ރައީސް މުއިއްޒު މިފަހުން ފުވައްމުލަކަށް ވަޑައިގެންނެވި ދަތުރުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއެކު ފުވައްމުލައް ސިޓީ ކައުންސިލާ ބައްދަލުކުރައްވަނީ (ފައިލް ފޮޓޯ)

ކައުންސިލަރުން މަދު ކުރާ އިސްލާހު: ފުވަމުލަކަށް 9، އައްޑޫއަށް 7 ކައުންސިލަރުން

ފުވަމުލަކުގެ އާބާދީ 13،000ގައި ހުރިއިރު، މިފަހުން ސިޓީ ކައުންސިލުން ވަކިވި ހުޅުދޫ އާއި މީދޫ ނުލާ އައްޑޫގެ އާބާދީ 28،000އަށް އަރާ

ކައުންސިލަރުން އަދި މަދުކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް މިއަދު މަޖިލީހަށް ހުށަހެޅި ބިލާއެކު، ފުވައްމުލަކު ކައުންސިލްގައި މޭޔަރާއެކު ނުވަ ކައުންސިލަރުން ތިބޭ ގޮތަށް ހިމަނައިފި އެވެ. 

މި ބިލު މަޖިލީހުން އެ އޮތް ގޮތަށް ފާސްކޮށްފިނަމަ، އައްޑޫ ކައުންސިލްގައި ތިބޭނީ، ހަތް ކައުންސިލަރުންނެވެ.

ވީ ކިހިނެއް؟ - ހަރަދު ކުޑަ، ނަތީޖާ ނެރެވޭ ނިޒާމަކަށް ލާމަރުކަޒީ ނިޒާމް ހެދުމަށްޓަކައި ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ގާނޫނު އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް މިދިޔަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ ބުނަމުންނެވެ.

އަންނަ މާޗް މަހު ފަހުކޮޅު ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާއިރު، އެ އިންތިހާބުގައި ހޮވާ ކައުންސިރުންގެ އަދަދު މަދުކުރުމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. އެގޮތުން:

  • މި އިސްލާހުގައި މާލެ އާއި ފުވަމުއްލަކު ސިޓީ ކައުންސިލްގެ މެންބަރުންގެ އަދަދަށް ބަދަލެއް ގެނައުމަށް ހުށަހަޅާފައިވޭ

މަޖިލީހުގެ ޖަލްސާގައި ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ތަފްސީލު -  ސިޓީތަކުގައި ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭ އަދަދު ބަޔާން ކުރަނީ، ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާގަ އެވެ. އެގޮތުން އެ މާއްދާގައި ބުނަނީ:

  • 10،000 އާއި 30،000އާ ދެމެދުގެ ސިޓީއެއްގެ އާބާދީއެއްގައި ތިބޭނީ، ހަތް ކައުންސިލަރުން

  • 30،000 އާއި 60،000އާ ދެމެދުގެ އާބާދީތަކުގައި 13 ކައުންސިލަރުން

  • 60،000 އިން މަތީ އާބާދީތަކުގައި 19 ކައުންސިލަރުން 

މި އިސްލާހުގައި ގާނޫނުގެ އެ މާއްދާއަށް އިސްލާހެއް ހުށަހަޅާފައި ނުވެ އެވެ. ނަމަވެސް ފުވައްމުލަކާއި މާލެގައި ތިބެން ޖެހޭ ކައުންސިލަރުންގެ އަދަދު ފަލާހުގެ އިސްލާހުގައި ކަނޑައަޅާފައިވެ އެވެ. ދެން ސިޓީތަކުގައި ގޮތުގައި އޮތް ކުޅުދުއްފުށި، ތިނަދޫ އަދި އައްޑޫ ކައުންސިލްގައި ތިބޭ މެންބަރުންގެ އަދަދަށް ބަދަލެއް ގެނައުމަށް ހިމަނާފައެއް ނުވެ އެވެ.

މާލެ ސިޓީ ކައުންސިލް:

  • އިސްލާހުގައި ބުނަނީ، މާލޭގައި ދެން ތިބެން ވަނީ، މަޖިލީހުގައި މެންބަރުން ތަމްސީލު ކުރާ މެންބަރުންގެ ދާއިރާތަކުގެ އަދަދަށް

  • މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި މާލެ މެންބަރުންގެ އަދަދަކީ، 16؛ އެހެން ކަމުން މިހާރު އޮތް މާލެ ސިޓީ ކައުންސިލްގެ މެންބަރުންގެ އަދަދު 19އިން 16އަށް ތިރިވާނެ

  • މާލޭގެ ރަޖިސްޓްރީ އާބާދީއަކީ، 83،800އެއްހާ މީހުން

ފުވައްމުލަކު ސިޓީ ކައުންސިލް:

  • ސަރުކާރުގައި ހުށަހެޅި އޮތީ ފުވަމުއްލަކަށް އެކަނި ވަކި ގޮތެއް ހެދުމަށް؛ ސަބަބެއް ކަމަށް އޮތީ، ފުވަމުލަކަކީ، އެއްފަސްކޮށް އޮތް އަށް އަވަށެއްގެ މައްޗަށް އެކުލެވިގެންވާ އިދާރީ ދާއިރާއަކަށްވެފައި، ކޮންމެ އަވަށެއް އިދާރީ ގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވެމުން އައިސްފައިވާތީ ކަމަށް

  • އެހެންވެ ސަރުކާރުން ހުށަހަޅަނީ، އެއިން ކޮންމެ އަވަށަކަށް ކައުންސިލަރަކު އިންތިހާބު ކުރުމަށް

ރައީސް މުހައްމަދު މުއިއްޒު މިފަހުން ފުވައްމުލަކަށް ކުރެއްވި ދަތުރުގައި އެ ސިޓީގެ ކައުންސިލާ ބައްދަލުކުރައްވަނީ (ފޮޓޯ/ ކައުންސިލް)

ފުވަމުލަކުގައި މިހާރު މޭޔަރާއެކު ތިބެނީ ހަތް ކައުންސިލަރުންނެވެ. އެހެން ކަމުން މި އިސްލާހު މިގޮތަށް ފާސްވެއްޖެ ނަމަ، ފުވަމުލަކުގައި ތިބޭނީ މޭޔަރާއެކު ނުވަ ކައުންސިލަރުންނެވެ.

ފުވަމުއްލަކުގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ، 13،800އެއްހާ މީހުންނެވެ. އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ، 9،000އެއްހާ މީހުންނެވެ.

އައްޑޫ ކައުންސިލަށް ދެން ލިބޭނީ ހަތް ކައުންސިލަރުން

މިހާރު އޮތް އައްޑޫ ކައުންސިލްގެ މެންބަރުންގެ އަދަދަކީ، މޭޔަރާއެކު 13އެވެ. އެއީ، ގާނޫނުގައި ބުނާ 30،000 އާއި 60،000އާ ދެމެދުގެ އާބާދީތަކަށް އިންތިހާބު ކުރަން ޖެހޭ އަދަދެވެ. 

މިފަހުން އައްޑޫގައި ނެގި ފެންނަ ނުފެންނަ ވޯޓުން ހުޅުދޫ އާއި މީދޫ ވަނީ ވަކިވެފަ އެވެ. އެހެންވެ ދެން އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބު ކުރަން ޖެހޭ އަދަދު ބެލުމުގައި އާބާދީ ބަލާނީ އެ ދެ ރަށް ނުލަ އެވެ.

އިލެކްޝަންސް ކޮމިޝަން(އީސީ) މިިދިޔަ މަހު 16ގައި އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި:

  • އައްޑޫގެ ގުޅިފައިވާ އަވަށްތަކާއި ހުޅުދޫ އަދި މީދޫ ހިނެނޭހެން މުޅި އަތޮޅުގެ ރަޖިސްޓްރީ ކުރެވިފައިވާ އާބާދީ އަކީ، 35،550

  • ހުޅުދޫ އާއި މީދޫއާ ނުލާ އައްޑޫގެ އާބާދީއަކީ، 28،800

އެހެން ކަމުން، އައްޑޫ ސިޓީ ކައުންސިލްގައި ދެން ތިބޭނީ، 13 ކައުންސިލަރުންގެ ބަދަލުގައި ހަތް ކައުންސިލަރުންނެވެ. މިއީ، 9،000އެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ދެން އިންތިހާބު ކުރާ ނުވަ ކައުންސިލަރުންނަށްވުރެ މަދު އަދަދެކެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އައްޑޫއަށް ކުރެއްވި ދަތުރެއްގެ ތެރެއިން އެ ސިޓީގެ ކައުންސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން: އައްޑޫއަކީ ފެށުނީއްސުރެ އެމްޑީޕީގެ ސަޕޯޓު ބޮޑު އަތޮޅެއް

ފާހަގަކޮށްލެވޭ ކަމެއް - އީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ހުޅުދޫ އާއި މީދޫގައި ވެސް ރަޖިސްޓްރީ އާބާދީ 3،000އަށްވުރެ މައްޗެވެ. ގާނޫނަށް މި ގެންނަ އިސްލާހުން އެ އަދަދުގެ އާބާދީތަކުގައި ފަސް ކައުންސިލަރުން އިންތިހާބު ކުރަން ޖެހެ އެވެ.

އެހެން ކަމުން މި އަންނަ ބަދަލުތަކާއެކު އައްޑޫގައި ދެން ގާއިމް ކުރާ އައްޑޫ ސިޓީ ކައުންސިލާއި ހުޅުދޫ ކައުންސިލް އަދި މީދޫ ކައުންސިލްގައި މުޅިއަކު 17 ކައުންސިލަރުން ތިބޭނެ އެވެ. އެއީ، މިހާރު އޮތް ކައުންސިލްގައި ތިބޭ ކައުންސިލަރުންނަށްވުރެ ހަތަރު ކައުންސިލަރުންގެ އިތުރުވުމެކެވެ.

ސިޓީތަކުގެ ގޮތުގައި ދެން އޮތް ކުޅުދުއްފުށި އާބާދީ ހުރީ، 11،000ގަ އެވެ. އަދި ތިނަދޫގައި 10،450 އެވެ. އެހެން ކަމުން މި ދެ ސިޓީގައި ވެސް ތިބޭނީ އައްޑޫ ކައުންސިލެކޭ އެއްވަރަށް ހަތް ކައުންސިލަރުންނެވެ.

ކޮމެންޓް (3)

ރަށިފުތާ

17 ނޮވެމްބަރު 2025
މީ ދެން ބޮޑޮވަރަ. އައްޑޫ އަށް ނިކަމެތި ވެނީ އައްޑޫ މީހުންގެ ސަބަބުން. މިތިބި ކަންތަކާއި އިހްތިޖާޖް ނިވެނީ އާ އަދިއަސް.
0 0

ކައުންސިލް

17 ނޮވެމްބަރު 2025
މީގެ އެންމެ މޮޅައް ކުރެވޭ ކަމަކީ ކޮންމެ ފަސްއަހަރަކުން ރައްޔިތުން ވަރުދައްކާފަ ހޮވާ މެންމްބަރުން ކުރާނެ މަސައްކަތެއްނެތީމަ ކުރީގެ ހަދާފަ ހުންނަ ޤާނޫނުތަކަށް އިސްލާހު ގެންނަނީ މާމޮޅުކަމެއްކަމައް ހީކޮށް އަނެއްކާ ދެންއަންނަ ދައުރެއްގަ އޮންނަނާނީ މިހާރު މިގެންނަ އިސްލާތައް އުވާލުން ހަމަ އަހަރުމެންނައް ވަރިހަމަވާނެ.
3 0

ތެފައާސާ.

16 ނޮވެމްބަރު 2025
ޚަރަދު ކުޑަ ކުރަން ކުރިން 7 މީހުން ތިބިތަނަކަށް މިހާރު 9 މީހުންލަނީ؟ ގަދަ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް