އެމްޑީޕީން 2022ގައި ބޭއްވި ކޮންގްރެސްގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަކިން މަޝްވަރާކުރައްވަނީ. (ދައުރު ފޮޓޯ/ އަބްދޫﷲ ޔަޝާއު)
އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ބުރަކޮށް މަސައްކަތްކުރެއްވި: ސޯލިހު
އެމްޑީޕީ ހިންގެވުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ކަމަށާއި އެ މަސައްކަތްތައް ޕާޓީގެ މެންބަރުން ބަލައިގަންނާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލްގެ މަސައްކަތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ކަންކަން ކުރިއަށް ގެންދިއުމުގައި ހުރަހަކަށް ވިޔަ ނުދިނުމަށްޓަކައި ކަމަށް ވިދާޅުވެ، ރޭ ފައްޔާޒު ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އިތުރަށް ކިޔާލަން
ބުނީ ކީކޭ؟ - ފައްޔާޒު އިސްތިއުފާ ދެއްވުމާ އެކު، ސޯލިހު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މާގާމުގައި ހުންނަވައިގެން އެ ޕާޓީއަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
ސޯލިހު ވިދާޅުވީ:
-
ފައްޔާޒުގެ ޗެއާޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގަ އާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށް
-
އެ ހުރިހާ ވަގުތެއްގައި ވެސް އަދި ބައެއް ފަހަރު އުނދަގުލާ އެކު ވެސް ޕާޓީ ހިންގެވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން ފާހަގަކުރަން
-
އެ މަސައްކަތްތައް ޕާޓީގެ ހުރިހާ މެންބަރުން ބަލައިގަންނާނެ
"މަނިކުފާނަށް އަޅުގަނޑު އެދެނީ ބާއްޖަވެރި ދުވަސްތަކެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް އަލަށް އިންތިހާބުވާ ޗެއާޕާސަނަކަށް މާތް ﷲގެ ވާގިފުޅާ އެކު އަޅުގަނޑުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާނެ އެވެ. އެމްޑީޕީއަށް އަބަދު ވެސް ކުރިއެރުން އެދެމެވެ،" ސޯލިހުގެ ޕޯސްޓުގައިވެ އެވެ.
އެނގުން މުހިންމު - އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކޮށް ފައްޔާޒު ރޭ ފޮނުވި ދިގު ސިޓީގައިވާ ގޮތުން، އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ރަސްމީކޮށް އިއުލާން ނުކުރެއްވި ނަމަވެސް އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުން ވެސް އެ ޕާޓީގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެހެން އޮތުމުގެ ސަބަބުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުން ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް އެތެރޭގެ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު ފެންނަ ކަމަށާއި ޕާޓީގެ މަސައްކަތްތަކަށް އޭގެ ސަބަބުން ހިޔަނި އެޅޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.