2026 ވަނަ އަހަރުގެ ބަޖެޓް (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

ބަޖެޓް26

ހަރަދު ކުޑަކުރުމުގެ ކަންތައް އިބިލީހު ކައިވެންޏަށް ވެއްޖެ: އޮޑިޓާ ޖެނެރަލް

ހަރަދު ކުޑަކުރަން އަޅާނެ ފިޔަވަޅުތައް ބަޖެޓުގައި ހިމަނާފައި ނެތް ނަމަވެސް، އޮޑިޓާ ޖެނެރަލް ވަނީ މަޖިލީހުން ބަޖެޓު ފާސްކުރާއިރު ހަރަދު ކުޑަކުރެވޭނެ އުސޫލަތައް މަޖިލީހަށް ހުށަހަޅައިގެން އެއާ އެއްކޮށް ބަޖެޓު ފާސްކުރަން އެދިވަޑައިގެންފައި

ދައުލަތުގެ ދަރަނި ކުޑަކުރުމަށް އެކުލަވާލާ ސިޔާސަތުތައް ތަންފީޒުކުރުން 'އިބިލީހު ކައިވެންޏަށް' ވެފައިވާ ކަމަށް އޮޑިޓާ ނެޖެރަލް ހުސެން ނިޔާޒީ މިއަދު ވިދާޅުވެ އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ހުރީ ދެމެހެއްޓެނިވި ލެވެލްއެއްގައި ނޫން ކަމަށެވެ.

ތަފްސީލް - "އަހަރުން އަހަރަށް ދަރަނި މި އިތުރަވަނީ އަޅުގަނޑުމެން ހަރަދުތައް ކުޑަނުކޮށްގެން. ހަދަރުތައް ކުޑަ ކުރުމުގެ ސިޔާސަތުތައް މި ހުންނަނީ ސަސްޓެއިނަބަލް ލެވެލްއެއްގައެއް ނޫން،" ނިޔާޒީ ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ އެ ސިޔާސަތުތައް ތަންފީޒުކުރުން ކޮންމެ އަހަރަކު ވެސް ފަސްކުރަމުންދާ ކަމަށެވެ.

"ދަމުންދަމުން ގޮސްފައި އަޅުގަނޑުމެންނަށް ކިހާ ހިސާބަކަށްތޯ ފަސްކުރެވޭނީ؟ ހަރަދު ކުޑަކުރުމުގެ ކަންތައް މިހާރު މިހުރީ އިބިލީހުގެ ކައިވެންޏަށް ވާގޮށް ވެފައި،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް އެކުލަވާލާފައިވާ ބަޖެޓު ފޮތުގައި ދަރަނި ކުޑަކުރަން އަޅާނެ ފިޔަވަޅުތައް ހިމަނާފައި ވެސް ނެތް ކަމަށް ނިޔާޒީ ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތުން އެއްގޮތަކަށް ރަނގަޅު. އެއީ، ނުކުރާ ކަމެއް ކޮންމެހެން ޖަހާނެ ކަމެއް ވެސް ނެތް. އެކަމަކު އަޅުގަނޑުމެންނަށް ކިހާ ހިސާބަކަށްތޯ ފަސްކުރެވޭނީ؟ ހަރަދުތައް ކުޑަނުކުރެވޭ ނަމަ ދަރަނި އަން-ސަސްޓެއިނަބަލް ލެވެލްއަކަށް ދާނެކަން އެބަ އެނގޭ،" އޭނާ ވިދާޅުވި އެވެ.

ހަރަދު ކުޑަކުރަން އަޅާނެ ފިޔަވަޅުތައް ބަޖެޓުގައި ހިމަނާފައި ނެތް ނަމަވެސް، އޮޑިޓާ ޖެނެރަލް ވަނީ މަޖިލީހުން ބަޖެޓު ފާސްކުރާއިރު ހަރަދު ކުޑަކުރެވޭނެ އުސޫލަތައް މަޖިލީހަށް ހުށަހަޅައިގެން އެއާ އެއްކޮށް ބަޖެޓު ފާސްކުރަން އެދިވަޑައިގެންފަ އެވެ.

"އެހެން ނޫނީ އަޅުގަނޑުމެން އަތް ނުފޯރާ ހިސާބަށް މިކަން ހިނގައިދާނެ،" ނިޔާޒީ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވީ ބަޖެޓު ފާސްކުރާއިރު އެއަށް ދޭ ރިކޮމެންޑޭޝަންތަކަށް އުސޫލެއްގެ ގޮތުން ސަރުކާރުން އިހުތިރާމު ކުރަން ޖެހޭނެ ކަމަށެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހަރަދުތައް ވަކި ތަރުތީބަކުން ގެންގޮސް، ކެރިފޯރުންތެރިކަން ހުރި މިންވަރަކަށް ދަރަނި ކުޑަކުރަން ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެވެ.

"މިކަން ނުކުރީމަ ކިހިނެއްހޭ މިވަނީ؟ ވަކި ހިސާބަކުން އެ ލޯނު ނެގި ފަރާތްތައް އަންނާނެ ދެއްތޯ އެއާ ހަމަކުރަން. މީގަ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ކުރިއާލާ ތައްޔާރުވުން،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އަންނަ އަހަރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ 600 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުންކަން ފާހަގަކުރައްވައި ނިޔާޒީ ވިދާޅުވީ މިހާރު އޮތީ އުނދަގޫ ހާލަތެއް ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީގެ ރެކޯޑުތަކާއި އެހެން ފަރާތްތަކާ އެކު ބަދަލުކޮށްފައި ހުރި ލިޔެކިޔުންތައް ވެސް ބެލިން. އެ ބެލި އިރު މިހާރަށް ބަލާއިރު ރިއަލިސްޓިކް ޕްލޭނެއް އޮތް ކަމަށް ގަބޫލު ކުރެވެނީ،" އެ ރިފައިނޭންސް ކުރެވޭނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން ހޯދާފައިވާކަން ފާހަގަކުރައްވައި ނިޔާޒީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކިރިޔަ ކިރިޔާ ސަލާމަތް ވެވޭ ވަރަށް މި ކަންކަން ކުރެވެނީ. އެއަށް ވުރެ، އަޅުގަނޑުމެން ކުރިއާލާ މި ކަންކަމަށް ތައްޔާރުވެގެން ދިޔައީމާ އަޅުގަނޑަށް ހީވަނީ ކަންކަން ރަނގަޅުވާނެހެން. އަޅުގަނޑުމެންގެ ހާލަތާ ނުބައްދަލު ސިޔާސަތުތަކެއް ރާއްޖޭގައި ތައާރަފުކޮށްގެން މި ގެންދަނީ."

އެގޮތުން، އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި:

  • 600 މިލިއަން ޑޮލަރު ދައްކަން ޖެހޭކަން އެނގެއް އޮއްވައި ހުޅުމާލޭން އަގުބޮޑެތި ބިންތައް ހިލޭ ބަހާލި

  • އެއީ ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ ނުވަތަ 1 ބިލިއަން ޑޮލަރު

"ގައުމެއްގެ ކޮންކަމެއްތޯ އިސްކަން ދޭންވީ؟ ދަރަނި ދެއްކުންތޯ ނޫނީ ހިލޭ މުދަލާ އެއްޗެހި ދިނުންތޯ؟،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

ކޮމެންޓް (1)

ތެފައާސާ.

10 ނޮވެމްބަރު 2025
ދައުލަތުގެ މުއައްސަސާތައް، ވަކިން ޚާއްސަކޮށް މާލޭ ސިޓީ ކައުންސިލްފަދަ މުހިންމު އިދާރާތައް (ކުރީގެ މޭޔާރ މުއިއްޒުގެ ދައުރުއްސުރެ) ބަރާބަރަށް އޮޑިޓް ކުރުންވެސް އިނބިލީހުގެ ކައިވެންޏަށް ވެފައި ދެއްތޯ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް