ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި އޭނާގެ އެކުވެރިޔާ ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި އިންސާފަށް އެދި ބޭއްވި ހިނގާލުމެއް (ފައިލް ފޮޓޯ/މޯލްޑިވްސް އިންޑިޕެންޑެންޓް)

ސުޕްރީމް ކޯޓު

ޔާމީންގެ ދައްތަ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި

މި މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމްގައި ވަޒީފާ އަލުން ދޭން ކަނޑައެޅި ނަމަވެސް، އެއީ އަސްލު މައްސަލާގައި އެދިފައި އޮތް ކަމަކަށް ނުވާތީ ސުޕްރީމް ކޯޓުން އެބައި އުނިކުރި

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ ދައްތަ، އާއިޝަތު ރަޝީދު 2017ގައި ބޭއްވި އެއްވުމެއްގައި ބައިވެރިވި މައްސަލައިގައި ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅައިފި އެވެ.

ފަސްމަންޒަރު - ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުއްޓާ 7 އޮގަސްޓް 2017ގައި އާއިޝަތު ބައިވެރިވީ ނޫސްވެރިޔާ އަދި ޔާމީން ރަޝީދުގެ އެކުވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގިތާ ތިން އަހަރު ފުރުމާ ދިމާކޮށް މާލޭގައި ބޭއްވި އެއްވުމެއްގަ އެވެ. އޮގަސްޓު 2014ގައި ރިލްވާން ވަގަށް ނެގިއިރު،  ޔާމީން މަރާލީ އެޕްރީލް 20217ގަ އެވެ.

ވީ ކިހިނެއް؟ - ރިލްވާންއާ ބެހޭ އެއްވުމުގައި ބައިވެރިވި މައްސަލައިގައި ފުލުހުންގެ ވަޒީފާއިން އާއިޝަތު ވަކިކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 17 އޮގަސްޓު 2017ގަ އެވެ. 

އޭނާ ވަނީ އެއީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފަ އެވެ. އޭގައި އެދުނީ:

  • ވަޒީފާއިން ވަކިކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭގެ ބަދަލެއްގެ ގޮތުން 400،000ރ. ނަގައިދިނުމަށް

  • ސިވިލް ކޯޓުން ހުކްމް ކުރީ، ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް. އައިޝަތު ރަޝީދުގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރި

  • ހައި ކޯޓުން ފެބްރުއަރީ 2024ގައި ހުކުމްކުރީ، ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށާއި އާއިޝަތު ރަޝީދަށް އަލުން ވަޒީފާ ދިނުމާ އެކު، ހަ މަސް ދުވަހުގެ މުސާރަ ވެސް ދިނުމަށް.

  • ވަޒީފާ އަލުން ދޭން ހައި ކޯޓުގެ ހުކުމްގައި އޮތް ބައި ދައުލަތުން ސުޕްރީމް ކޯޓުގައި މާޗް 2024ގައި އިސްތިއުނާފްކުރި

ތަފްސީލު - ވަޒީފާއިން ވަކިކުރިތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނެރުނު ހުކުމްގައި ބުނީ، އާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމީ ރަނގަޅަަށް ކަމަށެވެ.

ހައި ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމުގެ އެ ބަޔަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވެސް އިއްތިފާގުވި އެވެ.

ހައި ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ އޭރު އެ ކޯޓުގެ އިސް ފަނޑިޔާރު އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދެވެ. ދެން އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ:

  • ފަނޑިޔާރު މުހައްމަދު ނިޔާޒު

  • ފަނޑިޔާރު ދީބަނާޒް ފަހުމީ  

މި މައްސަލަ ހައިކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުން (ކވ): ދީބަނާޒް، ހުސައިން ޝަހީދު، މުހައްމަދު ނިޔާޒު

ހައި ކޯޓުގެ އެ ތިން ފަނޑިޔާރުން ނެރެއްވި ހުކުމްގައި ހިމެނޭ ބައިތަކުގެ ތެރެއިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް އެއްބަސް ނުވެވުނީ، ވަޒީފާ އަލުން އަނބުރާ ދިނުމަށާއި ބަދަލު ނަގައިދީފައިވާ ގޮތަށެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔުގައި ފާހަގަކުރެއްވި ގޮތުގައި:

  • ވަޒީފާ އަލުން އަނބުރާ ދިނުމަށް އާއިޝަތު ރަޝީދު ސިވިލް ކޯޓުގައި އެދިފައެއް ނުވޭ. އަދި ހައި ކޯޓުގައި ވެސް އެފަދައިން އެދިފައެއް ނުވޭ

  • ދަށު ކޯޓުން ގޮތެއް ކަނޑަނާޅާ ކަމެއްގެ މައްޗަށް ނުވަތަ ދަށު ކޯޓަށް ހުށަހެޅި ބަހުސްކޮށްފައި ނުވާ ކަމެއްގެ މައްޗަށް އިސްތިއުނާފީ މަރުހަލާގައި ހައި ކޯޓަށް ގޮތެއް ކަނޑައެއް ނޭޅޭނެ

  • މަދަނީ އިޖުރާތުގެ ގާނޫނުގެ 39 ވަނަ މާއްދާގައި، މަދަނީ މައްސަލަތަކުގައި ހަސްމަކު ނޭދޭ ފަރުވާއެއް ކޯޓުތަކުން ފޯރުކޮށްދީގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވޭ

"ހައި ކޯޓުގެ ކުރި މައްޗަށް ހުށަނޭޅޭ ކަމެއްގެ މައްޗަށް ގޮތެއް ކަނޑައެޅުން ނުވަތަ ނޭދޭ ހައްލެއް އެ ކޯޓުން ފޯރުކޮށްދިނުމަކީ، އިންސާފު ގާއިމްކުރުމުގެ ތަބީއަތާ މުޅިން ހިލާފު ކަމެއް،" ސުޕްރީމް ކޯޓުގެ ކުރީގެ ގަޒިއްޔާތަކަށް ވެސް ބާރުދީ، މުހައްމަދު އިބްރާހިމްގެ ރައުޔުގައި ލިޔުއްވި އެވެ.

އެހެންވެ އޭނާގެ ރައުޔުގައި ވިދާޅުވީ އާއިޝަތު ރަޝީދަށް ވަޒީފާ ދިނުމަށް ހައި ކޯޓުން ނިންމީ "އިސްތިގުރާރުވެފައިވާ ހަމަތަކާ ހިލާފަށް" ކަމަށެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގައި އާއިޝަތު ރަޝީދު ބައިވެރިވަނީ

ދެން އެ ރައުޔުގައި ފާހަގަކޮށްފައި ވަނީ، ހަ މަސް ދުވަހުގެ މުސާރަ ދިނުމަށް ހައި ކޯޓުން ނިންމި ގޮތުގެ މައްޗަށެވެ. އެގޮތުން ވިދާޅުވި ގޮތުގައި:

  • ސިވިލް ކޯޓުގައި އާއިޝަތު ރަޝީދުގެ ފަރާތުން އެދިފައިވަނީ، ވަކިކުރި ތާރީހުން ފެށިގެން މައްސަލަ ނިމޭ ތާރީހާ ހަމައަށް އޭނާއަށް ހައްގުވާ މުސާރަ އާއި އިނާޔަތް ބަދަލުގެ ގޮތުގައި ނަގައިދިނުމަށް؛ އެއީ، 441،111ރ.

  • ހައި ކޯޓުން ބަދަލުގެ މިންވަރު ކަނޑައަޅާފައި ވަނީ ވަޒީފާ ރުޖޫއަކުރާ ހާލަތުގައި ބަދަލު ކަނޑައެޅުމުގައި ބަލާ އަސާސީ މިންގަނޑަށް ރިއާޔަތްކޮށް ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔާތް ދޭން

އެހެންކަމުން މިހާރު އޮތް ސުވާލަކީ، ވަޒީފާ އިއާދަނުކުރާ ހާލަތުގައި ދޭނެ ބަދަލަކާ ގުޅޭ ގޮތުންނެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ވަޒީފާ ރުޖޫއަ ނުކުރެވޭ ހާލަތުގައި، އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތް ނަގައިދިނުމަކީ މި ބާވަތުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ދަމަހައްޓަމުން އަންނަ ހަމަ ކަމަށް

  • އާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ އުސޫލުތަކާ ހިލާފަށް ކަމަށް ވާތީ، އެއް އަހަރުގެ މުސާރަ އާއި އިނާޔަތް އޭނާއަށް "ހައްގުވާ އަދުލުވެރި" ބަދަލުކަމަށް ދެކެވަޑައިގަންނަވާ ކަމަށް

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން (ކ-ވ): ޝޫޖޫން، މުހައްމަދު އިބްރާހިމް އަބްދުﷲ ހަމީދު

އެއާ އެކު މައްސަލަ ނިންމެވީ، އާއިޝަތު ރަޝީދުގެ ވަޒީފާ ރުޖޫއަކޮށްދިނުމަށް ހައި ކޯޓުން ނިންމި ބައި ބަތިލުކޮށް، ދެން އެ ހުކުމްގައިވާ އެހެން ބައިތަކަށް ތާއިދުކުރުމަށެވެ. އަދި ބަދަލެއްގެ ގޮތުން އެއް އަހަރުގެ މުސާރަ އާއި އިނާތްތައް ހައްގުވާ ކަމަށް ކަނޑައެޅި އެވެ. އެ ފައިސާ ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ދައްކަން ވެސް ފުލުހުންގެ މައްޗަށް އެންގި އެވެ.

މި ރައުޔަށް ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދު ތާއީދުކުރެއްވި އެވެ. 

ގުޅުން ހުރި - އާއިޝަތު ރަޝީދު، ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައެޅި މައިގަނޑު އެއް ސަބަބަކީ، އޭނާގެ މައްޗަށް ކުރި ތުހުމަތާއި އޭނާއަށް ފިޔަވަޅު އެޅުމަށް ބެލި ގަވައިދު ގުޅިގެންދާ ގޮތެއް ބަޔާންކޮށްދެވިފައި ނުވާތީ އެވެ. އެގޮތުން، ފިޔަވަޅު އެޅީ ފުލުހުންގެ މުވައްޒަފުންނަށް ހަދާފައިވާ ގަވައިދަކާ ހަވާލާދީފައި ކަމަށް ވިޔަސް، އޭނާގެ މައްޗަށް ތަހުގީގު ހިންގާފައި އޮތީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުމެއްގައި ބައިވެރިވި ކަމަށް ތުހުމަތުކޮށްފައި ކަމަށް އެ ހުކުމްގައި ބުނެ އެވެ.

ކޮމެންޓް (1)

ސުވާލު

9 ނޮވެމްބަރު 2025
ދެން މީގަ މިވާގޮތަކީ ކޮބައިއޯ.؟؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް