ގއ. އަތޮޅު ހޮސްޕިޓަލުގެ ފެންވަރާ މެދު ހިތްހަމަ ނުޖެހިގެން އެ ރަށުގެ ބައެއް މީހުން މި އަހަރުގެ ކުރީކޮޅު މުޒާހަރާ ކުރަނީ (ފޮޓޯ/ސޯޝަލް މީޑިއާ)

17 އަހަރު ފަހުން ލިބުނު ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ އިހުމާލުން: އާއިލާ

އާއިލާއިން ބުނާ ގޮތުގައި، ދަރިފުޅު މަރުވީ ފަރުވާ ދިނުން ލަސްކުރުމުން
16 ނޮވެމްބަރު 2025
5

ދަރިއަކު ނުލިބި 17 އަހަރު ވޭތުވުމަށް ފަހު ލިބުނު ދަރިފުޅު ވިހޭތަނުން މަރުވުމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އާއިލާއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ތުއްތު އެ އަންހެން ކުއްޖާ މަރުވީ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ދިނުން ލަސްކުރުމުންނެވެ. 

ބުނީ ކީކޭ؟ - އާއިލާއިން ބުނި ގޮތުގައި، ދާންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އަންހެންމީހާ، ދުވަސް ނުފުރި އުޅެނިކޮށް ސިއްހީ މައްސަލަތައް ދިމާވާން ފެށި އެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް ލޭ ފައިބަން ފެށީ ކަމަށާއި އެހެންވެ، އެ އަތޮޅު ދާންދޫ ސިއްހީ މަރުކަޒަށް ދެއްކި ކަމަށް ބުންޏެވެ. އެތަނުން ލަފާ ދިނީ މާލެއަށް ދިޔުމަށް ކަމަށް އާއިލާއިން ބުންޏެވެ.

މާލެ އައުމުން އެ މީހުންނަށް އެނގުނީ އެގޮތަށް ލޭފައިބަނީ، ރަހިމުގެ ދޮރާ ދިމާއިން ހުޅުވިފައި އިނުމުން ކަމަށެވެ. އެހެންވެ، އެ ތަން ފަހައި ފަރުވާ ކުރި ކަމަށް އާއިލާއިން ބުންޏެވެ.

"އޭރު ހަމަ ރަނގަޅުވި. އެހެންވެ، އަޅުގަނޑުމެން އެނބުރި އައީ ރަށަށް. އެކަމަކު އަނެއްކާ ވެސް އެގޮތަށް ލޭ އަންނާތީ މި މަހުގެ ހަތް ވަނަ ދުވަހު ދިޔައީ ވިލިނގިލީ ހޮސްޕިޓަލަށް،" އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ ހޮސްޕިޓަލުގައި އޮތް ދުވަސްތަކުގައި ވެސް މާބޮޑު ފަރުވާއެއް ނުދެވޭ ކަމަށާއި އެހެންވެ، ހާލަތު ގޯސްވުމުގެ ކުރިން މާލެއަށް ފޮނުވުމަށް އެދުނު ކަމަށެވެ. އެކަމަކު މަންމަ އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެ މާލެ ފޮނުވުމަށް ހޮސްޕިޓަލުން ދެކޮޅު ހެދި ކަމަށް ބުންޏެވެ.

"އެ މީހުން އަޅުގަނޑުމެންނަށް ދިން އޮޕްޝަންއަކީ އަމިއްލައަށް ދިޔުން. އެކަމަކު އެ ހާލަތުގައި އޮތް މާބަނޑު މީހަކު ގޮވައިގެން އަމިއްލައަށް ދިޔުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫންތާ؟،" އޭނާ ބުންޏެވެ.

"މިތަނުގައި ފަރުވާ ދިނުމުގެ ނަމުގައި ދިނީ ޕެރެސެޓަމޯލް. ދެން ޖެހީ އިންޖެކްޝަންތަކެއް."

އެ ވޭނުގައި އުޅެނިކޮށް، އިއްޔެ ރޭ ދަންވަރު އަންހެން މީހާ ވަނީ ވިހާފަ އެވެ. ވިހޭ ވެސް، އާއިލާއިން ބުުނިގޮތުގައި އޭނާ ބާއްވާފައި އޮތް ވޯޑުގެ އެނދުމަތީގަ އެވެ.

އޭނާ ބުނީ އަންހެން މީހާ ވިހެއި އިރު ގަނޑުގަނޑަށް ހުރި ލޭ ވަރަށް ގިނައިން އައި ކަމަށާއި އެހެންވެ، ދަރިފުޅުގެ ހާލަތު ގޯސްވެދާނެތީ ޑޮކްޓަރަށް ގުޅި ކަމަށެވެ. އެކަމަކު އެ ކަމާ ވެސް ޑޮކްޓަރު ހިތްހަމަ ނުޖެހުނު ކަމަށް ބުންޏެވެ.

ވިހޭތާ މާގިނަ އިރެއް ނުވެ ތުއްތު ކުއްޖާ ވަނީ މަރުވެފަ އެވެ.

"އަޅުގަނޑުމެންގެ ޝަކުވާއަކީ ދެވޭނެ ފަރުވާއެއް ނެތްކަން އެނގޭއިރު ވެސް ކީއްވެތޯއޭ މިތަނުގައި އެހާ ގިނަ ދުވަހު ބޭއްވީ. ވިހޭއިރު ވެސް މެނޭޖްމެންޓަކަށް ނޭނގޭ މިތަނުގައި މާބަނޑު އަންހެނެއް އޮތް ކަމެއް ވެސް،" އާއިލާއިން ވާހަކަ ދެއްކި މީހާ ތުހުމަތު ކުރި އެވެ.

އޭނާ ބުނީ މި މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ގއ. އަތޮޅު ހޮސްޕިޓަލުގެ ބަހެއް 'ދައުރު'އަށް ލިބޭ ގޮތެއް ނުވި އެވެ. އެކަމަކު އެހެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، އެ ހޮސްޕިޓަލުގެ އިސްވެރިއަކު ވިދާޅުވީ އެ ފަދަ މައްސަލައެއް އެތަނަށް ހުށަހަޅާފައި ނެތް ކަމަށާއި ހުށަހެޅުމުން މައްސަލަ ބަލައި، އިހުމާލެއް އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެނގުން މުހިއްމު - ގއ. އަތޮޅު ހޮސްޕިޓަލުގައި، ސިއްހީ އިހުމާލުގެ މައްސަލަތައް ދޭތެރޭ ދޭތެރެއިން ފެންމަތިވެ އެވެ. އެގޮތުން މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އެ ހޮސްޕިޓަލުގައި ވިހޭ އަންހެނަކާއި ދަރިފުޅު މަރުވި މައްސަލައެއް ވަނީ ތަހުގީގުކޮށްފަ އެވެ. އެކަމާ ގުޅިގެން ފަރުވާ ދިން ޑޮކްޓަރު ވަނީ ރަށުން ފޮނުވާލާފަ އެވެ.

ކޮމެންޓް (5)

8889

17 ނޮވެމްބަރު 2025
އުނގޫފާރު ރީޖަނަލް ހޮސްޕިތަލްގަ ބޭރު ޑޮކުޓަރުން ހަދަނީ ހަދާނެ އެއްޗެއް
0 0

ބޭންކްސޮބާ

16 ނޮވެމްބަރު 2025
ހއ ދިއްދޫ ހޮސްޕިޓަލަކީ ނަމޫނާ ހޮސްޕިޓަލެއް. ރާއްޖެއިން ލިބޭ އެންމެ ފެންވަރު ރަނގަޅު ހިދުމަތް މިހާރުވެސް ލިބޭ. ހުރިހާ ބޭހެއް ލިބޭ. މުއިއްޒު ސަރުކާރުން ހއ އަތޮޅު ހޮސްޕިޓަލް ހިންގުމަށް ލާފައިވާ 3 މެނޭޖަރުންނަކީ ފެންވަރު ހުރި ތައުލީމީ ޒުވާނުން. މުޅި އަތޮޅުގެ ސިއްހީ ނިޒާމް ބަދަލްކޮށްލައިފި
0 0

ތެފައާސާ.

16 ނޮވެމްބަރު 2025
އަސްލު މިކަހަލަ ކަންކަން ރަނގަޅު ކުރަން ހޭދަކުރާނޭ ފައިސާ ނުހުންނާތީ ރަނގަޅު ނުކުރެވެނީ. ރިކޯޑު ހަދަން ހަވާ އަރުވާފައި ބާކީ އޮންނަ ފައިސާފޮއްޗެއް ރައީސަށް ޝުކުރު އަދާކުރަން މީހުން އެއްތަންކުރަން ހޭދަކޮށްފައި އަތުގައި އެއްޗެއް ނޯންނާތީ، ރަށްރަށުގައި ހުރި މިކަހަލަ ކަންކަން ރަނގަޅު ކުރަން ސަރުކާރުން ކިތަންމެ ބޭނުންވިޔަސް ނުވެފައި މި އޮންނަނީ. ވަރަށްވެސް ދެރަ!
6 0

އާމްދަނީ

16 ނޮވެމްބަރު 2025
ދެން ޕީއެންސީ ކުލައިގެ ބުރުގާ އަޅައިގެން މާލެއައިސް މުއިއްޒުއަށް އަތްޖަހާ!
5 1

ސިކުނޑި

16 ނޮވެމްބަރު 2025
މިސަރުކާރުގެ އިދާރާތަކުގެ ވެރިންވެސް ދެނީ ރައީސް ދޭކަހަލަ ޖަވާބު! ކަރަޕްޝަން މެކުހައްޖަހާފައި ހުންނަ އިރުވެސް ރައީސަށް ހުށަނާޅާތީވެ ނޭނގޭކަމަށް ހަދައިގެން! މިމީހުންވެސް ހޮސްޕިޓަލުގައި އެވަރުގެ ކަމެއް ހިނގައިގެން ދިޔައިރުވެސް މައްސަލަ ހުށަނާޅާތީ ޖަވާބެއްނުދީ! ކޮބައިތޯ މަގާމުގެ ޒިންމާ؟! ކީއްކުރަންތޯ ރައްޔިތުންނަށް ޚިދުމަތް ކުރަން ނަމުގައި މުސާރާއިގެ ދަހިވެތި ކަމުގައި ތި އުޅެނީ!
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް