މިދިޔަ ހުކުރު ދުވަހުގެ ރޭ މަރުވި އަހުމަދު ޝާނީޒް (ވ) އާއި އޭނާއަށް ބޮޑުބޭބެ ކިޔާ 24 އަހަރުގެ މުހައްމަދު ހޫދު: އެ ދެ މީހުން ވެސް ވަޅުލީ ހުޅުމާލޭ ސަހަރާގައި.

މަރު

ކޮއްކޮ ވަކިވީ ބޭބެގެ ޖަނާޒާ ނިންމާފައި އާއިލާއަށް ރަށަށް ނުދެވި އުޅެނިކޮށް

ތ. މަޑިފުއްޓަށް ނިސްބަތްވާ އެއް އާއިލާގެ މި ދެ މީހުންގެ މަރުގެ ސަބަބުން އާއިލާއަށް ލިބިފައިވަނީ ބޮޑު ހިތާމައެއް
29 އޮކްޓޯބަރު 2025
7

އެ އާއިލާގެ ގިނަ ބަޔަކު މާލޭގައި ތިބީ، ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން ދިޔަ އާއިލާގެ މީހަކު މަރުވެގެން ޖަނާޒާއަށް އައިހެވެ. އެކަމަކު އެކަން ނިންމާފައި ފުރަން ރަށަށް ދާން ތައްޔާރުވި ތަނާ ލިބުނީ ހަމަ އެ ފަދަ ހިތްދަތި ހަބަރެކެވެ. އާއިލާގެ އިތުރު ޒުވާނަކު ހަމަ ކުއްލި ގޮތަކަށް ވަކިވީ އެވެ.

ތ. މަޑިފުއްޓަށް ނިސްބަތްވާ އެއް އާއިލާއެއްގެ ދެ މީހަކު މި މަރުވީ ހަމަ އެންމެ ތިން ދުވަހުގެ ތެރޭގަ އެވެ.

އުމުރުން 45 އަހަރުގެ އަހުމަދު ޝާނީޒް، ލޭގެ ކެންސަރާ ހަނގުރާމަކުރާތާ އަހަރު ދުވަސްވެއްޖެ އެވެ. ރާއްޖޭންނާއި ރާއްޖޭން ބޭރުން ފަރުވާ ހޯދި ނަމަވެސް އޭނާގެ ހާލަތަކަށް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. ރަށުގައި ދޯނި ދުއްވައި، އުފާވެރި ދިރިއުޅުމެއް އުޅެމުން އައި ޝާނީޒްގެ ހާލަތު ފަހުން މާބޮޑަށް ގޯސްވެ، ޑޮކްޓަރުން އުއްމީދު ކަނޑާލި އެވެ.

އެއާ އެކު މަޑިފުށީގައި ތިބި އާއިލާގެ ގިނަ ބަޔަކު ވެސް، އޭނާއަށް އަލްވަދާއު ކިޔުމަށް މާލެ އައެވެ. ކެންސަރު ބަލީގައި ޝާނީޒް ވަކިވީ ހުކުރު ދުވަހުގެ ރެ އެވެ.

އާއިލާގެ މެމްބަރުގެ ޖަނާޒާއަށް ފަހު، މާލެ ދިޔަ މީހުންގެ ތެރެއިން ބައެއް މީހުން ދެން އުޅުނީ އެނބުރި ރަށަށް ދާށެވެ. އެ މީހުންނާ ބައްދަލުވެ، ސަލާމްގަލާމް ކުރުމުގައި، ޝާނީޒަށް ބޮޑުބޭބެ ކިޔާ މުހައްމަދު ހޫދު ވެސް އުޅުނެވެ. 

އެކަމަކު ބައެއް މީހުންނަށް ނުފުރި އުޅުނިކޮށް ދެން ލިބުނީ ކުއްލި ގޮތަކަށް، އިއްޔެ މެންދުރުފަހު، އުމުރުން 24 އަހަރުގެ ހޫދު ވެސް ވަކިވި ހަބަރެވެ.

"ހެނދުނު ވެސް ހޭލާ އުޅުނު. އާއްމުކޮށް މެންދުުރު އޭނާ ނިދާކަމަށްވޭ. އެގޮތަށް ނިދަން އޮތް މީހާ ނުހޭލައިގެން ގޮސް ބެލި އިރު މަރުވެފައި އޮތީ،" އެ އާއިލާގެ މެމްބަރަކު ބުންޏެވެ.

"ޖަނާޒާއަށް ފަހު ހޫދުގެ މަންމައަށް ރަށަށް އާދެވުނު. އެކަމަކު ރަށަށް އައިސް ދެގަޑިއިރު ނުވެ އިވުނީ ހޫދުގެ މަރުގެ ހަބަރު."

އާއިލާގެ މީހާ ބުނިގޮތުގައި ހޫދަކީ މީގެ ކުރިން މާބޮޑަށް ބަލިވެ އުޅުނު ޒުވާނެއް ނޫނެވެ. ފަހުން އެނގުނު ގޮތުގައި މަރުވި ދުވަހުގެ ކުރީ ރޭ އޭނާ ކޮންމެވެސް ވަރަކަށް ހުން އައެވެ. އެކަމަކު މާބޮޑަށް ހާލަތު ގޯސްނުވާތީއާ އެކު މަރާ އެކަން ގުޅުވާލާކަށް އާއިލާއަކަށް ނޭނގުނެވެ. އާއިލާއިން ނިންމީ ކުއްލި ގޮތަކަށް ވަކިވީ ކަމަށެވެ.

"މިއީ މުޅި އާއިލާއަށް ވެސް ރަށަށް ވެސް ލިބުނީ ކުއްލި ސިހުމެއް. ޝާނީޒްގެ މަރާ ގުޅިގެން މުޅި ރަށް ހިތާމައިގައި އޮއްވާ ދެން މި ލިބުނީ ހޫދުގެ މަރުގެ ހަބަރު،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގައި ޝާނީޒް ވަޅުލި އިރު، އޭނާގެ މަހާނައާ މާދުރު ނޫން ހިސާބެއްގައި ހޫދު ވަޅުލީ ރޭ 11:30ގަ އެވެ.

ކޮމެންޓް (7)

ހަސަނު

31 އޮކްޓޯބަރު 2025
ޖިންނި ޝައިތާނީ ސިހުރުގެ ކަމަކާ ވަރަށް ޝައްކު ކުރެވެއެވެ! ދިވެހި މުޖްތަމައު ގައި މި މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ!
1 1

އަލީ މުހައިމިން

29 އޮކްޓޯބަރު 2025
ހަބަރު ކިޔައި ނިމުނު އިރު އެދެމީހުންނަކީ އައިލީގޮތުން ކިހައި ގުޅުމެއް އޮތް މީހުންކަމެއް ނޭގުނު
3 15

ފާތިމާ

29 އޮކްޓޯބަރު 2025
@އަލީ މުހައިމިން ޝާނީޒްއަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމައް އެއޮތީ ބުނެފަ. އަލުން ކިޔާލާ.
31 0

ސީމާ

29 އޮކްޓޯބަރު 2025
@އަލީ މުހައިމިން ބޮޑުބޭބެ ކިޔާ ކުއްޖެއްކަމަށް އެބައޮތް
0 0

ލައިލާ

29 އޮކްޓޯބަރު 2025
@އަލީ މުހައިމިން އަދި އެއްފަހަރު ޚަބަރު ރަނގަޅަށް ކިޔާލާ
0 0

ސާބަސް

29 އޮކްޓޯބަރު 2025
@އަލީ މުހައިމިން ރަނގަޅަށް ދެލޯ އިހުނައްވުރެ ބޮޑުކޮށްލައިހެން ފޯނައް ރަނގަޅަށް ކޮންސެންޓްރޭޓް ވެގެން އަދި އެއްފަހަރު ހަބަރު ކިޔާލަބަލަ
1 0

ޝަހީދު

29 އޮކްޓޯބަރު 2025
@އަލީ މުހައިމިން ތިކޮއެ ލޮލުގަ މައްސަލައެއް އުޅޭތަ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް