ރައީސް މުހައްމަދު މުއިއްޒު އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އައްޑޫ

އަނެއްކާވެސް އައްޑޫ ކަރަންޓުގެ ބިޔަ މަޝްރޫއެއް އިއުލާންކޮށްފި

މި ސަރުކާރުން ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބަށް ކުޑަތަން ވެފައިވަނިކޮށް ވެސް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ވައުދުވެ، ޗައިނާގެ 'ޑޮންފެންގް' ނަމަކަށް ކިޔާ ކުންފުންޏަކާ މަޝްރޫއެއް ހަވާލުކޮށްފައި
6 ނޮވެމްބަރު 2025

އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން އަނެއްކާވެސް އާ މަޝްރޫއެއް ރައީސް މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އެ މަޝްރޫއު އިއުލާން ކުރެއްވީ އެމަނިކުފާނު މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެނގުން މުހިންމު - ހަމަ މިފަދަ މަޝްރޫއެއް މިދިޔަ މަޖިލިސް އިންތިހާބަށް ކުޑަތަން ވެފައިވަނިކޮށް، 18 އޭޕްރީލް 2024ގައި ވެސް އިއުލާންކުރި އެވެ.

އައްޑޫގެ ކަރަންޓް އަޕްގްރޭޑިން މަސައްކަތުގެ ދަށުން:

  • ހިތަދޫގައި އަލަށް 32 މެގަވޮޓުގެ އިންޖީނުގެއެއް ގާއިމުކުރާނެ

  •  ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރާނެ

  • މި މަޝްރޫއުގެ އަގަކީ 59 މިލިއަން ޑޮލަރު؛ ފެނަކަ އިން ފައިސާ ދައްކަން 12 އަހަރު ލިބޭނެ

ބުނީ ކީކޭ؟ - ރޭ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލައަކީ ކުދިކުދި ކަންކަން ކޮށްގެން ހައްލުކުރެގެން އޮތް މައްސަލައެއް ނޫން ކަމަށެވެ.

އެގޮތުން މިއަދާ ހަމައަށް 8 ވަރަކަށް ޖެންސެޓު ގެނައި ނަމަވެސް، ރައީސް ވިދާޅުވީ، ހިތްހަމަޖެހޭ ވަރުގެ ހައްލެއް ނުލިބޭ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އައްޑުއަށް ކަރަންޓު ބޭނުންވާ މިންވަރު މިހާރަށް ވުރެ އިތުރުވާނެތީ، ރައީސް ވިދާޅުވި ގޮތުގައި، މިކަމަށް ދާއިމީ އަދި ވަށާޖެހޭ ހައްލެއް ހޯދަން ޖެހެ އެވެ.

"އެހެންވީމަ 30 މެގަވޮޓުގެ ކަރަންޓު ކެޕޭސިޓީ ގާއިމްކުރުމަށް ސަރުކާރުން މި ވަނީ ނިންމާފައި. އެކަމަށްޓަކައި ބިޔަ، ބޮޑު މަޝްރޫއެއް ފެށުމަށް ވަނީ ނިންމާފައި،" އައްޑޫ ކަރަންޓުގެ މަޝްރޫއު އިއުލާން ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

"މިހާރު އެކަމާ ގުޅޭ އިދާރީ، ފަންނީ މަސައްކަތް ކުރަން ފަށައިގެން އެ ގެންދަނީ. ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތް ހަވާލުކުރެވި، މި މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަށް ޖެނެރޭޓަރުތަކާއި ޕަވާ ހައުސް އަޕްގްރޭޑް ކުރުމާއި މިހާރު ހުރި ސެޓަޕްގައި ރަނގަޅުކުރެވެން ހުރި ކަންކަން ވެސް ރަނގަޅު ކުރުމަށް."

ރައީސް މުހައްމަދު މުއިއްޒު އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން. (ފޮޓޯ/ރައީސް އޮފީސް)

ފާހަގަކޮށްލެވޭ ކަމެއް - އައްޑުއަށް ކަރަންޓުގެ ބިޔަ މަޝްރޫއެއް އިއުލާން ކުރެއްވިއިރު، މިއީ މިދިޔަ އަހަރު އިއުލާން ކުރި މަޝްރޫއު ކަން ނުވަތަ މުޅިން އާ މަޝްރޫއެއް ކަން ސާފެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް