ފުލުހުންނާއި ސިފައިން ގުޅިގެން ރޯދަ މަހު ހިންގި ކައުންޓަ ޓެރަރިޒަމްގެ އޮޕަރޭޝަނުގައި ބަލައިފާސްކުރި ގެއެއްގައި ހުރި މީހަކާ ފުލުހުންނާއި ސިފައިން ވާހަކަ ދައްކަނިކޮށް - (ދައުރު ފޮޓޯ / މުހައްމަދު މުޒައްޔިން ނާޒިމް)

ޓެރަރިޒަމް

މާލެ އާއި މާލެ ކައިރި ރަށަކަށް ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވިކަމުގެ ތުހުމަތުގައި 3 މީހަކަށް ދައުވާކޮށްފި

މިއީ މިދިޔަ ރޯދަ މަހު މާލެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހިންގި ކައުންޓަ ޓެރަރިޒަމްގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި 3 މީހުން
22 އޮކްޓޯބަރު 2025

ވެރިރަށް މާލެ އާއި މާލެ ކައިރި ރަަށަކަށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރޭވިކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށް މިދިޔަ ޖުލައި މަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ވީކިހިނެއް؟ - މިއީ މިދިޔަ ރޯދަ މަހު މާލެ އާއި ހުޅުމާލޭގައި ފުލުހުންނާއި ސިފައިން ވެގެން ހިންގި ކައުންޓަ ޓެރަރިޒަމްގެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި ތިން މީހުނެވެ.

މިދިޔަ 10 މާޗުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ 7 ޖުލައިގަ އެވެ.

ތަފްސީލް - ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ހިއްސާކުރި ގޮތުގައި، އެ މައްސަލާގައި ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކީ، މާލެ އާއި މާލެ ކައިރި ރަށަކަށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރޭވި ކަމެވެ.

އަދި މި މައްސަލާގައި ދައުވާކޮށްފައިވަނީ ތިން ފިރިހެނެކަށެވެ.

އެއީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ތާއީދުކުރާ ބަޔެއް ކަމަށް އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެ އެވެ.

ދައުވާ އުފުލާފައިވާ މީހުންނަކީ:

  • 1-

    އަބްދުﷲ ހުވައިރިސް ބިން މުހައްމަދު، މ. އެޗީވް

  • 2-

    ސައުސަން ރަޝީދު، ހިތަށްފިިނިވާގެ/ ގދ. ނަޑެއްލާ

  • 3-

    އިބްރާހީމް ވިސާމް، ފިނިފެންމާގެ/ ސ. މަރަދޫ

މީގެ ތެރެއިން ހުވައިސްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެ އެވެ. އެއީ:

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ؛ އަސާސީ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން

  • ޓެރަރިސްޓު ޖަމާއަތަަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ؛ އަސާސީ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން

  • ހަނގުރާމައަށް މީހަކު ފޮނުވުމަށް މަސައްކަތްކުރުމުގެ ކުށުގެ ދައުވާ؛ އަސާސީ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން

ސައުސަންގެ މައްޗަށް އުފުލީ ދެ ދައުވާއެކެވެ. އެއީ:

  • ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ؛ އަސާސީ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން

  • ޓެރަރިސްޓު ޖަމާއަތަަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ؛ އަސާސީ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން

ވިސާމްގެ މައްޗަށް ކުރަނީ ޓެރަރިސްޓު ޖަމާއަތަަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް