ފުވައްމުލައް ބަނދަރު ސަރަހައްދު. އެ ރަށަށް އަދިވެސް ސަޕްލައި ފެނެއް ނުލިބޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުވައްމުލައް

6 ގަޑިއިރުން މައްސަލަ ހައްލެއް ނުވި، އަދިވެސް ފުވައްމުލަކަށް ފެނެއް ނުލިބޭ

އެ ރަށުގެ މީހުން ބުނާ ގޮތުގައި، މުޅި މައްސަލަ ހައްލުކޮށް، ފެން ލިބެން ދެތިން ދުވަސް ނަގާނެ
12 ނޮވެމްބަރު 2025
2

ކުރިއަށް އޮތް ހަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހުގައި ފުވައްމުލަކަށް ފެން ދޫކުރަން ފެށޭނެ ކަމަށް ސަރުކާރުން އިއްޔެ ބުނި ނަމަވެސް، އަދިވެސް މައްސަލަ ހައްލުނުވާ ކަމަށް އެ ރަށުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - 9،000އެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، މިދިޔަ ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި ފެން މެދުކަނޑާލީ ބޭނުން ކުރެވޭ ވަރަށް ވުރެ ފެން ރައްކާތެރި ނޫން މިންވަރަކަށް ތަގައްޔަރުވެފައިވާތީ އެވެ.

އެއާ އެކު ސަރުކާރުން ވަނީ އެ ރަށަށް ކަނޑާއި ވައިގެ މަގުން ފެން ކޭސް ފޮނުވަން ފަށައިފަ އެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ހަވީރު ވިދާޅުވީ:

  • ފެން ތަގައްޔަރުވުމާ ގުޅިގެން އެ ހިދުމަތްދޭ ފެނަކައިން، އެމްއެފްޑީއޭ އާއި އެޗްޕީއޭގެ އިރުޝާދާ އެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށްފައިވާ ކަމަށް

  • ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް 

  • ހަ ގަޑިއިރުގެ ތެރޭގައި މައްސަލަ ހައްލުކޮށް ފެން ދޫކުރަން ފަށާނެ ކަމަށް

ތަފްސީލް - ފުވައްމުލަކުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، އަދިވެސް ގެތަކަށް ސަޕްލައި ފެނެއް ނުލިބެ އެވެ. އެހެންވެ، ހުރިހާ ކަމެއްގައި ވެސް ބަރޯސާ ވާންޖެހިފައި ވަނީ މިނަރަލް ވޯޓާއަށް ކަމަށް ބުންޏެވެ.

ރަށުން ސަޕްލައި ފެން ކަނޑާލުމާ އެކު، ފުޅީގައި ބަންދުކުރި ފެން ގަތުމަށް ގިނަ ބަަޔަކު އެ ރަށުގެ ފިހާރަތައް ދޮށުގައި ކިޔު ދަމާލި އެވެ. އޭރު ގިނަ ފިހާރަތަކުން ފެން ހުސްވެސް ވިޔެވެ. އެކަމަކު ސަރުކާރުން ފެން ފޮނުވަން ފެށުމާއެކު، އެމްއެންޑީއެފުން އަންނަނީ ފެން ބޭނުން ވެގެން ނަން ނޯޓުކޮށްފައިވާ ގެތަކަށް ފެން ފޮނުވަމުންނެވެ.

އެކަމަކު ބައެއް ގެތަކަށް ފެން ނުލިބޭކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.

އެ މީހުން ބުނާ ގޮތުގައި، 'ފެން ބެހުމުގައި ހަމައެއް ލަމައެއް ނެތެވެ.'

"މިވަގުތުގެ މި ވަގުތާ ހަމައަށް ވެސް، ބަހަމުންދާ ފެންފޮދު އެއްވެސް ވަރަކަށް ނުލިބޭ. ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ލިބެމުންދޭ،" ފޭސްބުކްގައި ޝަކުވާ ހިއްސާކުރަމުން މީހަކު ލިޔެފައިވެ އެވެ.

އެހެން މީހަކު ބުނި ގޮތުގައި، ދެ ދުވަސް ވީއިރު ސަޕްލައި ފެން ނުލިބޭތީ، ބޮޑެތި ދަތިތައް ދަނީ ކުރިމަތިވަމުންނެވެ.

"އަނެއްހެން ބޯނެފެން އެބަހުރި. އެކަމަކު ރަށުގެ ފްލެޓް ސަރަހައްދާއި ޗަސްބިން ސަރަހައްދުގައި ހުންނަ ގެތަކުގައި ހުރިހާ ކަމަކަށް ވެސް ބޭނުން ކުރާނީ ސަޕްލައި ފެން. އެހެންވެ، ފެން ކަނޑާލުމުން އެގެތަކަށް ވަރަށް ބޮޑަށް ދަތިވާނެ،" ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މައްސަލަ ހައްލުނުވެ ގިނައިރުތަކެއް ވާތީ، ފުވައްމުލަކުގެ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. އަދި ހިދުމަތްދޭ ފެނަކައިން އެންމެ ރަނގަޅު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ނުދޭ ކަމަށް ބުނެ ދަނީ އަޑުއުފުލަމުންނެވެ.

ފެން ތަގައްޔަރުވީ ބައެއް ކަސްޓަމަރުން ކްރޮސް ކަނެކްޝަން ހަދާފައިވާތީ ކަމަށް ފެނަކައިން ބުނި ނަމަވެސް ރަށުގެ ގިނަ ބަޔަކު އެކަމާ އެއްބަހެއް ނުވެ އެވެ. އެ މީހުން ބުނާގޮތުގައި ހަގީގީ މައްސަލައަކީ ފެނުގެ ޕްރޮޑަކްޝަނުގެ މައްސަލައެކެވެ.

ފުވަމުލަކު މޭޔަރު އިސްމާއިލް ރަފީގް ވެސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ.

"ބޮޑު ޑިޒާސްޓާއަކަށް މިކަންކަން ގޮސްދާނެތީ، އެކަށީގެންވާ ގޮތަށް މިކަންކަމަށް އެޓެންޑްވެ، ފެނަކައިން މިކަންކަން ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަން އެބަ ޖެހޭ. ގަވައިދުން ފެން ޓެސްޓުކުރުމާއި ހޮޅިތައް ސާފު ކުރުން ފަދަ ކަންކަމަކީ ވެސް ނުވެ ހުރި ކަންކަން. ރައްކާތެރި ބޯފެން ރައްޔިތުންނަށް ލިބުމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ކުރިއަކުން ވެސް އަދި މިހާރަކު ވެސް ނެތް،" ދައުރަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލަކު ބައެއް މީހުން ބުނި ގޮތުގައި، މުޅި މައްސަލަ ހައްލުކޮށް، އަލުން ފެން ފޯރުކޮށްދޭން ދެތިން ދުވަސް ނަގާނެ އެވެ.

ސަރުކާރުން މިހާތަނަށް ވަނީ ފުވައްމުލަކަށް 2،800 ފެން ކޭސް ފޮނުވާފަ އެވެ.

ކޮމެންޓް (2)

ޝިފުލީން

12 ނޮވެމްބަރު 2025
ތިބޭފުޅުން ގެންނަ ބްރޭކިންގ ނިއުސްގޮތައް ހަޱިއަކު އެއްފަހަރު ކިއުންތެރިންނަށް އަޕްޱޭޓް ލިބޭގޮތްހަދާދީބަލަ.
0 0

ޱރ ތަރުޖަމާނު

12 ނޮވެމްބަރު 2025
ބަލަ ތަރުޖަމާނު އެއޮތީ ބުނެފައެއްނޫންތަ ވާނޭކަމަށް. މިކަންތައް މިއޮތީ ބޮޱު ޖޯކަކަށްވެފަ ކަމުގެ ހުރި މުހިއްމުކަން އެއްވެސް ވަރަކަށް ބެލުމެއްނެތް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް