އެފްއެސްއެމްގެ ތެޔޮ ބާޖެއް. ބައެއް ބާޖުތަކުން ތެލުން ވައްކަން ކުރާ މައްސަލަ ވަނީ ބޮޑުވެފައި

އެފްއެސްއެމް

ވަގަށް ތެޔޮ ވިއްކާތީ ބާޖުތަކުގައި ސީސީޓީވީ ހަރުކުރަނީ

އެފްއެސްއެމްއިން ބުނިގޮތުގައި ބައެއް ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މިންވަރު ވަނީ އިތުރުވެފައި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ބައެއް ބާޖުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަގަށް ތެޔޮ ވިއްކާތީ، އުޅަނދުތަކުގައި ސީސީޓީވީ ހަރުކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟- އެފްއެސްއެމްގެ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިއަދު ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަމާ ގުޅޭގޮތުން އެފްއެސްއެމްގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވީ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ފެންމަތިވެފައިވާ ކަމަށާއި ބައެއް އުޅަނދުތަކުގައި އެކަން އިތުރުވެފައިވާ ކަމަށެވެ. އަދި އެ ފަދަ މައްސަލައެއްގައި، ވަރަށް ފަހުން ދެ ބާޖެއްގެ ހުރިހާ ފަޅުވެރިން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެނގުން މުހިއްމު- އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެއިން ލިބޭ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން އެތަނުގެ 40 އަށް ވުރެ ގިނަ މުވައްޒަފުން މިދިޔަ އަހަރު ވެސް ވަނީ ވަކިކޮށްފަ އެވެ.

ފުލުހުން ވެސް ވަނީ އެފްއެސްއެމްގެ ބައެއް މުވައްޒަފުންގެ އެކައުންޓުތަކުގައި، އާމްދަނީއާ ނުބައްދަލު އަދަދުތަކުން ފައިސާ ދައުރުވަމުންދާތީ އެ މައްސަލަ ބަލަމުން ދާ ކަމަށް ބުނެފަ އެވެ.

އާޝާން ވިދާޅުވީ އެކަން ހައްލު ކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ހަރުކުރަން ނިންމައި، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެކަން ކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ހުރިހާ ބާޖެއްގައި ވެސް ކެމެރާ ހަރުކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ސީސީޓީވީއާ އެކު، މަންޒަރު ވަގުތުން ބަލާލުމަށް އުޅަނދުތަކުގައި މޮޑަމް ހަރުކުރާނެ

  • ދެ އުޅަނދެއްގައި މިހާރު މޮޑެމް ހަރުކޮށްފައިވާއިރު، ތިން ބާޖެއްގައި ހަރުކުރަން މިހާރު ފަށާފައިވާ ކަމަށް. އަދި އިތުރު ފަސް ބާޖެއް ބަނދަރު ކުރުމާއެކު އޭގައި މޮޑަމް ހަރުކުރާނެ ކަމަށް ވިދާޅުވި

"ސީސީޓީވީ ހަރުކުރީމާ އެއް މަސް ދުވަހުގެ ރެކޯޑިން އިންނާނެ އަޅުގަނޑުމެންނަށް ލިބެން. އަދި މޮޑެމް ހަރުކުރީމާ، އުޅަނދުގައި ހިނގާ ކަންކަން އަޅުގަނޑުމެންނަށް ލައިވްކޮށް ބަލާލެވޭނެ،" އާޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލައަށް ހައްލެއް ގެނައުމަށް އުޅަނދުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ކޮންމެ ތިން މަހަކުން ބަދަލުކުރަން ވަނީ ނިންމާފަ އެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި ދެ ގޮތަކަށް ވަގަށް ތެޔޮ ވިއްކަ އެވެ. އެގޮތުން ބައެއް ފަހަރު ސީދާ އުޅަނދުން ވަގަށް ތެޔޮ ވިއްކާއިރު، އަނެއްބައި ފަހަރު ކަސްޓަމަރުންނަށް ތެޔޮ އަޅައިދޭ ވަގުތު މީޓަރު މެދުވެރިކޮށް ވެސް އެކަން ކުރާ ކަމަށް ވިދާޅުވި އެވެ. އަދި އެގޮތަށް އަމަލު ކުރުމުގައި ކަސްޓަމަރުންނާ ވެސް ގުޅިފައި ހުންނަކަން ފާހަގަ ކުރެއްވި އެވެ.

އާޝާން ވިދާޅުވި ގޮތުގައި ވައްކަން ކުރުން އެހާ ބޮޑަށް އިތުރުވެފައި އޮތީ، މިހާތަނަށް އެކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމުންނެވެ. އެކަމަކު ދެން އެކަން ދޫކޮށްނުލައްވާނެ ކަމަށާއި އުޅަނދުތައް ވަރަށް ކައިރިން މޮނީޓާކޮށް، ޓްރެކްކޮށް، ރަނިން ފިއުލް ކޮންސަމްޕްޝަން ނުވަތަ ތެޔޮ ބޭނުންކުރާ މިންވަރު ބައްލަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ދެ ފަރާތުގެ މުވައްޒަފުން ގުޅިގެން އެކަހަލަ ކަމެއް ކުރިޔަ ނުދިނުމަށް، ކަސްޓަމަރު ކުންފުނީގެ މުވައްޒަފުން ވެސް ރޮޓޭޓް ކުރުމަށް އެ ކުންފުނިތަކަށް އަންގަވާފައިވާ ކަމަށް އާޝާން ވިދާޅުވި އެވެ.

ކޮމެންޓް (3)

ނުބުނާތި...

6 ނޮވެމްބަރު 2025
ނަސީބެއްނު އެސް.ޓީ.އޯ ހުސްނުވަނިސް ތިކަން ސަމާލުކަމަށް ގެނައިކަން...ތީ އެފް.އެސް.އެމްގަ އުޅޭ ބޮޑެތިމީހުންނާ ގުޅިގެން ހިންގަމުންދާ،އެތައް އަހަރުތަކެއް ވެއްޖެ ޖަރީމާއެއް.ދިވެހި ރައްޔިތުންގެ ލާރި ނަހަމަގޮތުގަ ކައިހުސްކުރަމުންދާތާ އެތައް އަހަރުތަކެއް ވެއްޖެ ތިކިޔާ އެފް.އެސް.އެމް ބައިގަނޑު..ފުނަދޫ އަށް ތެޔޮ ގަންނަންދާ އާމު ރައްޔިތުންނަށް ވެސް އެހާ ނޮހޮރޮއްޕާންކުރޭ މިކިޔާ އެފް.އެސް.އެމް.. ( އެހެން ނުކިޔާތި އިނގޭ )
0 0

ސައްލެ

5 ނޮވެމްބަރު 2025
ހުސް ދޮގުތަކެއް ހަދާފަ އެތަނުން ނިކުތީ
0 0

ސުން

5 ނޮވެމްބަރު 2025
މިފްކޯ ބޯޓް ތަކުންވެސް ތެޔޮވިއްކާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް