ސޯލިހަށް ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް އެރުވުން (ފޮޓޯ/ރައީސް އޮފީސް)

ދަމާސް

ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް ދަމާސް ސޯލިހަށް އަރުވައިފި

ސޯލިހަށް މި ޝަރަފު އެރުވީ ރާއްޖޭގައި ވިޔަފާރި ކުރިއަރުވައި ތަފާތު ވިޔަފާރީގެ ހިދުމަތްތައް ތައާރަފުކުރައްވާފައިވާތީ

ރާއްޖޭގައި ވިޔަފާރި ކުރިއަރުވައި ތަފާތު ވިޔަފާރީގެ ހިދުމަތްތައް ތައާރަފުކުރައްވާފައިވާތީ އެކަމުގެ އަގު ވަޒަން ކުރުމަށް ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް މުހައްމަދު ސޯލިހު (ދަމާސް ސޯލިހު)އަށް މިއަދު އަރުވައިފި އެވެ.

ވީ ކިހިނެއް؟ - ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ސޯލިހަށް މި އިއްޒަތް އެރުވީ ރައީސް މުހައްމަދު މުއިއްޒެވެ.

ސޯލިހަށް ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް އެރުވުން (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - ސޯލިހަށް ނިޝާން މުލީގެ އިއްޒަތް އެރުވީ:

  • ރާއްޖެއަށް ވިޔަފާރީގެ ތަފާތު ހިދުމަތްތައް ތައާރަފުކުރައްވާފައިވާތީ

  • ރާއްޖޭގައި ވިޔަފާރި ތަރައްގީ ކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް

  • ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ފުޅާކޮށް، އެކި ރޮނގުރޮނގުން ހިދުމަތްކުރައްވައި އަދިވެސް އެ ހިދުމަތުގައި ދެމިހުންނެވި ބޭފުޅަކަށް ވާތީ

ދަމާސް ކުންފުނީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ސޯލިހު ވިޔަފާރީގެ މަސައްކަތް ފުރަތަމަ ފެއްޓެވީ 1978 ވަނަ އަހަރު އެވެ. އޭރު ރަހުމަތްތެރިންނާ އެކު ފެއްޓެވި މަސައްކަތުގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރެއްވީ ކާގޯ ކްލެޔަރެންސްގެ މަސައްކަތެވެ. ފަހުން ކޮންސްޓްރަކްޝަންގެ މަސައްކަތް ވެސް ކުރެއްވި އެވެ.

ސޯލިހަށް ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް އެރުވުން (ފޮޓޯ/ރައީސް އޮފީސް)

ސޯލިހު ގައުމަށް ކުރެއްވި ބައެއް ހިދުމަތްތައް:

  • ސޯލިހު ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައި

  • އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރުމަށް އަމިއްލަ އިސްނެންގެވުމަށް ވެސް ގިނަ މަސައްކަތްތައް ކުރެއްވި

  • މިހާރު ވެސް 4 ރިސޯޓާއި މާލޭގައި 3 ސިޓީ ހޮޓާ ހިންގަވާ

  • މިއަދު ވެސް ޓޫރިޒަމް ދާއިރާ އިން މީހުން ބިނާކޮށް، އެ ސިނާއަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާ

  • މެޑިކާގެ ނަމުގައި މާލޭގައި ހޮސްޕިޓަލެއް ވެސް ހިންގަވާ

  • ދައުލަތުގެ ތަފާތު ގިނަ ބޯޑުތަކާއި ގިނަ ކޮމެޓީތަކުގައި ހިދުމަތް ކުރައްވާފައިވޭ

ވިޔަފާރި އާއި އިގްތިސޯދީ ދާއިރާ އިން 2022 ވަނަ އަހަރު ސޯލިހަށް ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ.

އެނގުން މުހިއްމު - ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ. މިއީ ރާއްޖޭގައި ދައުލަތުން ދޭ ތިން ވަނައަށް އެންމެ ޝަރަފުވެރި އިއްޒަތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް