އެމްޕީއެލް ބަނދަރު ސަރަހައްދުން ބަންޑުން ޖަހާލި ކޮޅުވެއްޓި(ފޮޓޯ/މެރައިން ޕޮލިސް)
ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ކައްޕި އަތުގައި ލައިސެންސެއް ނެތް: އެމްޕީއެލް
މާލޭ އެމްޕީއެލް ބަނދަރު ސަރަހައްދު ކައިރިން މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާ އެމްޕީއެލްއިން ތަހުގީގުކޮށް، ކައްޕި އަތުގައި ލައިސެންސެއް ނެތް ކަމާއި އެތައް އިހުމާލެއް އޮތްކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
ވީކިހިނެއް؟ - ޖުމްލަ 14 މީހަކު ތިބި އެ ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ހަ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެއިން ބިދޭސީއަކާއި ދިވެއްސަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި މައްސަލާގައި އެމްޕީއެލުން އެތެރޭގެ ތަހުގީގެއް ހިންގާނެ ކަމަށް މިދިޔަ ހޯމަ ދުވަހު ބުނެފައިވެ އެވެ. ތަހުގީގު ހިންގުމަށް ފަހު އޭގެ ހޯދުންތައް އެ ކުންފުނިން މިއަދު އާންމުކުރި އެވެ.
ތަފްސީލް - އެމްޕީއެލުން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން ކޮޅުވެއްޓި ދުއްވަން ހަވާލުކޮށްފައިވާ ކައްޕިއަކީ އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސެންސް އަދި ނިޔަމި ކަމުގެ ސެޓްފިކެޓް ވެސް ނެތް މީހެކެވެ. އަދި އެފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ވެސް އޭނާގެ ނެތް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން އެމްޕީއެލްގެ ތަހުގީގުން ހޯދުނު ކަންކަމުގެ ގޮތުގައި ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:
-
ކޮޅުވެއްޓީގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، އޭގެ ސްޓެބިލިޓީ ގެއްލިދާނެ ކަންކަން ހުރި؛ އެ ގޮތުން މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މުދާ ކަހާލުމުގެ ފުރުސަތު އޮތްކަން
-
ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި މުދާ ބަރުކުރުމުގައި ކޮޅުވެއްޓީގެ ސަލާމަތުގެ ޒިންމާ ނަގަން ޖެހޭނީ ކައްޕި؛ ކައްޕީގެ އިރުޝާދަށް ދެ އެކްސްކެވޭޓަރު ބަހައްޓައި އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓުން ނެގިކަން
-
ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާ ވެސް ކައްޕިގެ އެދުމުގެ މަތިން އުޅަނދުގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ބޯޓްު ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ އުޅަނދު ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު
-
ކޮޅުވެއްޓި ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފަކު މޫދަށް ވެއްޓި އެކި ވަރުގެ އަނިޔާ ލިބުނު؛ ވަޒީފާގެ ވަގުތު ނިންމާލައި އެނބުރި މާލެ ވިޔަފާރި ބަނދަރަށް އައުމަށް އަރަން ޖެހޭ ޓަގު ބޯޓަށް އެރެން އޮތީ އެ ކޮޅުވެއްޓި ގިރާކޮށްފައި
ކޮޅުވެއްޓިއަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް އެމްޕީއެލުން ފުރިހަމަކޮށް، ނިންމާފައިވަނީ އެފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވެސް ބުންޏެވެ.
މުދާ ގެންނަ ފަރާތުން މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިން ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކްކުރުން ފަދަ ކަންތައްތަކަކީ އެމްޕީއެލުން އަމަލުކުރަމުންދާ ގަވައިދުތަކާއި އުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.
އެހެން ނަމަވެސް މި އުސޫލު މުރާޖާކޮށް، މިހާރު ބަދަލުކުރެވިފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.
ކޮމެންޓް (1)
މުހަންމާ