ގަވާއިދާ ޚިލާފުވެގެން ކަސްޓަމްސްއިން ހިފަހައްޓާފައިވާ ސިނގިރެޓްތަކެއް. (އަބްދުﷲ އަނޫފް ޖުނައިދު)

ސިނގިރޭޓު

ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓު ގެއްލުނު މައްސަލާގައި 47 މިލިއަން ދައްކަން ހުކުމްކޮށްފި

އެއީ ޑީއުޓީ އަދި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނަމަވެސް ކަސްޓަމްސްއިން އެންގުމުން ވެސް ނުދައްކާ ހުރުމުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމެއް
28 އޮކްޓޯބަރު 2025

ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ހުއްޓާ ގިނަ އަަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި އެކްޒޮކޮޓިވް އެންޓަޕްރައިޒަސް އިން ކަސްޓަމްސްއަށް 47 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - ގެއެއްގައި ހަދާފައިވާ ދެ ބޮންޑެޑް ވެއާހައުސްއަކުން މިދިޔަ އަހަރު ފަހުކޮޅު ގެއްލުނީ 34،500 ކާޓޫނު ގެއްލުނު އިރު އެއިން އެއް ވެއާހައުސްއަކީ އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ވެއާހައުސްއެކެވެ.

ކަސްޓަމްސްއަށް އެ ތަކެތިން ދައްކަން ޖެހޭ ޑިއުޓީ އާއި ތަކެތި ގެއްލުވާލުމުން ދައްކަން ޖެހޭ ޖޫރިމަނާ ވެސް ހިމެނޭ ގޮތަށް ޖުމުލަ 47.2 މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

ތަފްސީލް - އެ ފައިސާ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރީ، އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ގައިރު ހާޒިރުގަ އެވެ.

އެ ހުކުމުން އެނގުނު ގޮތުގައި، އެ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓީ:

  • 180 ކޭސް ކެމަލް ޔެލޯ

  • 300 ކޭސް މެންޗެސްޓާ ޔުނައިޓެޑް ރޯޔަލް ރެޑް ލިފްޓާ

  • 110 ކޭސް އެމެރިކަން ލެޖެންޑް

މި ގޮތަށް ބަހައްޓާ ތަކެއްޗަކީ ކަސްޓަމްސްގެ ހުއްދަ ލިބިގެން، ޑިއުޓީ ދެއްކުމަށް ފަހުގައި ނޫނީ ނެރެވިގެންވާނެ އެއްޗެއް ނޫން ކަމަށާއި ނަމަވެސް އެ ތަނުން ނެރުނު ކަމަށް ރެކޯޑްތަކުން ދައްކަނީ 15 ކޭސް ކެމަލް ޔެލޯ އެކަނި ކަމަށް ކަސްޓަމްސް އިން ކުރި ދައުވާގައިވެ އެވެ.

އެނގުން މުހިންމު - ބޮންޑެޑް ވެއާހައުސްތަކުގައި ދެ ތަޅެއް އަޅުވަ އެވެ. އޭގެ ތެރެއިން އެއް ތަޅުގެ ތަޅުދަނޑި އޮންނަނީ ކަސްޓަމްސް އަދި އަނެއް ތަޅުގެ ތަޅުދަނޑި އޮންނަނީ މުދަލުގެ ވެރިފަރާތުގެ އަތުގަ އެވެ. ވެއާހައުސް ހުޅުވަން ޖެހެނީ ދެ ފަރާތުގެ ހާޒިރުގަ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލަ ހުށަހަޅާފައި ވަނީ ވެސް ކަސްޓަސްއަށް ނޭނގި ވެއާހައުސްގެ ތަޅު ބަދަލުކުރި ނުވަތަ ހަލާކުކޮށްލި ކަމަށް ތުހުމަތުވާ މައްސަލައެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެން [ކަސްޓަމްސްގެ ފަރާތުން] އޮޑިޓް ކުރަން ބުނެ ބުނެ އެ މީހުން [މުދަލުގެ ވެރިފަރާތް] ވަޑައިނުގަންނަވާ، ޗެކް ކުރަން އުޅެއުޅެ ހުއްދަ ނުދިން. ދެން އެ ތަނު [ވެއާހައުސް]ގެ އޯނަރާ ވާހަކަ ދައްކައިގެން ބެލި އިރު، މިހާރު އެހެން ބަޔަކު އެ ތަނުގައި އުޅެނީ ވެސް، އެހެން އެއްޗެއް އެތާ ތެރޭ ހުރީ ވެސް،" މައްސަލަ ފެންމަތިވި ގޮތާ ގުޅޭ ގޮތުން އިހުސާން ވިދާޅުވެފައިވެ އެވެ.

ގުޅުން ހުރި - ދެވަނަ ވެއާހައުސަކީ އެސްޖީއެމް ނަމަކަށް ކިޔާ ކުންފުންޏެއްގެ ވެއާހައުސްއެކެވެ. މި މައްސަލާގައި މި ކުންފުނިން ކަސްޓަމްސްއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 20.7 މިލިއަން ރުފިޔާއަށް އަރަ އެވެ. ދެ ވެހާއައުސްގެ ޖުމުލަ އަރަނީ 68 މިލިއަން ރުފިޔާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް