ޕީއެންއެފްގެ ކޮންގްރެސް (ފޮޓޯ/ޕީއެންއެފް)

ރިޔާސީ އިންތިހާބުގައި ވާދަކުރާނަން، ހިތްވަރަކީ ސަޕޯޓަރުން: ޔާމީން

ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ކުރީގެ ރައީސް ވިދާޅުވީ އެ ޕާޓީ ކުޑަ ނަމަވެސް އެއީ ވަރުގަދަ ޕާޓީއެއް ކަމަށް. ޕީއެންއެފްއިން ސަރުކާރު ޖަވާބުދާރީ ވެސް ކޮށްދޭނެ ކަމަށް ވިދާޅުވި

ދެން އަންނަ ރިޔާސީ އިންތިހާބެއްގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަވަސްކޮށްދިނުމަށް، މަޖާޒީ ގޮތަކަށް، އެދިވަޑައިގެންފަ އެވެ.

ތަފްސީލް - ޕާޓީގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެކަން އިއުލާނުކުރައްވާ ޔާމީން ވިދާޅުވީ އެ ދަތުރުގައި މާފުއްޓަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެ ރަށު ބަނދަރަށް ފައިބައިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް އުއްމީދުކުރައްވާކަން ފާހަގަކުރައްވާ ޔާމީންް ވިދާޅުވީ އެމަނިކުފާނުގެ ވަކީލުންނަށް ވެސް އެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ސަރުކާރުގެ އެތެރެއިން ކަންކަން ހިނގާ ގޮތް. ރައްޔިތުންގެ މަޖިލީހުގައި ހިނގާ ގޮތް އެބަ އެނގޭ ހަމަ ކަށަވަރު ބަސް ދެމުން ދެމުން އެ އަންނަނީ ރައީސް ޔާމީންގެ ނަމެއް ވޯޓު ކަރުދާހުގައި ނޯންނާނެޔޭ،" ޔާމީން ވިދާޅުވި އެވެ.

"އެހެން ވެއްޖެއްޔާ އެ ވޯޓު ކަރުދާސް ރާއްޖެއަކު ނޫން ޗާޕުކުރާނީ. ރައީސް ޔާމީންގެ ނަން އިރާދަކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ."

އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުއްމީދު ކުރެއްވީ އެމަނިކުފާނު ޖަލުގައި ބައިންދައިގެން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީންގެ ފޮޓޯ ދައްކައިގެން ކަމަށް ސަޕޯޓަރުން ދައްކާ ވާހަކައަށް ރޭ އެމަނިކުފާނު ބާރުދެއްވި އެވެ. އަދި 2013ގައި ޔާމީން ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފޮޓޯ ދައްކައިގެން ކަމަށް ބުނާ ވާހަކަ ދޮގު ވެސް ކުރެއްވި އެވެ. މައުމޫނުގެ ނަން ނުގެނެސް ޔާމީން ވިދާޅުވީ މައުމޫން މަސައްކަތްކުރެއްވީ އެހެން މީހަކަށް ވެރިކަން ހޯދައިދެއްވަން ކަމަށެވެ.

"އަޅުގަނޑު މިއީ ވަކި މީހެއްގެ ފޮޓޯ ދައްކައިގެން ވެރިކަމަށް އައި މީހެއް ނޫން. އަދި އަޅުގަނޑާ އެކު މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެ ރެފާކުރައްވާ ބޭފުޅަކު މަސައްކަތް ކުރެއްވީ އަޅުގަނޑަކަށް ނޫން. އެހެން ބޭފުޅަކަށް މަސައްކަތް ކުރެއްވީ. އެކަމަކު އެއާ ހިލާފަށް މިހާރުގެ ރައީސް އަދި މިހާރުގެ ނައިބު ރައީސްއަށް ވުރެ ޕޯސްޓަރުގައި ބޮޑުވާނީ އަޅުގަނޑުގެ ފޮޓޯ. އެއީ ފޮޓޯ ދައްކައިގެން ވެރިކަމަށް އައުމަކީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހިތްވަރަކީ ރައްޔިތުން ކަމަށެވެ.

ޕީއެންއެފްއަކީ ކުޑަ ޕާޓީއެއް. ނަމަވެސް ވަރުގަދަ ޕާޓީއެއް

ޔާމީން ވިދާޅުވީ ޕީއެންއެފްއަކީ ވަރުގަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވާނީ ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ މަސްލަހަތާއި ރައްޔިތުންގެ ހައްގު އެންމެ މަތީ ދަރަޖައަށް ހިމާޔަތްކޮށްދޭނެ ޕާޓީއަށް ކަމަށެވެ.

ޕާޓީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދަވާނެކަން އިއުލާނު ކުރައްވާ ވިދާޅުވީ އެ ޕާޓީގެ ފަޅުވެރިންނަކީ ކެޕްޓަނަށް ވުރެ ވަރުގަދަ ބަޔަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ ހައްގުގައި މިއަދު ހައްޕު ވެސް ބުނަން ނުކެރި މަންމަނުވެފައި ތިބި އެތައް ސިޔާސީ މީހުންނަކާއި ރައްޔިތުން ހޮވާފައި ތިބި، ރައްޔިތުން ތަމްސީލުކުރާ ރައްޔިތުންގެ މަންދޫބުންނާއި މުވައްސަސާތަކާ މި ހުރިހާ އެންމެން ފެއިލްވެފައި ތިބި ވަގުތެއްގައި ރައްޔިތުންގެ ހައްގުގައި ބަހެއް ބުނުމަށް އަޅުގަނޑުމެން ހަމައެކަނި މި ފުރުސަތުގެ ބޭނުން މި ހިފަނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ޑިމޮކްރަސީއެއްގެ މުހިއްމު ގުނަވަނެއް ކަމަށާއި އެއީ އެތައް ބަޔަކު ހިމެނޭ ރަސްމީ ޕްލެޓްފޯމެއް ކަމަށެވެ. ޕާޓީގައި މީހުން ގިނަވުމަށް ވުރެ މުހިއްމީ އިހުލާސްތެރި، ކަމަށް ކަމޭހިތާ މީހުން ތިބުން ކަމަށް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންގެ ޕާޓީގައި ތިބި ބަޔެއް ކަމަށް ގަބޫލުކުރަން،" ޔާމީން ވިދާޅުވި އެވެ.

ޕީއެންއެފްއަށް ބޭނުންވަނީ، ޔާމީން ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭނެ ބައެކެވެ.

"ކުޑަޔަސް އަޅުގަނޑު ބޭނުންވަނީ މިދަންނަވާ ފަދަ ސިފަތަކެއް އަޅުގަނޑުމެން ޕާޓީގެ ހުރިހާ މެންބަރުންގެ ވެސް ހުންނަން. އަޅުގަނޑުމެންނަށް ހެޔޮއެދިގެން [ޕާޓީން] ބޭރުން ބަޔަކު ނާންނާނެ،" ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ބުރަކަށިތަކުގައި، އަޅުގަނޑުމެންގެ ބޮލުގައި އެއްވެސް ކަހަލަ ލޭބަލެއް އަޅުވައިގެން ވަކި އަދަދަކަށް ފައިސާއަށް ގުޑާނެ ބަޔަކު ނޫންކަން އަޅުގަނޑުމެންގެ ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުންނަށް އެނގޭނެ."

ކޮމެންޓް (5)

ދަންނާށޭ

31 އޮކްޓޯބަރު 2025
އަންނަ ރިޔާސީ އިންތިޚާބަކީ އެއީ ދިވެހިން އަދި ދުވަހަކު ވެސް ނުދެކޭ ޒާތުގެ އިންތިޚާބަކަށް ވާނެއޭ އެއިރުން ދުނިޔެ އޮންނާނީ އޭއައި ތެރެއަށް ވަދެ ގެނބިފައޭ ކްއަންޓަމް ކޮމްޕިއުޓިންގް ކުރިއަރައިގެން ގޮސް އޭއައި އާއި އެކު ކަަންކަން ޕްރޮޖެކްޓް ކުރުން އަދި ޕްރެޑިކްޓް ކުރުން އެއީ ނޯމަލް އެކްސެސައިޒެއް ގެ ގޮތުގައި ދުނިޔެ އެވަސީލަތް ތައް ބޭނުންކުރާނެއޭ އެފަދަ ވަގުތެއްގައި އޭއައި ބޭނުންކޮށްގެން ޑޭޓާ ސެޓްސް ތައް އެކުލަވާލާ ޑޭޓާ މައިންކޮށް ހަދާ ޑޭޓާ އިވޭލުއޭޓް ކޮށް އެއިން ނޮލެޖް ޕްރެޒެންޓް ކުރުން އެއީ ކެންޑިޑޭޓުން ނެރޭ މެނިފެސްޓޯ އަށް ވެއްޖެނަމަ އެފަދަ ކެންޑިޑޭޓަކު ކުރި ހޯދާނެއޭ ދުނިޔޭގައި އޭއައި ރޭސް ކުރިއަރަމުންދާ ދުވެއްޔާއި އެއްވަރަށް ދިވެހިން އަދި ވެސް ކުރިނާރާ ކަން އެޑިއު ސިސްޓަމް އަށް ބަލާލުމުން ފެނެއޭ ޕީއެންއެފް މެނިފެސްޓޯ އަށް ބޭނުންވާ ޑޭޓާ ހޯދަން ރަށްރަށަށް ދަތުރު ކުރުން އެއީ ސްޕޫންފީޑް ކުރުމޭ ސްޕޫންފީޑް ނުކޮށް އަމިއްލަ އަށް ޑޭޓާ ސެޓްސް ތައް ހޯދާ އެ އިވޭލުއޭޓް ކުރާ ކެންޑިިޑޭޓަކަށް ލިބޭނެއޭ ތެދު މައުލޫމާތު އޭއައި ދޮގު ނަހަދާނެއޭ ރަނގަޅު ޑޭޓާ މައިން ކޮށްފިނަމަ މިކަން ދަންނާށޭ ދަންނާށޭ
0 0

ބަލާށޭ

31 އޮކްޓޯބަރު 2025
ބިން ހިއްކުމަކީ އެއީ ވަރަށް ބޮޑު އާމްދަނީ އެއް ކުރިމަގުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ލިބިގެންދާނެ ކަމެކޭ މިކަން ދަންނާނެއޭ ސަރުކާރުން ވެސް އަދި މާލޭގައި އުޅޭ އެންމެން މިދިޔަ ސަރުކާރުގައި މާލެ ސަރަހައްދުން ބިން އާންމު ރައްޔިތުންނަށް ދިނުން އެއީ ކުރިމަގުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އުޖާލާވާނެ ކަމެކޭ އުނގުން ވިސްނާ ސިޔާސީ މެމްބަރުންނަށް މިކަން ނޭގުނަސް މަމެންނަށް މިކަން ރަނގަޅަށް އިނގެއޭ އެއީ ވަރަށް ރަނގަޅަށް ކުރީ ސަރުކާރުން ކުރި ކަމެކޭ މިފަދަ ކަންކަމަކީ ދުރުވިސްނޭ މީހުންނަށް ވިސްނޭނެ ކަންކަމޭ..
0 0

ކޮސް

31 އޮކްޓޯބަރު 2025
ސާބަހޭ!! މުއިއްޒު އުޅެނީ ވަރަށް ބިރުން. ކިތައްމެ ޕުލޭނެއް ކުރިއަސް 2028 މުއިއްޒަކަށް ނުލިބޭނެ.
1 0

ޗޭންޖް

31 އޮކްޓޯބަރު 2025
އަންނަ ރިޔާސީ އިންތިޚާބަކީ އެއީ ދުނިޔޭގައި އޭއައި ކުރިއަރައިގެން ގޮސް އޭގެ މެކްސިމެމް ކެޕޭސިޓީ އަށް އާދެވި އަދި ކްއަންޓަމް ކޮމްޕިއުޓިންގް އެއީ އާދައިގެ އެއްޗަކަށް ވެ އާންމުވަމުންދާ ދުވަސްވަރާއި ދިމާވާނެ ކަން އެއީ ހުރިހާ ޕްރޮޖެކްޝަންސް ތަކުން ދައްކައޭ އެއިރު ދުނިޔެ ތައްޔާރުވަމުންދާނީ ޓެލެޕޯރޓޭޝަން ތަޖްރިބާ ކުރަމުންނޭ މިއަހަރު ޖަޕާނުން ވަނީ އޮބްޖެކްޓްސް އަދި މެޓީރިއަލް ޓެލެޕޯރޓް ކުރެވޭނެ ތިއަރީގެ ފެށުން ކާމިޔާބު ކޮށްފައޭ މިހުރިހާ ކަމެއް ދަންނަން ޖެހޭނެއޭ މި ކުރިއެރުން ތައް ރަނގަޅަށް އިން ޑެޕްތް ކޮށް ދަންނަ މީހަކު ދަންނާނެއޭ ރިޔާސީ އިންތިޚާބުގައި ކުރި ހޯދާނެ ގޮތް އިޓްސް އަ ވިންޑް އޮފް ޗޭންޖް...
1 0

މުޖައްރިބޭ

31 އޮކްޓޯބަރު 2025
ވޯޓް ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮވެއްޖެނަމަ ދިވެހި ރައްޔިތުން އެއްވެސް ހިފެހެއްޓުމެއް ނެތި ރައީސް ޔާމީން އެއީ ރައްޔިތުންގެ ޗޮއިސް ކަމަށް ނިންމާނެއޭ ރާއްޖޭގައި 1990 ގެ ފަހުން އުފެދުނު ސިޔާސީ ލީޑަރުންގެ ތެރޭން ދެގޮތެއް ނުވެ ހުރި ހަމައެކަނި ވަތަނީ އަދި އަޅުވެތިކަމަށް ނުލެނބޭ ދުނިޔޭގެ ލީޑަރުން ވެސް ހަމަ އެކަނި ޖެހިލުންވާ ލީޑަރަކީ ރައީސް ޔާމީން ކަމަށްވުން އެއީ ރާއްޖޭގެ ތަރައްގީ ދުވަހަަކު ވެސް ނުދެކޭ ކުރިއެރުން ހޯދާނެ ކަމެކޭ މީ މުޖައްރިބޭ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް