ނާގޯށިގެ އޭރިއަލް ފޮޓޯއެއް

އެމްޓީޑީސީ

ނާގޯށީގެ މަސައްކަތް ފަށަން ދިވެހިން ހޯދަނީ

ރިސޯޓު ތަރައްގީ ކުރަން އެމްޓީޑސީއަށް ނާގޯށި ދިނީ 2006 ވަނަ އަހަރު؛ އެ މަޝްރޫއުއަށް 19 އަހަރުވީ އިރު ވެސް އެ ރަށުގެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވޭ

ރިސޯޓް ހަދަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ދޫކުރިތާ 19 އަހަރުވީއިރު ވެސް ނުނިމިފައިވާ ހދ. ނާގޯށީގެ މަސައްކަތް ފެށުމަށް ވަޒީފާތަކަށް ދިވެހިން ހޯދަން އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޓީޑީސީން އިއްޔެ ވަނީ ނާގޯށި ޕްރޮޖެކްޓުގައި މަސައްކަތް ކުރުމަށް ގިނަ ވަޒީފާތަކަކަށް ހުޅުވާލައިފަ އެވެ.

ތަފްސީލް - ދެ އަހަރުގެ ކޮންޓްރެކްޓު މުއްދަތަކަށް އިއުލާނުކޮށްފައިވާ ވަޒީފާތަކުގެ ތެރޭގައި:

  • ޕްރޮޖެކްޓު މެނޭޖަރު

  • ކޮންސްޓްރަކްޝަން މެނޭޖަރު

  • ޕްލޭނިން އިންޖިނިއަރު

  • ކުއެންޓިޓީ ސާވެޔާ

  • ސައިޓް އިންޖިނިއަރު (4 މަގާމު)

  • އެޗްއެސްސީ އިންޖިނިއަރު

  • ޕްރޮކިޔުމެންޓު އޮފިސަރު

  • ޕްރޮކިޔުމެންޓު އެސިސްޓެންޓު

  • ޑޮކިޔުމެންޓު ކޮންޓްރޯލަރު

  • ސައިޓް ފޯމަން/ސުޕަވައިޒަރު (4 މަގާމު)

  • އެމްއީޕީ ކޯޑިނޭޓަރު

  • ސާވެޔާ

  • ޑްރާފްޓްސް ޕާސަން (2 މަގާމު)

މި މަގާމުތަކުގެ މަސްއޫލިއްޔަތާއި ޝަރުތުތައް އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ. ވަޒީފާގެ މުސާރަ ހަމަޖައްސާނީ ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ކަމަށް އެމްޓީޑީސީގެ އިއުލާނުގައިވެ އެވެ. އެގޮތުން:

  • މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 27 ވަނަ ދުވަސް

އެނގުން މުހިންމު - ރިސޯޓު ތަރައްގީ ކުރަން އެމްޓީޑސީއަށް ނާގޯށި ދިނީ 2006 ވަނަ އަހަރު އެވެ. އެ މަޝްރޫއުއަށް 19 އަހަރުވީ އިރު ވެސް އެ ރަށުގެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެ އެވެ.

 ނާގޯށީގައި 600 އެނދުގެ ރިސޯޓް ހެދުމުގެ މަޝްރޫއުގެ ޓައިމްލައިން: 

  • 2007: ނާގޯށި ރިސޯޓް ހަދަން ރަޝިޔާގެ ތްރީކޭއާ ކުންފުންޏާ އެކު އެމްޓީޑީސީން ސޮއިކުރި

  • 2016: ކުލި ނުދެއްކުމާއި މަޝްރޫއު ކުރިއަށް ނުގެންދާތީ ނުވަ އަހަރު ފަހުން އެއްބަސްވުން ބާތިލްކުރި؛ އޭރު ރިސޯޓްގެ %37 މަސައްކަތް ނިންމާފައިވޭ

  • 2017: އެމްޓީޑީސީގެ އަތުން އެރަށް އަނބުރާ ޓޫރިޒަމް މިނިސްޓްރީއަށް ނެގި

  • 2021: އެ ރަށް އަނބުރާ އެމްޓީޑީސީއާ ހަވާލުކުރި އަދި ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއާ ރިސޯޓް ހަދަން ރަށް ހަވާލުކުރި

  • 2023: މަސައްކަތް ކުރިއަށް ނުދާތީ ތިން އަހަރު ފަހުން ގަލަދާރީއާ އެކު ހެދި އެއްބަސްވުން އެމްޓީޑީސީން ބާތިލްކުރި 

އިތުރު އާޓިކަލް

އިތުރު އާޓިކަލް