މޭޔަރުކަމަށް ކުރިމަތިލުމުގެ ޓިކެޓަށް ކެމްޕެއިން ފެށުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި އަލީ އާޒިމް ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސްމާޓް ސިޓީއަކަށް މާލެ ބަދަލުކޮށް، ކަރަންޓު ބިލު %50 ކުޑަ ކުރާނަން: އަލީ އާޒިމް

އަލީ އާޒިމް ވިދާޅުވީ މާލޭ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކޮންމެ ދުވަހަކު ވެސް އޭނާ މަސައްކަތް ކުރައްވާނެ ކަމަށް

މޭޔަރުކަމަށް އޭނާ ހޮވިއްޖެ ނަމަ މާލެ ސްމާޓް ސިޓީއަކަށް ހަދައި ކަރަންޓު ބިލު %50 ކުޑަ ކުރައްވަން، އިދިކޮޅު އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރައްވާ އަލީ އާޒިމް ރޭ ވައުދުވެވަޑައިގެންފި އެވެެ.

ތަފްސީލު - އަލީ އާޒިމް ކެމްޕެއިން ފެއްޓެވުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވެވި ޖަލްސާގައި އޭނާގެ މެނިފެސްޓޯގެ ބައެއް ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އިރު އެންމެ ބޮޑު ވައުދަކީ ސްމާޓް ސިޓީއަކަށް މާލެ ހެދުމެވެ.

ބުނީ ކީކޭ؟ - "މި މާލެ ސިޓީއަކީ ސްމާޓް ސިޓީއަކަށް ހެދުމުގެ ޕްލޭނެއް އަޅުގަނޑުގެ އެބަ އޮތް. އޭރުން ހަމަ ޔަގީނުން ވެސް ތިބޭފުޅުންނަށް ތި ފެންނަ މާރާމާރީ، ވައްކަންކުރުން، ފޭރުން އެތައް ގުނައަކަށް މަދުވެގެން ދާނެ. އަބަދު 24 ގަޑިއިރު މާލެ މި އޮތް ކުޑަ ތަން މޮނީޓާ ކުރެވެން ޖެހޭނެ،" ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 15 އަހަރު ކުރެއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު ވިދާޅުވި އެވެ.

"އަޅުގަނޑު ހަގީގަތުގައި ވެސް މި ދަންނަވަނީ ތެދެއް، ސްމާޓް ސިޓީއަކަށް މާލެ ބަދަލުވީމަ، ތިބޭފުޅުންގެ ކަރަންޓު ބިލުން %50 ކުޑަ ވެގެން ދާނެ."

ރޭގެ ޖަލްސާގައި އަލީ އާޒިމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސްމާޓް ސިޓީއަކަށް މާލެ ހަދާނެ ގޮތެއް އާޒިމް ރޭ ވިދާޅެއްނުވެ އެވެ. ނަމަވެސް އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ ސިޔާސަތުތަކުގެ ތަފްސީލުތައް ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.

މޭޔަރުކަމަށް އިންތިހާބުވެއްޖެ ނަމަ ކުރައްވާނެ ކަމަށް އަލީ އާޒިމް ރޭ ވިދާޅުވި އެހެން ބައެއް ކަންކަން:

  • މާލޭގައި ނުހެދި ހުރި ގޯތިތަކާއި ބިންތައް ހެދުމަށް މަސައްކަތް ކުރުން

  • މާލޭގެ މަގުތައް ހަމައަކަށް އަޅުވައި ޕާކް ކުރެވޭނެ ގޮތާއި ފަސޭހައިން ހިނގޭނެ ގޮތް ހެދުން 

  • ޕަބްލިކް ޓްރާންސްޕޯޓް މިހާރަށްވުރެ ފަސޭހަ ނިޒާމަކަށް ބަދަލު ކުރުން 

  • މާލޭގައި ދިރިއުޅޭ މީހުންނަށް އަލަށް ވިޔަފާރި ފެށުމާއި ވިޔަފާރި ދެމެހެއްޓެނެވި ގޮތަކަށް ކުރިއަށް ގެންދިޔުމުގެ ސިޔާސަތު

ރޭ ބޭއްވި އަލީ އާޒިމްގެ ކެމްޕެއިން ޖަލްސާގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަލީ އާޒިމް ވިދާޅުވީ އޭނާގެ ސިޔާސަތުގައި އިގްތިސާދީ މިނިވަންކަން މާލޭގެ ރައްޔިތުންނަށް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

"އިގްތިސާދީ މިނިވަންކަމަކީ ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭ މިނިވަންކަމެއް. އެ މިނިވަންކަން މާލޭގެ ރައްޔިތުންނަށް، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހޯދައިދިނުމަކީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް. އެއީ، ހައްގު ބަސް އޭރުން ބުނާނެ،" އަލީ އާޒިމް ވިދާޅުވި އެވެ.

"އިގްތިސާދީ މިނިވަންކަން ނުލިބި އެ މީހަކަށް ހައްގު ބަސް ބުނުމަކީ، ބައެއް ފަހަރު ދަތި ކަމެއް. ފައިސާކޮޅެއް ދިއްކޮށްލީމާ ވޯޓު އަނެއް ކޮޅަށް ލުން، ފައިސާކޮޅެއް ދިއްކޮށްލީމާ ޓްވީޓް ކޮށްލުން، މިއީ ހަގީގަތް، މި ވާހަކަ ދައްކަން ބޭނުން ނުވިޔަސް."

ރޭގެ ޖަލްސާގައި އަލީ އާޒިމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

 އޭނާ މާލޭ މޭޔަރުކަމަށް ނުކުމެ ހުންނެވީ ވިސްނުންތަކާއި ޕްލޭންތަކެއް ހިފައިގެން ކަމަށާއި އެ ކަންކަން ތަންފީޒު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބަ އޮތް ކަމަށް ވެސް އަލީ އާޒިމް ރޭ ވިދާޅުވި ވިދާޅުވި އެވެ.

"އަޅުގަނޑު މަސައްކަތް މި ފެށީ. ކޮންމެ ދުވަހަކު އަޅުގަނޑު މި މަސައްކަތް ކުރަމުން ގެންދާނަން. މާލެ ރައްޔިތުންނަށް ހައްގު މިންވަރު، މާލޭގެ ރައްޔިތުން ބޭނުންވާ ކަންކަން، އެ ރައްޔިތުން އެދޭ ކަންކަން ކުރުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެމިހުންނާނަން،" އަލީ އާޒިމް ވިދާޅުވި އެވެ.

ފާހަގަކުރެވޭ - އަލީ އާޒިމް ރޭ ވަނީ އޭނާގެ ވާދަވެރިޔާ އަދި މިހާރުގެ މޭޔަރު އާދަމް އާޒިމްއަށާއި ރައީސް މުހައްމަދު މުއިއްޒަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އިންތިހާއަށް ހިޔާނަތް ހިންގެވި ކަމަށް ތުހުމަތުކޮށް، އެ ހިޔާނަތް ފޮރުވުމަށް އާދަމް އާޒިމް މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭނާގެ މޭޔަރުކަމުގައި އެ މައްސަލަތައް ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ކޮމެންޓް (5)

ދެރަ ދެރަ

22 ނޮވެމްބަރު 2025
އެމްޱީޕީގެ ދުވަސްވީ މެމްބަރެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ އާއިލާއިން ވަކިވެގެން ގޮސް އެތަކެއް ގެއްލުމެއްދީފަ އެނބުރި އައިސް ހުންނަންޖެހޭނީ އެންމެ އާދައިގެ މެމްބަރެއް ގޮތައް ވަކިމުއްދަތެއް ވަންދެން އެހެނުހަދާނަމަ އެހެން މީހުންނައް ދުވަހަކުވެސް ފުރުސަތެއް ނުލިބޭނެ އަބަދުވެސް އެއްބައެއް ފުށްގަނޱު މޮޱެންތިބޭނީ ؟
3 1

ވިސްނާ

22 ނޮވެމްބަރު 2025
އެމްޑީޕީ ރޫޅާލާ ނުނިމެނީތޯ؟ މޭޔަރުކަން އެމްޑީޕީ ހޯދަން ބޭނުންނަމަ އޮތް ޗޮއިސް އަކީ އާދަމްއަށް ޓިކެޓް ދިނުން. މިއީކީ ކުރިން އެމްޑީޕީން ނެރޭ މީހަކަށް މާލޭ މީހުން ވޯޓްލީ ދުވަސް ތަކެއް ނޫން.
4 1

މަށޭ

21 ނޮވެމްބަރު 2025
ސްމާޓު ސިޓީއެއް ނޫން ތިމީހާއަށް ހެދޭނީ.. ފިތުނަ ސިޓީ، ބައިބައި ކުރާ ސިޓީ، ނފުރަތު އުފައްދާ ސިޓީ، ހަމަނުޖެހުން ނަގާލާ ސިޓީ. 2023 ވަނަ އަހަރު ކެމްޕެއިންގަ ތިމީހާ ގެނެސްދިން ސްމާޓު ސިޓީގެ ފުރިހަމަކަމުން އަހަރުމެން މިއުޅެނީ މި ދެއަހަރު ތެރޭ ހިންދެމިނުލެވިގެން
7 1

މަށޭ

11 ޑިސެމްބަރު 2025
@މަށޭ ފުލުވަށްސިޓީ
0 0

މޮޔަ

21 ނޮވެމްބަރު 2025
ސްޓެލްކޯ ހިންގަނީ ސިޓީ ކައުންސިލުންތޯ. ލިސްޓު ހައްދަވާއިރު ކުރެވޭވަރުގެ ކަންތައް ލިއުއްވާ. ރައްޔިތުން މޮޔައެއްނޫން.
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް