އަޑިއަށް ދިޔަ މުދާ އުފުލާ ބޯޓު: އެ ހާދިސާގައި ގިނަ ބަޔަކަށް މާލީ ގޮތުން ގެއްލުން ލިބުނު (ފޮޓޯ: އެމްއެންޑީއެފް)

ނަސްރު ބޯޓު އަޑިއަށް ދިޔުން: މެމްބަރު އައްބާސް، ފޮއްދުއަށް ކާޑު ހަދިޔާކޮށްފި

ނަސްރު ބޯޓު އަޑިއަށް ދިޔުމުން ފޮއްދޫގެ ގިނަ ބަޔަކަށް ވަނީ ގެއްލުންވެފައި
19 އޮކްޓޯބަރު 2025

މިދިޔަ ހުކުރު ދުވަހު އަޑިއަށް ދިޔަ، ނަސްރު ބޯޓުން މާލީ ގޮތުން ގެއްލުން ލިބުނު ނ. ފޮއްދޫގެ މީހުންނަށް އެހީވުމަށް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އެ ރަށަށް ކާޑުގެ ބާވަތްތައް ހަދިޔާ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އުތުރުގެ ގިނަ ރަށްތަކަށް މުދާ އުފުލާ ނަސްރު ބޯޓަކީ، ފޮއްދޫ މީހުން ވެސް މުދާ ގެންނަ ބޯޓެވެ. ކޮޅިގަނޑެއްގައި ޖެހި ހުކުރު ދުވަހު ބޯޓު އަޑިއަށް ދިޔައީ، އެ ރަށުގެ ގިނަ ފިހާރަތަކާއި އާއްމު މީހުންގެ ވެސް މުދަލާ އެކުގަ އެވެ.

"މި ރަށު މީހުން އެރުވި މުދަލުގެ އަގު ގާތްގަނޑަކަށް 80،000-100،000ރ.އަށް އަރާނެ. ކާޑުގެ ބާވަތްތައް ވެސް އޭގައި ހުންނާނެ،" ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވި އެވެ.

ތަފްސީލް - އޭނާ ވިދާޅުވީ:

  • ރައްޔިތުންނަށް އެހީވުމަށް، މެމްބަރު އައްބާސް 30 ބަސްތާ ކާޑު ހަދިޔާ ކުރައްވާފައިވާ ކަމަށް

  • އެއީ ތިން ބާވަތުން ދިހަ ބަސްތާ

  • އެ ކާޑު ބެހުމަށް ހަމަޖެހިފައިވަނީ ރައްޔިތުންނަށް ހަމަހަމައަށް ކަމަށް ވިދާޅުވި

އެނގުން މުހިއްމު - ހދ. ނޭކުރަންދޫ މީހަކު ދުއްވާ ނަސްރު ބޯޓު އަޑިއަށް ދިޔައީ، މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަނިކޮށެވެ. އެކި ރަށްރަށުގައި ޖައްސާ މުދާ ބާލުވާ އެ ބޯޓު، ކުމުންދު އާއި ނޭކުރެންދޫގެ އިތުރުން އެ އަތޮޅު ވައިކަރަދު އާއި ކުރިނބީއަށް ވެސް ދިޔުމަށް އޮތީ ހަމަޖެހިފަ އެވެ.

ބޯޓު އަޑިއަށް ދިޔައިރު، އެއިން ދަތުރު ކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަށް އަނިޔާވި އެވެ.

އެނގިފައިވާ ގޮތުގައި އަޑިއަށް ދިޔަ ބޯޓުން އުތުރުގެ ރަށްރަށުން ގިނަ އަދަދެއްގެ މުދާ ބަރުކުރި އެވެ. ބައެއް ރަށްރަށަށް ގެންދަން އެރުވި މުދަލުގެ އަގު މިލިޔަނަކަށް އަރާ ކަމަށް ވެސް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް