ނޮވެމްބަރު 3ގައި ޝަހީދުވެ ވަޑައިގެން ބައެއް ބޭފުޅުންގެ އާއިލާތަކަށް އައްޑަނަ ހަވާލުކުރެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު އެ ބޭފުޅުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން (ފޮޓޯ/ރައީސް އޮފީސް)

ނޮވެމްބަރު 3

ޝަހީދުންގެ އަގުވަޒަންކޮށް، އާއިލާތަކަށް އައްޑަނަ ދީފި

އާއިލާތަކަށް އައްޑަނަ ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު
3 ނޮވެމްބަރު 2025

މީގެ 37 އަހަރު ކުރިން 3 ނޮވެމްބަރުގައި ރާއްޖެއަށް ދިން ޓެރަރިސްޓު ހަމަލާގައި ޝަހީދުވެ ވަޑައިގެން ބޭފުޅުންގެ އަގުވަޒަންކޮށް، އެ ބޭފުޅުންގެ އާއިލާތަކަށް އައްޑަނަ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ރަސްމިއްޔާތުގައި، އާއިލާތަކަށް މި އައްޑަނަތައް ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.

ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން މި ހަމަލާތަކުގައި ސިފައިންގެ އަށް ބޭކަލަކާއި އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވި އެވެ.

ޝަހީދުވި ސިފައިންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

ސާޖެންޓް ކުޑައާދަމް ކުޑަތުއްތު، 49 އަހަރު؛ ސިފައިންގެ ހިދުމަތުގައި 27 އަހަރު

  • ޝަހީދުވެ ވަޑައިގެންނެވީ ސިފައިންގެ މައި މަރުކަޒަށް ދުޝްމިނުން ހަމަލާދޭން ފެށުމާ އެކު، އެކަމުގެ މައުލޫމާތު ސާފުކުރެއްވުމަށް މެދު ޒިޔާރަތްމަގުން ސައިކަލުގައި ސިފައިންގެއަށް ވަޑައިގަންނަވަނިކޮށް، ބަޑީގެ ހަމަލާއެއްގައި.

ލެފްޓެނެންޓް ކުޑަނެވި ތުއްތުމަނިކު، 51 އަހަރު؛ ހިދުމަތުގައި 17

  • އޭނާއަކީ ސިފައިންގެ ވެރިޔާގެ އޭރުގެ ނައިބު އިލްޔާސް އިބްރާހިމްގެ ކާރުގެ ޑްރައިވަރު. ޝަހީދުވީ، ދުޝްމިނުން ހަމަލާދޭން ފެށުމާ އެކު ކިނބިގަސްދޮށުގެއަށް ވަޑައިގަތް، އެ ގެއަށް ވަދެވަޑައިގަންނަވަން އުޅުއްވަނިކޮށް.

ކޯޕްރަލް ހުސައިން މުހައްމަދު، 38 އަހަރު؛ ހިދުމަތުގައި 17 އަހަރު

  • ދުޝްމިނުން ހަމަލާދޭން ފެށިއިރު އުޅުއްވީ ޑިއުޓީ ޒޯންގައި. ޝަހީދުވީ ހަމަލާދޭން ފެށުމާ އެކު ބައިސްކަލުގައި ސިފައިންގެއަށް ވަޑައިގަންނަވަނިކޮށް

ނޮވެމްބަރު 3ގައި ޝަހީދުވެ ވަޑައިގެން ބައެއް ބޭފުޅުންގެ އާއިލާތަކަށް އައްޑަނަ ހަވާލުކުރެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު އެ ބޭފުޅުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. (ފޮޓޯ/ރައީސް އޮފީސް)

ކޯޕްރަލް އަބްދުﷲ ޒުހައިރު، 33 އަހަރު؛ ހިދުމަތުގައި 5 އަހަރު

  • ޝަހީދުވީ ރައީސް އޮފީހުގެ ގޭޓުގައި ޑިއުޓީގައި ހުންނަވަނިކޮށް ދިން ހަމަލާތަކުގައި

ސާޖެންޓް އާދަމް ނަސީރު، 28 އަހަރު؛ ހިދުމަތުގައި 8 އަހަރު

  • ދުޝްމިނުން ހަމަލާދޭން ފެށީ ސިފައިންގެ މަރުކަޒުގެ އެތެރޭގައި ހުންނަވަނިކޮށް. އެ ތަނުގައި ހުންނަވައިގެން ރައްދު ހަމަލާ ދޭން މަސައްކަތް ކުރެއްވި. ޝަހީދުވީ ޕެޓްރޯލަށް ބޭރަށް ނުކުމެވަޑައިގެންނެވި ވަގުތު ދުޝްމިނުން ދިން ހަމަލާތަކުގައި.

ކޯޕްރަލް މުހައްމަދު އިބްރާހިމް، 31 އަހަރު؛ ހިދުމަތުގައި 8 އަހަރު

  • ރައްދުގައި ހަމަލާދިނުމަށް މަސައްކަތް ކުރެއްވި. ޝަހީދުވީ ޕެޓްރޯލަށް ސިފައިންގެ ގޭޓުން ބޭރަށް ނުކުމެވަޑައިގެންނެވި ވަގުތު ދިން ހަމަލާތަކުގައި.

ކޯޕްރަލް މުހައްމަދު ހަސަން، 28 އަހަރު؛ ހިދުމަތުގައި 4 އަހަރު

  • ދުޝްމިނުން ހަމަލާދޭން ފެށި އިރު ހުންނެވީ ސިފައިންގެ މައި މަރުކަޒުގެ އެތެރޭގައި. ރައްދުގައި ހަމަލާން ދޭން މަސައްކަތް ކުރެއްވި. ޝަހީދުވީ ޕެޓްރޯލަށް ބޭރަށް ނުކުމެވަޑައިގެންނެވި ވަގުތު.

ކޯޕްރަލް ހުސައިން އާދަމް، 20 އަހަރު؛ 4 އަހަރު

  • ދުޝްމިނުންނަށް އެންމެ ފުރަތަމަ ހަމަލާދޭން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހުސައިން އާދަމް ހިމެނިވަޑައިގަންނަވާ. އޭރު އޭނާ ހުންނެވީ ސިފައިންގެ މައި މަރުކަޒުގެ ޑިއުޓީގައި. ހަމަލާ އަމާޒުވެ ވަޑައިގެން ވެއްޓިވަޑައިގަންނަވަންދެން ރައްދުގައި ހަމަލާ ދެއްވި.

ނޮވެމްބަރު 3ގައި ޝަހީދުވެ ވަޑައިގެން ބައެއް ބޭފުޅުންގެ އާއިލާތަކަށް އައްޑަނަ ހަވާލުކުރެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު އެ ބޭފުޅުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން (ފޮޓޯ/ރައީސް އޮފީސް)

ސްރީ ލަންކާގެ ޓެރަރިސްޓުންގެ ހަމަލާތަކުގައި އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ: 

އަބްދުއްރަހްމާން އާދަމް، 53 އަހަރު

  • މިއީ އިސްލާމީ މަރުކަޒުގެ އިމާމު. ފަތިސް ނަމާދު ކުރައްވައިގެން، ދުޝްމިނުން ހަމަލާދޭން ފެށުމުން މިސްކިތުން ފައިބައިވަޑައިނުގެންނެވިފައި ގިނައިރުތަކެއް ވާންދެން ހުންނެވުމަށް ފަހު ނުކުންނެވީ ހަވީރު. އެ ވަގުތު ރަހީނުކޮށްގެން ގެންދިޔައީ ފަޅުތެރެއިން ފޭރިގެން އެމްވީ ޕްރޮގްރެސް ލައިޓަށް. ޝަހީދުވެވަޑައިގެންނެވީ ބޯޓު ހުއްޓުވުމަށް ދިން ހަމަލާތަކުގައި.

އިބްރާހިމް ހުސައިން، 52 އަހަރު

  • އިސްލާމީ މަރުކަޒަށް ފަތިސް ނަމާދަށް ވަޑައިގަތުމަށް ފަހު ހަމަލާތަކާ ހެދި އެ ތަނުގައި ތާށިވެވަޑައިގެންނެވި. ހަވީރު ވަގުތު މިސްކިތުން ނުކުންނެވުމާ އެކު ރަހީނުކޮށްގެން، ގެންދިޔައީ ފަޅުތެރެއިން ފޭރިގެން އެމްވީ ޕްރޮގްރެސް ލައިޓަށް. ޝަހީދުވެވަޑައިގެންނެވީ ބޯޓު ހުއްޓުވުމަށް ދިން ހަމަލާތަކުގައި.

އަބްދުއްސައްތާރު އާދަމް، 49 އަހަރު

  • އޭނާއަކީ އިސްލާމީ މަރުކަޒުގެ ވޮޗަރު. ހަމަލާތަކާ ހެދި އެ ތަނުގައި ތާށިވެވަޑައިގެންނެވި. ހަވީރު ވަގުތު މިސްކިތުން ނުކުންނެވުމާ އެކު ރަހީނުކޮށްގެން، ގެންދިޔައީ ފަޅުތެރެއިން ފޭރިގެން އެމްވީ ޕްރޮގްރެސްލައިޓަށް. ޝަހީދުވެވަޑައިގެންނެވީ ބޯޓު ހުއްޓުވުމަށް ދިން ހަމަލާތަކުގައި.

އުމަރު އަހުމަދު، 45 އަހަރު

  • މިއީ އިސްލާމީ މަރުކަޒުގެ ގާޑެއް. ޝަހީދުވެވަޑައިގެންނެވީ ރަހީނުކޮށްގެން، އެމްވީ ޕްރޮގްރެސްލައިޓަށް ގެންދިއުމަށް ފަހު، އެ ބޯޓަށް ދިން ހަމަލާތަކުގައި.

އަހުމަދު ލަބީބު، 52 އަހަރު

  • މިއީ ޗާންދަނީ މަގުގައި ހުންނަ 18 ނަމްބަރު ފިހާރައިގެ މެނޭޖަރު. އެ ފިހާރައަށް ދުޝްމިނުން ވަދެ ރަހީނުކުރި. ޝަހީދުވެވަޑައިގެންނެވީ ރަހީނުކޮށްގެން، އެމްވީ ޕްރޮގްރެސްލައިޓަށް ގެންދިއުމަށް ފަހު، އެ ބޯޓަށް ދިން ހަމަލާތަކުގައި.

ހަސަން ޒަރީރު، 20 އަހަރު

  • މިއީ އެމްވީ ޕްރޮގްރެސް ލައިޓުގެ ސީމަނެއް. ޝަހީދުވީ ދިވެހިންތައް ރަހީނުކޮށްގެން ގެންދިޔަ މި ބޯޓު ހުއްޓުވުމަށް ދިން ހަމަލާތަކުގައި.

ޖަވާދު އުމަރު، 16 އަހަރު

  • މިއީ ހަމަލާތަކުގައި ޝަހީދުވި ހަމައެކަނި ކުޑަކުއްޖާ. އޭނާއަކީ ހުޅުލެ އާއި މާލެއާ ދެމެދު ދުއްވާ ދޯންޏެއްގެ ފަޅުވެރިއެއް. ފަޅުތެރޭގައި ހުރި ދޯނިތައް ހިފަހައްޓައި އަސީރުންގެ ގޮތުގައި މާލެ ބޭލި. ޝަހީދުވީ ބޮލަށް އެރި ވަޒަނެއްގައި.

އިސްމާއީލް ހަލީމް، 35 އަހަރު

  • މިއީ ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރު. ޝަހީދުވީ އެ ތަން ހުޅުވުމަށް ތަޅުދަނޑި ބަލައި ބައިސްކަލުގައި ވަޑައިގަންނަވަނިކޮށް.

އަހުމަދު ރަޝީދު، 24 އަހަރު

  • މިއީ ޓެކްސީ ޑްރައިވަރެއް. އެކަމަކު ޝަހީދުވެވަޑައިގެންނެވީ ދުޝްމިނުން ހަމަލާދޭން ފެށުމާ އެކު ވެގެން އުޅޭ ގޮތް ބައްލަވައިލެއްވުމަށް ސައިކަލުގައި ނުކުންނެވި ތަނުން މަގުމަތީގައި ތިބި ޓެރަރިސްޓުން ދިން ބަޑީގެ ހަމަލާއެއްގައި. އަހުމަދު ރަޝީދު އިންނެވީ ސައިކަލުގެ ފަހަތުގައި.

އިބްރާހިމް ހަމީޒު، 22 އަހަރު

  • މިއީ މާލޭގެ އޭރުގެ މަޝްހޫރު ފުޓުބޯޅަ ޓީމެއް ކަމަށްވާ ޔަންގްސްޓާ ފުޓުބޯޅަ ޓީމުގެ ގޯލްކީޕަރު. ޝަހީދުވީ ޕްރެކްޓިސްއަށް ހެންވޭރު ދަނޑަށް ވަޑައިގަންނަވަނިކޮށް.

ހުސެން އަބްދުއްރަހްމާން، 70 އަހަރު

  • މިއީ މަސްވެރިއެއް. ދުޝްމިނުން ހަމަލާދޭން ފެށިއިރު ހުންނެވީ މާލޭ މަސްމާރުކޭޓާ ދިމާލު ފަޅުތެރޭގައި އޮތް ކ. ދިއްފުށީ ދޯންޏެއްގައި. ހަމަލާދޭން ފެށުމާ އެކު ފުރަން މަސައްކަތް ކުރެއްވި. އެކަމަކު ދޯނި ހުއްޓުވުމަށް ދިން ބަޑީގެ އުންޑަ އަމާޒުވީ، އޭރު ދިރުނބާކޮޅުގައި ހުންނެވި ހުސެން އަބްދުއްރަހްމާނުގެ ކަރަށް. ޝަހީދުވީ، ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދަން އުޅެނިކޮށް ޑިސެމްބަރު މަހުގެ ތެރޭގައި.

އިތުރު އާޓިކަލް

އިތުރު އާޓިކަލް