މިއަދު ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުން (ފޮޓޯ/މަޖިލިސް)

ބަޖެޓް26

އެއް މަސައްކަތެއް ކުރާ މުއައްސަސާތައް އެއްކޮށްލަންޖެހޭ: ނާޒިމް

އެ ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީ އާއި ޕާޓީތަކުން މަޝްވަރާކޮށް، މިނިވަން މުވައްސަސާތައް ގިނަވުމުގެ ސަބަބުން އޮންނަ މަތި ބަރުވުން ނިމުމަކަށް ގެންނަން ނާޒިމް ހިޔާލު ހުށަހެޅުއްވި

އެއް މަސައްކަތްތަކެއް ކުރާ މިނިވަން މުއައްސަސާތައް ގިނަ ކަމަށާއި މަތި ބަރުކުރުން ކުޑަކުރުމަށް އެ ތަންތަން އެއްކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް 607 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް 20 އިދާރާއަކުން އެދިފައިވާ ކަމަށެވެ.

ތަފްސީލް - ނާޒިމް ވިދާޅުވީ އެ ތަންތަނަށް ބަޖެޓު އިތުރުކޮށްދޭ ނަމަ ބަޖެޓުގެ އެހެން ދިމާއަކުން އުނިކޮށްގެން އެ ބައި ހޯދަން ޖެހޭ ކަމަށެވެ.

"ބައެއް ތަންތަން އެބަހުރި ހަމަ ޑުޕްލިކޭޓުވެފައި ސަރުކާރު ތެރޭ ހުރި ބައެއް މުއައްސަސާތައް. މިސާލަކަށް ދަންނަވާ ނަމަ އަޅުގަނޑުމެން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އެބަ ހަރަދު ކުރަން އަހަރަކު 14.7 މިލިއަން ރުފިޔާ. ޗިލްޑްރަންސް އޮމްބަޑްޕާސަން އޮފީހަށް 8.8 މިލިއަން ރުފިޔާ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 7.5 މިލިއަން ރުފިޔާ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް 29 މިލިއަން ރުފިޔާ އަޅުގަނޑުމެން އެބަ ހަރަދުކުރަން އަހަރަކު،" ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމެޓީއެއްގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް (ފޮޓޯ/މަޖިލިސް)

މިއިން ކޮންމެ އޮފީހަކީ ވެސް އެ އޮފީސް އުފެއްދުމަށް ފަހު ވަރަށް ގިނަ ހަރަދުތަކެއް ރިޕީޓުވެގެން ދާ ތަންތަން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިސާލަކަށް ދަންނަވާ ނަމަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ވެސް. މީގައިވާ ގޮތަކީ ފައިނޭންސް އޮފިސަރެއް ހުންނަން ޖެހޭ. ސްޓޯކީޕަރެއް ހުންނަން ޖެހޭ. އެހެން ގޮސް ފައިނޭންސް ޒިންމާދާރު އިސް ވެރިއެއް ހުންނަން ޖެހޭ. ތަން ކިތަންމެ ކުޑަޔަސް މި ހުރިހާ މަގާމުތަކެއްގައި މީހުން ތިބެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ގާނޫނުގައި މިނިވަން މުއައްސަސާތައް ކަމަށް ބުނާ ކޮންމެ ތަނެއްގެ އެންމެ އިސް ވެރިޔަކަށް ކާރާއި ޑްރައިވަރު ވެސް ދޭން ޖެހޭ ކަމަށެވެ.

އެ މުއައްސަސާތަކުން ކުރާ މަސައްކަތުގެ ނަތީޖާ ހާސިލްވާ މިންވަރާ މެދު ވެސް ސުވަލު އުފެދޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިސާލަކަށް ދަންނަވަންޏާ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން. އެ ތަނުން ރިޕޯޓުތައް ތައްޔާރު ކުރޭ. އެހެން ނަމަވެސް ތަންތަނުގެ މަގާމުތަކުގައި އިންޓަގްރިޓީ ހިފެހެއްޓުމަށްޓަކާ ކުރާ ކަމެއް ފެންނާކަށް ނެތް. އަޅުގަނޑުމެން ޕޮލްކޯގެ މައްސަލަ ބަލަން ދިޔައިރު ފެނުނު ހުށަހެޅިފައި އޮންނަތާ ހަތް އަހަރު ވީ މައްސަލަތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

"މިކަހަލަ ތަންތަން އަޅުގަނޑަށް ފެންނަނީ ހަރަދު ކުޑަކުރުމުގެ ގޮތުން އެހެން ތަންތަނުގެ ދަށަށް ލާން. ލާފައި، ޖުމްލަ ހަރަދު ކުޑަކުރެވޭނެ ގޮތެއް ބަލަން."

ނާޒިމް ވިދާޅުވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީސް ހިންގަން ވެސް 1.8 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި އެ މުއައްސަސާއިން ކުރާ މަސައްކަތް އެޗްއާރުސީއެމްގެ ދަށަށް ވެސް ލެވިދާނެ ކަމަށެވެ. މީގެ އިތުރުން، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ ހިންގަން ދާ ހަރަދު، ޖެންޑާ މިނިސްޓްރީގެ ޕްރޮގްރާމުތަކަށް ކުރާ ހަރަދަށް ވުރެ ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަންވާނެެ ގޮތް ނެތިފައި، ނަންވާ ތަންތަން މި ހުންނަނީ ހެދިފައި. އަޅުގަނޑަށް ފެނޭ އެއްކޮށްލެވެން ހުރި ތަންތަން އެއްކޮށްލާފައި، އެ ތަންތަނުން ލިބޭ ސޭވިންސް އިން ދެން ހުންނަ މުއައްސަސާތަކަށް ލާރި ދެވޭ ގޮތަށް ރާވަން،" ނާޒިމް ވިދާޅުވި އެވެ.

އެ ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީ އާއި ޕާޓީތަކުން މަޝްވަރާކޮށް، މިނިވަން މުވައްސަސާތައް ގިނަވުމުގެ ސަބަބުން އޮންނަ މަތި ބަރުވުން ނިމުމަކަށް ގެންނަން ނާޒިމް ހިޔާލު ހުށަހެޅުއްވި އެވެ.


ބަޖެޓު ދިރާސާ ކުރަ ކޮމެޓީގައި ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ވެސް ވަނީ މުއައްސަސާތައް އެއްކޮށްލުމާ ގުޅޭ ގޮތުން ނާޒިމް ދެއްކެވި ވާހަކައަށް ތާއީދުކުރައްވައިފަ އެވެ.

ގަފޫރު ވިދާޅުވީ މުއައްސަސާތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ގިނަ ކަމަށާއި ނަމަވެސް އެ މުއައްސަސާތަކުން ކުރާ މަސައްކަތަކުން ރައްޔިތުންނަށް ފައިދާވާ ތަން ނުފެންނަ ކަމަށެވެ.

"އަޅުގަނޑަށް ވެސް ތާއީދުކުރެވޭ މިތަންތަން ކުޑަކުރަން. އަދި އޭގެ އިތުރަށް ފަސް މެންބަރުންނާއި ހަތް މެންބަރުން ކޮންމެހެން ކޮމިޝަނުގައި ތިބޭކަށް ނުޖެހޭ. އާބާދީގެ ނިސްބަތުން ކޮމިޝަނުގައި ތިބެން ޖެހޭނީ،" ގަފޫރު ވިދާޅުވި އެވެ.

ކޮމިޝަންތައް އުފައްދާފައި ހުރީ ނަތީޖާ ލިބޭނެ ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް ފެންނަނީ ކަންތައް ގޯސްވާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (5)

ސުނާރު

13 ނޮވެމްބަރު 2025
ރައްޔިތުންގެ މަޖިލީހާ ދޮންކަލޭފާނުގެ ބަކަރި ކޮއްޓާވެސް އެއްކޮއްލަންޖެހޭ. ހަމަ އެއްކަހަލަ ދެތަން
1 0

ލިވް

13 ނޮވެމްބަރު 2025
ޓެކްސް އެޕީލް ޓްރައިބުނަލް އާއި، އެމްޕްލޯއިމަންޓް ޓްރައިބިއުނަލް ވެސް އެއް ކުރެވިދާނެ. އެވެސް ބޮޑު ކުލިދީގެން، ގިނަ މުވައްޒަފުންތަކެއް، އަދި ބޮޑު މުސާރައާއި އިންޝުއަރަންސްދީގެން 5 މެމްބަރުން ނަގައިގެން ހިންގާ ތަންތަން. މިއިން ކޮންމެތަނެއްގެ ކުއްޔަށް އެކަން 4.4 މިލައަން އަރާ.
0 0

ފެކްޓް

13 ނޮވެމްބަރު 2025
ކަރެކްޝަން އާއި މަޖިލިހާ ރައީސް އޮފީހާވެސް އެއްކޮށްލާ. އެންމެންނަކީވެސް ހައްޤުނޫން ފައިސާއާއި ފަސާދައާއި ކުއްކޮށްގެން ވަންނަތަނެއް.
2 0

ދަންތުރަ

13 ނޮވެމްބަރު 2025
މަލްޓިޕާޓީ ޑިމޮކްރެސީއާއެކު ގައުމަށްޖެހުނުތުރާލަކީ ބޭކާރުހަރަދުތައްކޮށް އިސްރާފުކުރާނެ މުއައްސަސާތައްހަދައި ގައުމު އިނދަޖައްސާލުން. 8 ބިލިއަނުން ހިންގިައުމު 64 ބިލިއަނުންވެސް މިހާރު ނުހިންގިގެންއުޅެނީ.
1 0

ޖުހާަ

13 ނޮވެމްބަރު 2025
ތިޔަ ތަންތަނަކީ ކޮންމެހެން ހުންނަނޖެހޭ މުވައްސަސާތަކެއް. އެއިގެ ބާރު ކުޑަވެގެން ހިނގައިދާނެ ތި ފަދަ ގޮތްގޮތް ހެދުމުން. ކުރަންޖެހޭ ކަމަކީ އެ މުވައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރުން. އެތަންތަނަކީ ބޭނުންތެރި ތަންތަން. ހަމަ ކޮންމެހެން ވަކިން ހުންނަންޖެހޭ ތަންތަން. އެއްމެ 100 މީހުންވެގެންވެސް ގައުމު ހިންގިދާނެ. އެކަމަކު އެއީ ރައްޔިތުންގެ ވެރިކަމެއް ކުރެވޭނެ ގޮތެއް ނޫން. ފައިސާ ދައުލަތަށް ވަންނާނެ ގޮތް ހޯދަން ޖެހޭ. ހަދާނެ ގޮތެއް ނޭނގިގެން ހިންގުން ދޯދިޔާވާ ޒާތުގެ ބޭކާރު ހޮޅުއަށި ބަހުސް ބޭނުމެއް ނުވޭ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް