ހދ. ވައިކަރަދޫގެ މުރަކައިގެ ބަގީޗާ. ގިނަ ބައެއްގެ ލޯ މިތަނަށް މިހާރު ވަނީ ހުއްޓިފައި (ފޮޓޯ/މުހައްމަދު ހައްސާން)

އަޖައިބުކުރަނިވި މިހިރަ ރީތިކަމަކަށް ބަލާބަލަ

ހދ. ވައިކަރަދޫގެ މި ހިތްގައިމު މުރަކައިގެ ބަގީޗާއަށް ގިނަ ބައެއްގެ ހިތް ވަނީ ދޫވެފައި
17 ނޮވެމްބަރު 2025
4

ގިނަ ބައެއްގެ ނަޒަރު މިހާރު ހުއްޓިފައި ހުރީ މި މަންޒަރަށެވެ. ސޯޝަލް މީޑިއާގައި އެތައް ބަޔަކު މި ވީޑިއޯ ޝެއާ ކުރަމުން ދާއިރު އެންމެން ވެސް ބުނަމުންދަނީ އެކައްޗެކެވެ؛ ހާދަހާވާ ފުރިހަމަ އެވެ. ހާދަ ހިތްގައިމެވެ.

މިއީ ހދ. ވައިކަރަދޫގެ އުތުރު ފަރާތު ބަނދަރުމައްޗެވެ. ރާއްޖޭގެ ހިތްގައިމުކަން ދައްކާލުމަށް އެކި ރަށްރަށަށް ދަތުރުކޮށް، ފޮޓޯ އާއި ވީޑިއޯ ނަގަމުން އަންނަ މުހައްމަދު ހައްސާންގެ ލެންސަށް މި މަންޒަރު އެރީ ހަފުތާއެއްގެ ޗުއްޓީއަކަށް އުފަން ރަށަށް ކުރި ދަތުރެއްގަ އެވެ. އޭނާއަށް ފެނުނީ، ފުންކޮަށްފައިވާ ބަނދަރާ މާދުރުނޫން ހިސާބެއްގައި، ރަށުގެ އުތުރު ފަރާތް ޗާލު މުރަކަތަކަކުން ހިކިފައި އޮއްވަ އެވެ. މިއީ ރާއްޖޭގައި ވެސް މާ އާއްމު ނޫން، މޮންޓިޕޯރާގެ މުރަކައިގެ ބަގީޗާ އެކެވެ.

ހދ. ވައިކަރަދޫގެ މުރަކައިގެ ބަގީޗާ (ފޮޓޯ/މުހައްމަދު ހައްސާން)

ބޮޑެތި މި މުރަކަތައް އެންމެ ވައްތަރީ، ރީތިކޮށް ފޮޅިލާފައި އިންނަ ފިނިފެންމަލަކާ އެވެ. ގާތް ގާތުގައި، މި މުރަކަތައް މާ ދުރަށް ފެތުރިލާފައި އިން އިރު، އެ ސަރަހައްދުގައި މި ނޫން ބާވަތުގެ ގަލެއް ނެތެވެ. ރަށުގެ ބޭރު ތޮއްޓާ ހަމައަށް ވެސް އޮތީ މި މުރަކަތައް ފެތުރިފަ އެވެ. އެހެންވެ، މުޅި މަންޒަރު ސިފަ ވަނީ ހަމަ މުރަކައިގެ ފިނިފެންމަލުގެ ބަގީޗާއެއްގެ ގޮތަށެވެ.

"ރަށަށް ދާން އުޅެން ހެދީމަ ރައްޓެއްސަކު ބުނި މިތަން ބަލާލަން ދައްޗޭ. ވަރަށް ރީތިވާނެއޭ،" ހައްސާން ބުންޏެވެ.

"އެކަމަކު މިހާ ރީތިވާނެ ކަމަކަށް ހިޔެއް ނުކުރަން."

ކުޑައިރުގެ ގިނަ ދުވަސްތަކެއް ހޭދަކުރި އަމިއްލަ ފަސްގަނޑަށް ވިޔަސް، އެ މަންޒަރު އޭނާ ދުށީ އަދި އަލަށެވެ. ވައިކަރަދޫގެ ބައެއް މީހުން ބުނާގޮތުގައި މިއީ ކުރިން އެ ރަށުގައި ހުންނަ އެއްޗެއް ނޫނެވެ. މުރަކަތައް އެތަނުގައި އުފެދި އާލާވާން ފެށީ، ބައެއް މީހުންގެ ބަހުން ނަމަ 2020 ވަނަ އަހަރުގެ ފަހުންނެވެ. ފަސް އަހަރުގެ ތެރޭގައި ބޮޑު ސަރަހައްދަކަށް މި ރީތިކަން މިހާރު ވަނީ ފެތުރިފަ އެވެ.

މި މުރަކައަށް އިނގިރޭސި ބަހުން ކިޔަނީ މޮންޓިޕޯރާ. (ފޮޓޯ/މުހައްމަދު ހައްސާން)
ހދ. ވައިކަރަދޫގެ މުރަކައިގެ ބަގީޗާ. (ފޮޓޯ/މުހައްމަދު ހައްސާން)

ހައްސާން ބުނި ގޮތުގައި، ދިޔަވަރު ހިކިފައި އޮންނަ ވަގުތުތަކުގައި، ފެނުން މައްޗަށް ހުރިހާ މުރަކަތަކެއް ހުންނަނީ ތިލަވެފަ އެވެ. އެއްކޮށް ހުންނަ މުރަކަތަކުގެ ދޭތެރެއިން 'މަގުތަކެއް' ހެދިފައި ހުރެ އެވެ. އެ މަގުތަކުގައި އެކި ކުލަކުލައި ރީތި މަސްތައް ދުވެއުޅޭތަން އޭނާއަށް ފެނުނެވެ.

ދިޔަވަރު ބޮޑުވުމުން ފީނާލައިގެން ވެސް މުރަކަތަކުގެ ރީތިކަން ބަލާލެވެ އެވެ. އެ ހިތްގައިމު ކަމަކަށް ބަދަލެއް ނާދެ އެވެ.

ދިޔަވަރު ބޮޑު ވަގުތެއްގައި ވައިކަރަދޫގެ މުރަކައިގެ ބަގީޗާ (ފޮޓޯ/މުހައްމަދު ހައްސާން)
ދިޔަވަރު ބޮޑު ވަގުތެއްގައި ވައިކަރަދޫގެ މުރަކައިގެ ބަގީޗާ (ފޮޓޯ/މުހައްމަދު ހައްސާން)

"ހަމަ އަޖައިބެއް ކަހަލަ ރީތިކަމެއް މިއީ،" ފެނުނު މަންޒަރެއް ހިތް ދޫކޮށްލައިގެން ހުރެ ހައްސާން އަނެއްކާވެސް ބުންޏެވެ.

'ފިނިފެންމަލު'ގެ މި ފަދަ އެންމެ ބޮޑު ބަގީޗާ މިހާރު އޮންނަނީ ބ. ފުޅަދޫގަ އެވެ. މޫދު އަޑީގައި އޮންނަ މި ބަގީޗާ ބަލާލުމަށް ކިތަންމެ ބަޔަކު އެ ރަށަށް ދެ އެވެ. ރާއްޖޭގެ އުތުރުގެ އެހެން ރަށަކުން މިހާ ބޮޑަށް މުރަކަތައް ހެދިފައި އޮއްވާ މި ފެނުނީ އަދި އަލަށެވެ.

މުރަކަތަކުގެ ރީތިކަން ފެންނަ ގޮތަށް، ހައްސާން ނެގި ދެތިން މިނިޓްގެ ވީޑިއޯ، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވި އެވެ. އެއް ބަޔަކު ބުނީ، ދަތުރު ހަދައިގެން ވައިކަރަދޫއަށް މިހާރު ކޮންމެހެން ވެސް ދާން ޖެހިއްޖެ ކަމަށެވެ. އަނެއް ބަޔަކު ބުނީ މީހުންގެ އުނދަގުލާއި ފަޅު ހިއްކަން ބޭނުންވާ މީހުންގެ ކިބައިން އެތަން ރައްކާތެރިކޮށްފައި ބޭއްވުން މާ މުހިއްމު ކަމަށެވެ.

ކޮމެންޓް (4)

ޒާރޭ

17 ނޮވެމްބަރު 2025
ބަނދަރު މަރާމާތު ޕްރޮޖެކްޓްގައި ތިތަނުގެ މައްޗަށް އެކްސްކަވޭޓަރ އަރުވާގޮތައް އިނީ، މީ ދެރަކަމެއް
5 0

ކޮސް

17 ނޮވެމްބަރު 2025
ނަސީބެއްނު ވަށަފަރުގެ ކަމެއްނޫންކަން. އެހެންވިނަމަ މ.މެންބަރު ބުނަންޖެހިދާނެ ރައީސް މުއިއްޒުގެ ވިސްނުންފުޅާއި ޤާބިލުކަމާއި ދުރުވިސްނުންފުޅުގެ އެހީގައި ކުރެވުނު މަސައްކަތުގެ ނަތީޖާއޭ މިއީ.
6 1

ކަހަނބު

17 ނޮވެމްބަރު 2025
މިތަން ހިމާޔަތް ކުރުން މުހިންމު
6 1
ހަސަން އަލީ Avatar

ހަސަން އަލީ

17 ނޮވެމްބަރު 2025
އެއްބަޔަކު މިއުޅެނީ މީގެ މަތީގައި ހިނގަން ނުކުމެ. މިކަންކަން ކުރުން ހުއްޓާލަން ވެއްޖެ.
13 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް