އާސަންދަ ކުންފުނީގެ އޮފީސް: އާސަންދައިން ދެ އައިވީއެފްގެ އެހީއަށް ކުރިމަތިލުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހުޅުވާލާނެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އައިވީއެފްގެ އެހީއަށް އެދުމުގެ އިތުރު 50 ފުރުސަތު
ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އިންވިޓްރޯ ފާޓަލައިޒޭޝަން (އައިވީއެފް)ގެ ފަރުވާ އާސަންދައިން ހިލޭ ހޯދުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު އަނެއްކާވެސް ހުޅުވާލާނެ ކަމަށް އެންސްޕާއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ދަރިމައިވުމުގެ މައްސަލަތައް ހުންނަ މީހުންނަށް ބޮޑު އެހީއަކަށްވާ މި ފުރުސަތަށް އެދި މިދިޔަ އަހަރުގެ ފުރަތަމަ ބުރުގައި 153 މީހަކު ހުށަހެޅި އެވެ. އެކަމަކު އޭގެ ތެރެއިން ޝަރުތު ހަމަވީ 37 މީހެކެވެ.
ތަފްސީލް - ގެޒެޓުގައި އެންސްޕާއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި އަހަރު އެ ހިދުމަތް ފޯރުކޮށްދޭނެ މީހުން ކަނޑައެޅުމަށް އަންނަ ބުރާސްފަތި ދުވަހު ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އޭގައި ބުނެފައިވާ ގޮތުން، އެންމެ މަތިން މާކްސް ހޯދާ 50 މީހަކަށް އެ އެހީ ފޯރުކޮށްދޭނެ އެވެ.
އިއުލާނުގައި ބުނީ:
-
އެހީއަށް އެދި ފޯމު ހުށަހަޅާނީ ވަންގަވްއެމްވީ ޕޯޓަލް މެދުވެރިކޮށް ކަމަށް
-
މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށް
އެނގުން މުހިންމު - 'އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު'ގައި، އެ ހިދުމަތް ދެވޭނެ މީހުންނާއި ހިދުމަތް ދެވޭނެ މީހުންގެ ޝަރުތުތައް ބަޔާން ކޮށްފައިވެ އެވެ. އަދި، ފަރުވާ ހުއްޓާލެވޭނެ ހާލަތްތަކާއި ފަރުވާއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ގޮތުގެ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ.
އެގޮތުން، އައިވީއެފް ފަރުވާއަށް އެދެވޭނެ މީހުންގެ ޝަރުތުތަކަކީ:
-
އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން ތިން އަހަރުވެފައިވުން
-
ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސް އަޅާ ސިއްހީ ސަބަބެއް ކުރިމަތިވެފައި ވުން
-
ދަރިމައިނުވާ ސަބަބު ދެނެނުގަނެވި ދަރިމައިވުމަށް ނުކުޅެދިފައިވާތާ ތިން އަހަރުވެފައިވުން
-
ދަރިމައިވުމުގެ އެހެނިހެން ފަރުވާތައް ކާމިޔާބުނުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެންމެ އެކަށީގެންވާ ފަރުވާކަމަށް އެކަމާ ގުޅޭ ސްޕެޝިލިސްޓަކު ލަފާދީފައިވުން
-
ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުމާއި، ދަރިމައިނުވާ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށް ނުވުން
-
ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 25 އަަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން އަދި، ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުން
-
ފަރުވާ ފަށާއިރު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ ހަ މަސް ދުވަސް ވެފައިވުން
-
ދެމަފިރިން ކުރެ އެއްވެސް މީހަކީ ޖިނާއީ ކުށެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން
-
އައިވީއެފް ނުވަތަ އައިޔޫއައި ސްކީމުން މީގެ ކުރިން އެހީ ލިބިފައިވާ މީހަކަށް ނުވުމާއި، ފަރުވާގެ ތިން ބުރު ހަމަވެފައިވާ މީހަކަށް ނުވުން
އުސޫލުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ބަޖެޓުގައި، އެ ހިދުމަތަށް އެ އަހަރެއްގައި ހަރަދުވާނެ މިންވަރު ސްކީމް ބޯޑުން ހިމަނަންވާނެ އެވެ. އެ ބަޖެޓަށް ރިއާޔަތްކޮށް އެހީ ފޯރުކޮށްދޭނެ މީހުންގެ އަދަދާއި އެހީއަށް އެދި ހުށަހަޅަން ހުޅުވާލާ މުއްދަތު ކަނޑައަޅާނީ ވެސް ސްކީމް ބޯޑުންނެވެ.