ރައްޔިތުންގެ މަޖިލިހުން މީޑިއާ ކޮމިޝަނަށް އައްޔަންކުރަން ރުހުން ދިން ތިން ބޭފުޅުން (ކ-ވ) ސަރާހަތު، ފަރުސަތު އަދި ސަފާ.

މަޖިލީހުން މީޑިއާ ކޮމިޝަނަށް އައްޔަންކުރަން ސަފާ، ފަރުސަތު އަދި ސަރާހަތަށް ރުހުންދީފި

މި ތިން ބޭފުޅުންނަކީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަވިއުކުރުމަށް ފަހު އެންމެ މަތިން މާކްސް ދީ މަޖިލީހަށް ފޮނުވި ތިން ބޭފުޅުން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް އައްޔަންކުރަން، މިހާރު އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ރައީސް ސަފާ ޝަފީގު ހިމެނޭހެން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ތިން ބޭފުޅުންނަށް މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ވީ ކިހިނެއް؟ - 'މީޑިއާ ކޮންޓްރޯލު ގާނޫނު'ގެ ދަށުން އުފައްދާފައިވާ ކޮންޓްރޯލް ކޮމިޝަނުގައި ހަތް މެންބަރުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މީޑިއާތައް ތަމްސީލުކުރާ ހަތަރު މެންބަރުން؛ އެއީ ބްރޮޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އޮންލައިން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުން 

  • ދެން ތިބޭނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަޖިލީހުން ފޮނުވި ލިސްޓުގައި ޖުމްލަ އަށް ނަމެއް ހިމެނެ އެވެ. އޭގެ ތެރެއިން %75އަށް ވުރެ މަތިން މާކްސް ލިބުނު ތިން ބޭފުޅަކަށެވެ.

އެ ތިން ބޭފުޅުންނަކީ:

  • މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް (%90.50)

  • ސަފާ، ބިއްލޫރިވިލާ/ދ. މީދޫ (%88.88)

  • ބްރޯޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި (%87.88)

ތަފްސީލް - މި ބޭފުޅުންނަށް ރުހުންދޭން މިއަދު ނެގި ވޯޓުގައި 63 މެންބަރަކު ބައިވެރިވި އެވެ. އެގޮތުން:

  • އެ ތިން ބޭފުޅުން އެ މަގާމަށް އައްޔަންކުރަން 54 މެންބަރަކު ވޯޓުދެއްވި

  • ނުފެންނަ ކަމަށް 9 މެންބަރަކު ވޯޓު ދެއްވި

އެނގުން މުހިންމު - ކޮންޓްރޯލް ކޮމިޝަންގައި މީޑިއާތައް ތަމްސީލުކުރާ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. އެ މަގާމުތަކަށް ކުރިމަތިލީ މެންބަރުންގެ އަދަދު އިންތިހާބު ކުރަން ޖެހޭ އަދަދަށް ސީދާ ހަމަވެފައިވާތީ ވާދަވެރި އިންތިހާބަކާ ނުލާ މީޑިއާތައް ތަމްސީލުކުރާ ހަތަރު މަގާމަށް މެމްބަރުން ވަނީ ހޮވިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް