'ވޭކްއަޕް' ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއަށް ޔާމީން ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޔާމީން ދިއްދުއަށް ވަޑައިގަތުމުން އަޑުއެހުން ކެންސަލް؛ ކޯޓުގެ އިންޒާރެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ހާޒިރުވެވަޑައިނުގެންނެވުމުން، ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގެ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގެ އަޑުއެހުމެއް މިއަދު 2:30އަށް އޮތީ ތާވަލުކޮށްފަ އެވެ. އެކަމަކު އެ އަޑުއެހުން ފަށަން ހަމަޖެހިފައިވާ ވަގުތު ފަހަނައަޅާ ދިޔައިރު ވެސް، މި އަޑުއެހުން ފަށާފައެއްނުވެ އެވެ.
އެއަށް ފަހު، ކްރިމިނަލް ކޯޓުން ދެންމެ ވަނީ މި އަޑުއެހުން ކެންސަލްކޮށްފަ އެވެ. އެ ކޯޓުން ބުނި ގޮތުގައި، އަޑުއެހުން ކެންސަލް ކުރީ ޔާމީން ކޯޓަށް ހާޒިރުވެވަޑައިނުގަންނަވާތީ އެވެ.
މައްސަލަ ތާވަލުކޮށްފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ރަށުން ބޭރަށް ވަޑައިގަތުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއްކަން ވެސް ކޯޓުން ބުންޏެވެ.
"މި އަޑުއެހުމަށް ދައުވާ ލިބޭ ފަރާތުން ހާޒިރުވެފައިނުވާތީ އަޑުއެހުން ވަނީ ކެންސަލް ކުރެވިފަ އެވެ. ދައުވާ ލިބޭ ފަރާތުން މަގަބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލުކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ އެ ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެވެ،" އަޑުއެހުން ކެންސަލްކުރިކަން އަންގާ ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
އެނގުން މުހިންމު - ހއ. އަތޮޅުގެ މި އަހަރުގެ 'ތިލައުތުރު އެވޯޑް' ޝަރަފުވެރިކޮށްދެއްވަން، އެ އަތޮޅު ދިއްދުއަށް މިއަދު ވަޑައިގަންނަވާނެކަން ޔާމީންގެ ފަރާތުން އިއްޔެ އޮތީ ހާމަކޮށްފަ އެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މިވަގުތު ޔާމީން ހުންނެވީ ދިއްދުއަށް ވަޑައިގަތުމަށް ފްލައިޓުގަ އެވެ. މި ދަތުރަކީ އެ އަތޮޅު ކައުންސިލުން ދިން ދައުވަތަށް އެ މަނިކުފާނު ކުރައްވާ ދަތުރެކެވެ.
އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމް، ހައި ކޯޓުން ބާތިލުކުރުމުން ޔާމީން މިވަގުތު ހުންނެވީ މިނިވަންވެފަ އެވެ. މިއީ ޖަލުން މިނިވަންވި ފަހުން ޔާމީން ކުރައްވާ މިފަދަ ފުރަތަމަ ދަތުރެވެ.
އާރަށް މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފައިވާތީ، އެ މައްސަލައިގެ ޝަރީއަތް އަލުން ފަށައިގެން މައްސަލައިގެ އަޑުއެހުންތައް ދަނީ ބާއްވަމުންނެވެ.