ހިލުނީ އުތަ
2 0

ކިހިނެއް ވާނެ

24 ނޮވެމްބަރު 2025
މިފަހަރު ތަފާތަކީ އަންނި ފަޔާ އެކުގަ ތިބުން. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ފަޔާ އަދި ނައިބު ކަމަށް ޝާހިދު ނުކުންނަމާ. އަންނި އިބޫ ތިބޭނީ އެކުގައި މި ދަތުރު ޕާޓީއަށް ކާމިޔާބު ކޮށްދޭން.
1 5

ކލގޔ

25 ނޮވެމްބަރު 2025
@ކިހިނެއް ވާނެ އަންނި ނޫޅޭ އެހެން މީހަކަށް ވެރިކަން ކުރިޔަދޭކަށް، އޭނާޔަށް އިނގޭދެން ދިވެހި ހުރިހާ ރައްޔިތުން ލާ ވޯޓަކުން ދެން ނުހޮވޭނެކަން، ދެންވެސް އެމްޑީޕީގެ އެހެން މީހަކު ވެރިޔަކަށް އަޔަސް އޭނާ އުޅޭނީ ބަރުލަމާނީ އަށް ވެރިކަން ފުރުޅާލާގެން މާލޭގެ ދެތިން އާއިލާގެ ވޯޓުން މަޖިލީހަށް އައިސް ރާއްޖޭގެ ބޮޑު ވަޒީރު ކަން ކުރަން.
6 0

ކޯޅުން

25 ނޮވެމްބަރު 2025
@ކިހިނެއް ވާނެ އިބޫގެ ވެރިކަމުގެ އެންމެ ބޮޑު ހަކާކަކީ ފަޔާ. ފަޔާ ލައިގެން ކެއްކޭނެ ރިހައެއް ނޯންނާނެ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް