20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މީދު ދާއިރާގެ މެންބަރު އަހްމަދު ސިޔާމް ރިޔާސަތު ބަލަހައްޓަވަނީ. (ފޮޓޯ/ މަޖިލިސް)

ސަން ސިޔާމް

ދައުލަތުގެ ހަރަދުތައް %40 ކުޑަކުރަން ސިޔާމް ގޮވާލައްވައިފި

ދައުލަތުން ކުރާ އިންވެސްޓުމެންޓުތަކަކީ ފައިދާކުރަނިވި ގޮތަކަށް ކުރާ އިންވެސްޓުމެންޓުތަކެއް ނަމަ މިއަދު ރާއްޖެއަށް ޖެހިފައިވާ ދަތިހާލު ނޯންނާނެ ކަމަށް ސިޔާމް ވިދާޅުވި

ދައުލަތުގެ ހަރަދުތައް %40 ކުޑަކުރަން މީދޫ ދާއިރާގެ މެންބަރު، ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން ސިޔާމް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެއް ކަމަށާއި ބަޖެޓެއްގެ އެންމެ މުހިއްމު ކަމަކީ ލިބޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި ހަރަދުކުރުން ކަމަށެވެ.

ބުނީ ކީކޭ؟ - "އިސްރާފު ކުރުމާއި ހަރަދު ބޮޑުކޮށްގެން ކަންތައްތައް ކުރުމާއި ހަރަދު ބޮޑުވާނެހެން ކަންތައްތައް ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެވިދާނެފަދަ ކަމެއް،" ސިޔާމް ވިދާޅުވި އެވެ.

ގިނަ ރިސޯޓުތައް ހިންގަވާ ސިޔާމް ވިދާޅުވީ މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު މިހާރު ވިޔަފާރިތަކަށް ކޮމާޝަލް ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓު ބޮޑުވެފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ތިބީ ވަރަށް ދަތި ހާލުގައި،" ސިޔާމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ %7-%8އާ ދޭތެރޭ ނަގަމުން އައި އިންޓްރެސްޓު މިހާރު %10-%12އަށް ބޮޑުވެފައިވާ ކަމަށެވެ.

"އޭގެ މާނައަކީ އިގްތިސޯދަށް ވަންނަ ފައިސާގެ އަގު ވަރަށް ބޮޑުވެއްޖެއޭ،" މެންބަރު ވިދާޅުވި އެވެ.

މީގެ އެއް ސަބަބަކީ ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވުން ކަމަށާއި އަންނަ އަހަރަށް ދައްކަންޖެހޭ ޖުމްލަ ދަރަނި 1 ބިލިއަން ޑޮލަރަށް އަރާއިރު މިއީ އަދި އަތުގައި ހުރި ފައިސާ ނޫން ކަމަށް ސިޔާމް ވިދާޅުވި އެވެ.

"ބޮންޑު ވިއްކައިގެން އިތުރަށް ފައިސާ ހޯދައިގެން އަނެއްކާވެސް މި ލޯނުން 1 ބިލިއަން ޑޮލަރު ދެއްކެން މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

"މިހެންވެގެން ދާއިރު އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ހަރަދުތައް މިހާރަށް ވުރެ މާ ބޮޑުތަނުން ކުޑަކުރަން. އަޅުގަނޑު ހަމަ އުފަލާ އެކު ދަންނަވާލާނަން، އަޅުގަނޑު ބޭނުންވޭ މި ހަރަދު، ދައުލަތުގެ ހަރަދު މިހާރު ހުރި ވަރަށް ވުރެ ގާތްގަނޑަކަށް %40 ކުޑަކުރަން."

ސިޔާމް ވިދާޅުވީ މިހާރު ލިބޭ އާމްދަނީ އާއި ހަރަދު އެއްވަރު ކަމަށާއި ނަމަވެސް އެއްވެސް ފައިސާއެއް ރިޒާވު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ރިޒާވް މި އޮތީ ވަރަށް ދަށުގައި. މި ރިޒާވް އަޅުގަނޑުމެން ހަމަޖައްސާ ކަމަށް ވަންޏާ އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެންގެ ހަރަދުތައް ކުޑަކުރަން،" އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުވާ ނަމަ އިންފްލޭޝަނަށް އޭގެ އަސަރު ކުރާނެކަން ސިޔާމް ފާހަގަކުރެއްވިި އެވެ.

"މީގެ ހަރަދު ވަރަށް ބޮޑުވެގެން ދާނެ. މީގެ ގެއްލުން ވެސް ވަރަށް ބޮޑުވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުން ކުރާ އިންވެސްޓުމެންޓުތަކަކީ އެއިގެން ފައިދާވާ އިންވެސްޓުމެންޓުތަކަށް ވާންޖެހޭކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، އެ އިންވެސްޓުމެންޓުތަކަކީ ފައިދާކުރަނިވި ގޮތަކަށް ކުރާ އިންވެސްޓުމެންޓުތަކެއް ނަމަ މިއަދު ރާއްޖެއަށް ޖެހިފައިވާ ދަތިހާލު ނޯންނާނެ ކަމަށެވެ.

ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ސިޔާމް ނެންގެވި ލޯނަކުން ތަރައްގީކުރި ސިޔާމް ވޯލްޑުން އެކަނި، އާންމު 10 ރިސޯޓުން ދައްކާ ޓެކްސްއަށް ވުރެ ގިނަ ޓެކްސް ދައްކާކަން ފާހަގަކުރައްވައި ސިޔާމް ވަނީ ބޭރުގެ އިންވެސްޓަރުންނަށް ރިސޯޓު ތަރައްގީ ކުރުމަށް ދޫކުރުމަށް ވުރެ ރާއްޖެއަށް ފައިދާވާނީ ދިވެހި ވިޔަފާރިވެރިންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުމުން ކަމަށް ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގައި ޑޮލަރު ހަރުނުލާ ވާހަކަ މި ދައްކަނީ. ސަބަބަކީ އެއީ އަޅުގަނޑުމެން [ދިވެހި ވިޔަފާރިވެރިން] ރާއްޖޭގައި ވިޔަފާރިކުރާ އެންމެން ރާއްޖޭގައި ޑޮލަރު ބަހައްޓަން. ރާއްޖޭގެ އެކައުންޓުތަކުގައި ޑޮލަރު ބަހައްޓަން. އެކަމަކު އެކަން ނުވާ ސަބަބަކީ ބޭރުގެ އިންވެސްޓުމެންޓުތަކުން ރާއްޖޭގައި ޑޮލަރު ނުބެހެއްޓުން،" ސިޔާމް ވިދާޅުވި އެވެ.

ކޮމެންޓް (1)

ކޮސް

18 ނޮވެމްބަރު 2025
މުއިއްޒުގެ ޝަޙުޞިއްޔަތު ހުންނަ ގޮތަށް ބަލާއިރު ' ޝިޔާމް ދެއްކެވި ވާހަކަ އަޑެއް ނާއްސަވާނެ. ދެން އިވޭނީ ފަލާހު ، ނޫނީ ބ.މައިކު ކަހަލަ މީހަކު ލައްވާ ރ.މަޖިލީހުގަ ޝިޔާމަށް ގޮންޖަހާފަ ވާހަކަ ދައްކާއަޑު. ބުނާނީ ތިމަންނަގެ އަމިއްލަ ޚިޔާލެކޭ. މީހަކު ބުނެގެން ބުނިއެއްޗެއް ނޫނޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް