ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ބޯޑެއް މާލޭގެ ކެފޭއެއް ބަހައްޓާފައި.
ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓު ގެއްލުން: 68 މިލިއަން ރުފިޔާ ހޯދަން އޭޖީ އޮފީހުގައި އެދިއްޖެ
ބޮންޑެޑް ދެ ވެއާހައުސްއެއްގައި ބަހައްޓާފައި ހުއްޓާ ގިނަ އަަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލާގައި ހިމެނޭ މުދަލަށް ދެ ބޮންޑެޑް ވެއާހައުސްއިން ކަސްޓަމްސްއަށް ދައްކަން ޖެހޭ 68 މިލިއަން ރުފިޔާ ކޯޓު މެދުވެރިކޮށް ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ގެއެއްގައި ހަދާފައިވާ ބޮންޑެޑް ވެއާހައުސްއަކުން މިދިޔަ އަހަރު ފަހުކޮޅު ގެއްލުނީ 34،500 ކާޓޫނު ސިނގިރޭޓެވެ. އެ މައްސަލާގައި ހިމެނޭ ކުންފުނިން ކަސްޓަސްމައަށް ދައްކަން ޖެހޭ ފައިސާ ހޯދަން މަސައްކަތް ކުރާކަން ހާމަކޮށް ކަސްޓްމަސްއިން މިއަދު ބަޔާނެއް ނެރުނެވެ.
ތަފްސީލް - ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ވަނީ:
-
އެއް ބޮންޑެޑްވެއާހައުސަކީ އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑްވެއާހައުސްއެއް؛ ދައްކަން ޖެހޭ ފައިސާގެ އަދަދު 47.2 މިލިއަން ރުފިޔާއަށް އަރާ
-
ދެވަނަ ވެއާހައުސަކީ އެސްޖީއެމް ނަމަކަށް ކިޔާ ކުންފުންޏެއްގެ ވެއާހައުސް؛ ކަސްޓަމްސްއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 20.7 މިލިއަން ރުފިޔާއަށް އަރާ
ދެ ވެއާހައުސްގެ ރަޖިސްޓްރީ ވަނީ ބާތިލްކޮށްފަ އެވެ. އަދި މުދާ ގެއްލުނު މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ގެންދަނީ ހިނގަމުންނެވެ.
އެނގުން މުހިންމު - ބޮންޑެޑް ވެއާހައުސްތަކުގައި ދެ ތަޅެއް އަޅުވަ އެވެ. އޭގެ ތެރެއިން އެއް ތަޅުގެ ތަޅުދަނޑި އޮންނަނީ ކަސްޓަމްސް އަދި އަނެއް ތަޅުގެ ތަޅުދަނޑި އޮންނަނީ މުދަލުގެ ވެރިފަރާތުގެ އަތުގަ އެވެ. ވެއާހައުސް ހުޅުވަން ޖެހެނީ ދެ ފަރާތުގެ ހާޒިރުގަ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލަ ހުށަހަޅާފައި ވަނީ ވެސް ކަސްޓަސްއަށް ނޭނގި ވެއާހައުސްގެ ތަޅު ބަދަލުކުރި ނުވަތަ ހަލާކުކޮށްލި ކަމަށް ތުހުމަތުވާ މައްސަލައެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެން [ކަސްޓަމްސްގެ ފަރާތުން] އޮޑިޓް ކުރަން ބުނެ ބުނެ އެ މީހުން [މުދަލުގެ ވެރިފަރާތް] ވަޑައިނުގަންނަވާ، ޗެކް ކުރަން އުޅެއުޅެ ހުއްދަ ނުދިން. ދެން އެ ތަނު [ވެއާހައުސް]ގެ އޯނަރާ ވާހަކަ ދައްކައިގެން ބެލި އިރު، މިހާރު އެހެން ބަޔަކު އެ ތަނުގައި އުޅެނީ ވެސް، އެހެން އެއްޗެއް އެތާ ތެރޭ ހުރީ ވެސް،" މައްސަލަ ފެންމަތިވި ގޮތާ ގުޅޭ ގޮތުން އިހުސާން ވިދާޅުވެފައިވެ އެވެ.