ރައީސް މުއިއްޒު އައްޑޫ ހުޅުދޫ، މީދޫ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

އައްޑޫ ހުޅުދޫ އާއި މީދޫގެ އިން ވަކިކުރާނެ ގޮތް ރައީސް ސާފުކޮށްދެއްވައިފި

އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާ މެދު މިދިޔަ މަހު 25ގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލީ ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ މެޖޯރިޓީން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އެ ދެ ރަށުގައި ވަކި ރަށު ކައުންސިލްތައް އުފެއްދުމަށް

އައްޑޫ ސިޓީ ކައުންސިލާ ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ރައްޔިތުން ނިންމާފައިވާ ހުޅުދޫ އަދި މީދޫގެ އިހުތިސޯސް ކަނޑައަޅާނީ ޒަމާނުއްސުރެ އެ ދެ ރަށް ވަކިކުރުމަށް ގެންގުޅުނު އުސޫލުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ހުޅުދޫ އަދި މީދުއަށް ވަޑައިގެން އެ ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެ ރަށުގެ ކައުންސިލް އުފެދޭއިރު އިހުތިސޯސް އޮންނާނެ ގޮތަކާ މެދު އޮޅުންތަކެއް އޮވެދާނެ ކަމަށެވެ.

ރައީސް މުއިއްޒު އައްޑޫ ހުޅުދޫ އަދި މީދުއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - ސަރުކާރުގެ ވިސްނުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ހުޅުދޫ އާއި މީދޫގެ ރައްޔިތުން މިއަދާ ހަމައަށް ވެސް ވިސްނަމުން އައި ގޮތް ކަމަށެވެ.

"ސަރުކާރުން އާ ކަމެއް އީޖާދެއް ނުކުރާނެ. މިއަދާ ހަމައަށް ވެސް މި ވޯޓު ނެގުމުގައި ވެސް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންތައް މި ކުރީ،" ރައީސް ވިދާޅުވި އެވެ.

"ކުރީ ޒަމާނުއްސުރެ ހުޅުދޫ އަދި މީދޫ ހިނގަމުން އައި ގޮތަކީ އަޅުގަނޑުމެން ވެސް ކުރިއަށް ގެންދާނެ ގޮތަކީ."

އެއް ފަސްގަނޑަކަށް އޮންނަ ހުޅުދޫ އަދި މީދޫ ވަކިކުރަނީ:

  • ސ. އަތޮޅު މަދުރަސާގެ ދެކުނުން އޮންނަ އާބާދުމަގުގެ ދެކުނު ފަޅީގައި ދިރިއުޅެނީ ހުޅުދޫ ރައްޔިތުން

  • އެ މަގުގެ އުތުރުގައި ދިރިއުޅެނީ މީދޫ ރައްޔިތުން

ރައީސް މުއިއްޒު އައްޑޫ ހުޅުދޫ އަދި މީދުއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

"ރަސްމީކޮށް ދެ ރަށުގެ އިން މި މަގުން ވަކިކުރެވިފައި ނެތް ކަމުގައި ވިޔަސް މި ދެ ރަށުގެ ރަށު އޮފީސް ހިންގި ދުވަސްވަރު ދެ ރަށުގައި އޭރު ތިއްބެވި ވެރިންގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުދޫ އޮފީހުގެ އިދާރީ ހިންގުން މިންކުރެވިފައި އޮތީ އާބާދު މަގުގެ ދެކުނު ފަޅި އާ ހަމައަށް. މީދޫ އޮފީހުގެ ހިންގުން މިންކުރެވިފައި އޮތީ އާބާދު މަގުގެ އުތުރު ފަޅިިއާ ހަމައަށް،" ރައީސް ވިދާޅުވި އެވެ.

ރަށު އޮފީސްތައް އުވި ސިޓީ ކައުންސިލް އުފެދުނު ފަހުން ވެސް އެކަން އޮތީ އެގޮތަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދެ ރަށުގެ ކައުންސިލް އުފެދި ދެ ރަށުގެ ކައުންސިލްގެ އިހުތިސޯސް ކަނޑައަޅާއިރު އިހުތިސޯސްއަށް ރަސްމީ ގޮތެއް ކަނޑައަޅަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ހުޅުދޫ ކައުންސިލާއި މީދޫ ކައުންސިލްގެ އިހުތިސޯސް ކަނޑައެޅުމުގައި އިމެއްގެ ގޮތުގައި ސަރުކާރުން ބަލާނީ މެދު ބަނދަރަށް ދާ މަގުގެ ހުޅަނގު އުތުރު ފަޅިން ފެށިގެން ގޮސް ސ. އަތޮޅު މަދުރަސާގެ ދެކުނު އޮތް އާބާދު މަގު ސީދާ އިރަށް ދަމާލުމުން އެ މަގު ގޮސް ނިމޭ ހިސާބުގެ އިތުރު ފަޅިއަކީ މީދޫ ކަމަށް. ދެކުނު ފަޅިއަކީ ހުޅުދޫ ކަމުގައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުޅުދޫ އާއި މީދޫގައި ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

"މިއީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލު ކުރަނީ އެތައް އެތައް ތަރައްގީގެ މަސައްކަތްތަކެއް މި ދެ ރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނިންމެވުމެކޭ ރައްޔިތުން ނިންމަވާފައި ތިއޮތީ،" ރައީސް ވިދާޅުވި އެވެ.

"އެކަމުގައި ކޮށްދޭންޖެހޭ ހަމަ ކޮންމެ ކަމެއް ސަރުކާރުގެ ތެރެއިން އަޅުގަނޑުމެން ވަރަށް އިސްކަމެއް ދީގެން ކޮށްދޭނަން."

ޑިމޮކްރަސީގައި އޮންނަނީ ބާކީވެފައި ތިބި މީހުންނަށް އިސްކަންދޭން ކަމަށާއި އެއީ ތަފާތުކުރުން ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - އައްޑޫ ސިޓީން ވަކިވުމާ މެދު މިދިޔަ މަހު 25ގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލީ ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ މެޖޯރިޓީން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އެ ދެ ރަށުގައި ވަކި ރަށު ކައުންސިލްތައް އުފެއްދުމަށެވެ.

އެއާ އެކު، ރައީސްގެ ގަރާރަކުން އިއްޔެ ނިންމަވާފައިވަނީ:

  • މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ 'އައްޑޫ'އަކީ 'އައްޑޫ ސިޓީ' ކަމުގައި ކަނޑައަޅައި 'އައްޑޫ ސިޓީ'ގައި ހިމެނޭނީ އައްޑުއަތޮޅު 'ހިތަދޫ'، 'މަރަދޫ'، 'މަރަދޫފޭދޫ' އަދި 'ފޭދޫ'

  • 'އައްޑޫ'ގެ އިހްތިސާސްގެ ބައެއްގެ ގޮތުގައި އޮތް 'ހުޅުދޫ' އާއި 'މީދޫ'އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައެޅުއްވި

  • 'އައްޑޫ ސިޓީ'އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި 'އައްޑޫ ސިޓީ' ހިންގުމަށްޓަކައި 'އައްޑޫ ސިޓީ ކައުންސިލް'ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ނިންމެވި 

  • 'އައްޑޫ މީދޫ' ހިންގުމަށް އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި 'އައްޑޫ ހުޅުދޫ' ހިންގުމަށް އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ވަނީ ކަނޑައަޅުއްވާފައި

ކޮމެންޓް (3)

ރރރރރ

6 ނޮވެމްބަރު 2025
ރައްޔިތު މީހާ އަށް ވެގެން ވަންޏާ ކޮންމެ ގެއަކަށް ޑޮކްޓަރެއް، ހޮސްޕިޓަލެއް އަޅަން ބުނާނެ. އެކަމަކު ވެރިމީހާގެ ޒިންމާއެއް ދޯ އެކްނަ ރައްޔިތުންނަސް ވިސްނައިދީ، ރަނގަޅަށް ކަންކަން ކުރުމަކީ. ހުވާ މި ބުނީ، މި ރާއްޖޭގެ ވެރިކަން ކުރަން ތިބީ...
0 0

ފފފފ

6 ނޮވެމްބަރު 2025
އެހެންތަ؟ ކަލޭ މޮޔަތަ ތޮގިވަނީ. އެ ދެ ރަށުގަ ދިރިއުޅެނީ ކިތައް މީހުންކަން އިނގޭތަ، ވަކިން ބީއެމްއެލް އޮފީސް ހަދާ، ވަކިން ސްކޫލް ހަދާ، ވަކިން ދެ ރަސް ހަދަނީ، މިހާ މޮޔަ ކަމެއް އިންސާނަކު ނުކުރާނެ. މިހާރު ރަށުގަ ހޮސްޕިޓަލެކޯ، 2000 މީހުން ރަށުގަ ނޫޅޭ، ދެން ފުލް ހޮސްޕިޓަލް އެއް ހިންގޭ؟
0 0

ރޮކްމައިވޯލްޑް

5 ނޮވެމްބަރު 2025
އައްޑޫގައި ދެން ތަރައްގީ ވަމުންދާނީ ހުޅުދޫ އަދި މީދޫ އެއީ ޔަގީން ކަމެކޭ އެ އަތޮޅުގައި ތިބި މުއްސަނދިންނަށް ބަލާއިރު އެންމެ ބޮޑެތި މުއްސަނދިން ތިބީ ހުޅުދޫ ގައޭ އެކަމަކު އެކަން ކުރެވޭނީ ކައުންސިލުން ގެންގުޅޭ ބިމުގެ ތިއަރީ ބަދަލުކޮށްގެންނޭ ހުޅުދޫ މީދޫ އިރުން އޮތް ފަޅު ހިއްކާ ހިއްކާ ބޮޑު ކުރަންވީ އިތުރަށް 10 ކިލޯމީޓަރު 10 ކިލޯމީޓަރުގެ ޖާގަ ދެން ޖެހޭނީ ބިންތައް ވިއްކަން ފްރީ ހޯލްޑް އުސޫލުން ކުޑަވެގެން ވިއްކާނީ 2 ހެކްޓަރުގެ ބިމޭ ހޯއް ޔޫ ރޮކް މައިވޯލްޑް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް