ޔާމީން މިއަދު ދިއްދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ (ފޮޓޯ/ހއ. އަތޮޅު ކައުންސިލް)

މަޖިލީހުގެ ބޭނުމަކީ ސަރުކާރު ޖަވާބުދާރީކުރުވުން، މިހާރު އެ ތަނެއް ނުފެނޭ: ޔާމީން

މަސައްކަތަށް އަހުލުވެރި، ރައްޔިތުންނަށް އިތުބާރު ކުރެވޭ މީހުން އުފެއްދުމަށް ވުރެ ރާއްޖެއަށް މިއަދު މުހިއްމު ކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވި

ރައްޔިތުންގެ މަޖިލީހެއް އޮތުމުގެ ބޭނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި އެއީ ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ މެންބަރުން ކުރައްވަން ޖެހޭނެ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހއ. އަތޮޅު ކައުންސިލުން ދޭ 'ތިލަ އުތުރު އެވޯޑު' ދިނުމަށް މިރޭ ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ގާނޫނު ހެދުމުގެ އިތުުރުން ދެން ރައްޔިތުން މަޖިލީހުގެ މެންބަރުން ކުރަން ޖެހޭ ކަމަކީ ސަރުކާރު މަގުން ކައްސާލައިގެންދާ ނަމަ، ހަމަ މަގަށް އެޅުވުން ކަމަށެވެ.

ބުނީ ކީކޭ؟ - "އެންމެ ބޮޑު ބޭނުމަކީ ސަރުކާރު މަގުން ކައްސާލައިގެން ދަންޏާ، ރައްޔިތުންގެ މަސްލަހަތަށް ފައިދާ ނުުވާ ކަންތައް ކުރާ ކަމަށް ވަންޏާ، ސަރުކާރު ކައިރީ މި ބުނަނީ ތިމަންނަމެން އަތުގައޭ ހަންމުށި މިއޮތީ، މަގަށް އެޅޭށޭ. އެހެން ނޫނީ ހަންމުށި އަޅާނަމޭ،" ޔާމީން ވިދާޅުވި އެވެ.

"މިއަދު އެހެންވޭތޯ؟ މިއަދަކު ނުވޭ އެހެންނެއް. އަބަދު މި އިވެނީ ކޮރަޕްޝަނާއި ފަސާދަ އާއި ރައްޔިތުންގެ ފައިސާ ގެއްލޭ ވާހަކަ އާއި ރައްޔިތުންގެ ބިން ގެއްލޭ ވާހަކަ އާއި ރައްޔިތުންގެ ފްލެޓު ގެއްލޭ ވާހަކައާ، މިވާހަކަތައް. ކާކުތޯ މައްސަލަ ބަލަނީ؟ އޮޑިޓާ ޖެނެރަލެއް އެބަ ހުރިތޯ؟ އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އެބަ ހުރިތޯ؟"

ޔާމީން ވިދާޅުވީ މިހާރު ފެންނަނީ ތައުލީމީ މީހުންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި ކަމަށް އެކަށޭނަ ނޫން މީހުންނާ މަސްއޫލިއްޔަތުތައް ހަވާލުކުރާ ތަން ކަމަށެވެ.

"އެއްވެސް ރައީސެއްގެ އަތްޕުޅުގައި އޮތް ކަމެއް ނޫނޭ ބޭނުން ގޮތަކަށް މުދާ ބަހާލުން އެއީ. ބޭނުން ގޮތަކަށް ފަޅުތަކާއި ރަށްތަކާ ދިނުމަކީ ނުކުރެވޭނެ ކަމެކޭ،" ރަށްތަކާއި ފަޅުތައް ކުއްޔަށްދީގެން ލިބުނު ފައިސާ ގެއްލުނު އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވިއިރު ރައީސްކަމުގައި ހުންނެވި ޔާމީން ވިދާޅުވި އެވެ.

މަސައްކަތަށް އަހުލުވެރި، ރައްޔިތުންނަށް އިތުބާރު ކުރެވޭ މީހުން އުފެއްދުމަށް ވުރެ ރާއްޖެއަށް މިއަދު މުހިއްމު ކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހަކަށް ވަޒީފާ ދިނުމަކީ އެންމެ ފަސޭހަ ކަންތައް. އެކަމަކު އެ ވަޒީފާގެ މަސްއޫލިއްޔަތު އޭނާ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކީ އަދާކުރޭތޯ ބެލުމަކީ މިއަދު ދިވެހި ސަރުކާރާއި ދިވެހި ދައުލަތް ނުކުޅެދިފައި އޮތް ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އެކަން އެވަނީ ނުވެގެން ހެއްޔޭ، ނޫނީ ގަސްތުގައި އިހުމާލުކޮށްލައިގެން ހެއްޔޭ؟ އަބަދު މި އިވެނީ އެކި ތަންތަނުން ބިން ގެއްލޭ ވާހަކަ. އެކި ތަންތަނުން، އެކި އަދަދުތަކުން ފައިސާ ގެއްލޭ ވާހަކަ. އޮޑިޓާ ޖެނެރަލެއް ވެސް ހުރޭ. އެންޓި-ކޮރަޕްޝަން ކޮމިޝަނެއް ވެސް ހުރޭ."

މުއައްސަސާތަކަށް ދީފައިވާ ބާރު ބޭނުން ކުރުމުގެ ހުއްދަ ދައުލަތުން ދޭންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (3)

ތެފައާސާ.

28 އޮކްޓޯބަރު 2025
އެ ވިދާޅުވިގޮތަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މަޖިލީހުގެ ދައުރު އެންމެ ފުރިހަމައަށް ފެނިގެން ގޮސްފައިވަނީ ޚުދު ރައީސް ޔާމީނުގެ ވެރިކަމުގައި. އެގޮތުން މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތެއް ކޮށްފާނެހެން ހީވީމާ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމާއި، ސިފައިން ފޮނުވައިގެން މަޖިލީހުގެ ގޭޓޫގައި ތަޅު އެޅުވުމާއި މެމްބަރުންތަކެއް މަޖިލީހުގެ ގޭޓު މަތިން ބޭރަށް އުކާލުން ޚާއްސަގޮތެއްގައި ފާހަގަ ކޮށްލެވޭނެ. އަދި އެމަނިކުފާނުގެ އަރިހުން ދަރިވަރުވެގެން ވަޑައިގެން މިއަދު ވެރިކަމުގައި ތިއްބެވި ބޭކަލުން މަޖލީހުގެ މެންބަރުން ބަނދެ ތަޅުއަޅުވައިގެންވެސް އެކުރައްވާކަމަކީ މަޖިލިސް ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ގަދަކަމުންވެސް ހޯދައިދިނުން. އެހެންވީމާ މި މައުޒޫގައި ރައީސް ޔާމީނު ފޮތް ލިއުއްވައި ޕަބްލިކް ސްޕީޗް ދެއްވައި ބައިނަލްއަގްވާމީ ކޮންފަރެންސްތައްވެސް ބާއްވަން ފެނޭ!!!
5 0

ސިކުނޑި

28 އޮކްޓޯބަރު 2025
@ތެފައާސާ. ޔާމީނަކީ، ފިސާރި ސިޔާސީ މީހެއް! ރަށްތައް ނަހަމަ ގޮތުގައި ކުއްޔަށްދިނީ ޓޫރިޒަމް މިނިސްޓްރީން އަދީބު އަޑީގައި ހުރެގެން! 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ހުކުމްކުރީ ކޯޓުން! ރައީސް ޔާމީނު ކުރި ހަމަ އެއްކަމެއްވެސް ނެތް! ހިތް ނިޔަތް ދެނެވޮޑިގަންނަވާނީ ﷲ. ބޭރުފުށުން ފެނުނު ކަންކަމަށް ބަލާއިރު ޔާމިނަށް ވުރެ ދުރުވިސްނޭ، ނަތީޖާ ނެރެދޭ، ޚުދުމުހުތާރު ޖައްބާރު ވެރިޔެއް ނެތް!
1 1

ތެފައާސާ.

28 އޮކްޓޯބަރު 2025
@ސިކުނޑި އާން ތިބުނާ މޮޅު ބުއްދީގެ ތެރެއިންގޮސްފަ ދޯ އަމިއްލަ ވެރިކަމުގައި އަމިއްލައަށް ހުށަހަޅައިގެން އަމިއްލަ ޕާޓީގެ މެޖޯރިޓީއިން ފާސްކުރި މަނީ ލޯންޑަރިންގެ ގާނޫނަށް ހަމަ ރީތިކޮށް މެހިގެންދާނޭހެން އަމިއްލަ އެކައުންޓުން ފައިސާ އެނބުރިއިރުވެސް ރޭކާވެސް ނުލީ؟ ދޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް