ޖަމީލް އުސްމާން މަޖިލީހުގެ ކުރީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
އެމްއޭސީއެލް ބޯޑަށް ކުރީގެ މެމްބަރު ޖަމީލު އުސްމާން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން އައްޔަން ކުރައްވައިފި އެވެ.
ވީ ކިހިނެއް؟- އެމްއޭސީއެލްގެ ބޯޑަށް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން:
-
ބޯޑުގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކުރި
-
މެމްބަރުންގެ އަދަދު 7 އިން 9 އަކަށް ބަދަލުކުރި
ތަފްސީލު - ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ވަނީ އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ޖަމީލް އުސްމާން އައްޔަންކުރިކަން އިއުލާންކޮށްފަ އެވެ.
އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ޕީޕީއެމްގެ މެމްބަރެކެވެ. މި އަހަރުގެ މަޖިލީހަށް އޭނާ ކުރިމަތިލެއްވި ނަމަވެސް ކާމިޔާބުވެވަޑައިގެންފައެއް ނުވެ އެވެ.
އެނގުން މުހިއްމު - އެނގިފައިވާ ގޮތުގައި ރިޔާޒު ވަކިކުރީ މި ފަހުން އެމްއޭސީއެލްއިން ބިން ހިއްކުމާއި ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގުމަށް ހަވާލުވާން ބޯޑުން ނިންމި ނިންމުމާ އޭނާ ދެކޮޅު ހެދުމުންނެވެ.
ޖަމީލް އުސްމާންގެ އިތުރުން އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބަވަނީ:
-
އައިޝާ ނޫރްއައިން ޖަނާހް - ޗެއާޕާސަން
-
އިބްރާހިމް ޝަރީފް މުހައްމަދު - މެނޭޖިން ޑިރެކްޓަރު
-
ސަހާ ވަހީދު
-
އިބްރާހިމް ސިޔާދު ގާސިމް
-
އިބްރާހިމް މަހުދީ
އެމްއޭސީއެލްއިން މިހާރު ވަނީ ބިން ހިއްކުމާއި ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގުމަށް ހާއްސަކޮށްގެން ޕެނިންސޫލާ އިންފްރާސްޓްރަކްޗާގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފަ އެވެ.