ގޮނޑިގެއްލުމުގެ ކުރިން ދާއިރާގެ ހިޔާލު ހޯދަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު. (ފޮޓޯ/މަޖިލިސް)

ގޮނޑިގެއްލުމުގެ ކުރިން ދާއިރާގެ ވޯޓެއް ނަގަންޖެހޭ އިސްލާހު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

މި ބިލު މަޖިލީހަށް ބަލައިގަތުމާ މެދު މިއަދު އޮތް ބަހުސްގައި މަޖިލީހުގެ މެޖޯރަޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު ވަނީ ރޯލް ކޯލް ވޯޓަކަށް ދިއުމުގެ އެ އިސްލާހާ ދެކޮޅުކަން ހާމަކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވާ ޕާޓީން ވަކިކޮށްފި ނަމަ އެ މެންބަރުގެ ގޮނޑި ގެއްލުމުގެ ކުރިން ދާއިރާގެ ރައްޔިތުންގެ އާންމު ވޯޓެއް ނުވަތަ ރޯލް ކޯލް ވޯޓެއް ނަގާ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ އެ ބިލު ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ. 

ވީ ކިހިނެއް؟ - މިހާރު އޮންނަ ގޮތުން، މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އެކަމަށް ދާއިރާގެ ރައްޔިތުންގެ ބަހެއް ހޯދާކަށް ނުޖެހެ އެވެ.

އެގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިދިޔަ އަހަރު ނޮވެމްބަރުގަ އެވެ. ގޮނޑި ގެއްލުމުގެ ކުރިން ރައްޔިތުންގެ ވޯޓަކަށް އަހަންޖެހޭ ގޮތަށް މިފަހަރު ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

ޝުޖާއުގެ އިސްލާހުގައި ހިމެނީ:

  • ޕާޓީން ވަކިކުރާ ހާލަތުގައި، އެ މީހަކު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނަގަން ޖެހޭ ގޮތަށް 

  • މެންބަރުކަން ގެއްލޭނީ އެ ވޯޓުގައި އޭނާ ވަކިކުރަން އަގުލަބިއްޔަތު ލިބުމުން ކަމަށް

  • އެ ވޯޓުން އޭނާ މެންބަރުކަމުން ވަކިކުރަން ނުފެންނަ ކަމަށް އަގުލަބިއްޔަތު ލިބިއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުގައި ދެމިހުންނާނީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއްގެ ގޮތުގައި

  • އޭގެ ފަހުން، އެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އޭނާގެ މެންބަރުކަން ގެއްލޭނެ

ތަފްސީލް - މި ބިލު މަޖިލީހަށް ހުށަހަޅައި ބަހުސްކުރުމަށް ފަހު މިއަދުގެ މަޖިލީހުގައި ވަނީ ބިލު ބަލައިގަތުމާ މެދު ވޯޓަށް ވެސް އަހައިފަ އެވެ. މަޖިލީހުގެ ވަގުތު އިތުރުކޮށްގެން ވޯޓަށް އަހައި އެ ބިލު ބަލައިގަންނަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. 

މި ބިލު ބަލައިގަތްއިރު، މި ބިލު މަޖިލީހަށް ބަލައިގަތުމާ މެދު މިއަދު އޮތް ބަހުސްގައި މަޖިލީހުގެ މެޖޯރަޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު ވަނީ ރޯލް ކޯލް ވޯޓަކަށް ދިއުމުގެ އެ އިސްލާހާ ދެކޮޅުކަން ހާމަކުރައްވައިފަ އެވެ.

އެނގުން މުހިންމު - ދާއިރާގެ ބަހެއްނެތި މެންބަރުކަމުގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް މީގެ ކުރިން ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތް ފަހުން، އެ ކޯޓުގެ ބެންޗު އެކުލެވިގެންވާ ގޮތަށް ބަދަލުގެނައުމާއި، އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންތަކެއް ސަސްޕެންޑުކުރުމާ ގުޅިގެން އެ މައްސަލަ މިހާރު އޮތީ ހުއްޓިފަ އެވެ.

ޕާޓީން ވަކިކުރާ ހާލަތުގައި ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާ ގޮތަށް ހަދަން މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަހްމަދު ނަސީމް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް ޕީއެންސީގެ ބޮޑު މެޖޯރަޓީއަކުން، 77 މެންބަރުން ވޯޓާ އެކު އެ ހުށަހެޅުން އޭރު ބޭރުކޮށްލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް