ރިލްވާން މަރުގެ މައްސަލައިގައި އޭރު ދައުވާކުރި އަހްމަދު މުއާޒު (ގަޓު މުއާ).

ރިލްވާނާއި ޔާމީންގެ މަރު: މުއާޒަށް ޓެރަރިޒަމްގެ ދައުވާކުރި މައްސަލާގައި ބަދަލު ނަގައިނުދިނުމުން ހައި ކޯޓަށް

މުއާއަށް ޓެރަރިޒަމްގެ ދައުވާއެއް ކުރީ ރިލްވާނާއި ޔާމީން ރަޝީދު މަރާލި މައްސަލާގައި ކުރީ ސަރުކާރުގެ މަރު ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު. އެ ދައުވާއެއް ކޯޓުގައި އޭނާގެ މައްޗަށް ސާބިތެއް ނުވޭ.
18 އޮކްޓޯބަރު 2025
2

ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން އަހުމަދު މުއާޒު (ގަޓު މުއާ)ގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާކުރި މައްސަލާގައި ދަށު ކޯޓުން ބަދަލުނަގައިނުދިނުމުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ކަމުގެ ފެށުން - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އައި މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން މަރާލުމުގެ މައްސަލާގައި 26 ޖޫން 2023ގައި މުއާ ހިމެނޭހެން ތިން މީހަކު ހައްޔަރުކުރި އެވެ.

ތިން މީހުނަށް 1 ސެޕްޓެމްބަރު 2023ގައި ދައުވާކުރި ނަމަވެސް ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ނޮވެމްބަރު 2023ގައި ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އަދި އެ ހުކުމްތައް އިސްތިއުނާފް ނުކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ނިންމި އެވެ.

ދައުލަތުން އޭރު ކުރި ދައުވާތަކަކީ:

  • އަހުމަދު އިސްމާއިލް (އަހަނދު)، މއ. ފާގަފިލާގެ - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުން އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން

  • އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ)، މ. ލެގޫންވިއު - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ

  • އަހްމަދު މުއާޒު (ގަޓު މުއާ)، މާލޭ ދަފްތަރު އާރުއެސް 8499 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން

ވީ ކިިހިނެއް؟ - މުއާޒު ވަނީ އޭނާ ނުކުރާ ކުށެއްގައި ބަންދުކޮށް އަސާސެއް ނެތް ދައުވާއެއް ކުރީ ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ނަމަވެސް ސިވިލް ކޯޓުން މައްސަލަ ނިންމީ އެ މައްސަލާގައި މުއާޒަށް ބަދަލު ނަގައިދެވެން ނެތް ކަމަށެވެ. މި މައްސަލަ މުއާޒުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ދައުލަތުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ހުށަހަޅައިފަ އެވެ.

ތަފްސީލް - ދައުލަތުގެ އިއުތިރާޒާ މެދު ހައި ކޯޓުން މިދިޔަ މަހު ނިންމި ނިންމުން މިހާރު އެ ކޯޓުގެ ވެބްސައިޓުން ފެންނަން އޮތް އިރު މައްސަލަ ބޭރުކުރަމުން ދައުލަތުން އެދެނީ، މަރު ކޮމިޝަން އުވާލާފައިވާތީ އެ ކޮމިޝަނަށް ރައްދުކޮށް މައްސަލަ ހުށަނޭޅޭނެ ކަމަށް ބުނެ އެވެ.

މަދަނީ މައްސަލައަކަށް ވުމުން ދައުލަތުގެ އިދާރާތައް ތަމްސީލްކުރަނީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ މި މައްސަލާގައި މަރުތައް ތަހުގީގުކުރަން އެކުލަވާލި ރިޔާސީ ކޮމިޝަނުގެ އިތުރުން ވެސް ދައުލަތުގެ ބައެއް އިދާރާތަކަށް ދައުވާކުރާތީ، ދައުލަތުގެ ނުކުތާއާ މެދު މުޅި މައްސަލަ ބެލުމަށް ފަހު ގޮތެއް ނިންމުމެވެ.

އެހެންވެ މައްސަލަ ކުރިއަށް ގެންދަން ބެންޗުގައި ތިއްބެވި ފަނޑިޔާރުން އިއްތިފާގުވި އެވެ. މި މައްސަލައިގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންނަކީ:

  • މުހައްމަދު ފައިސަލް (އިސް ފަނޑިޔާރު އަދި ބެންޗުގެ ރިޔާސަތު)

  • ހުސައިން މަޒީދު

  • މުހައްމަދު ޝަނީޒު އަބްދުﷲ


އެނގުން މުހިންމު - މުއާޒު އެދިފައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ނަގައިދިނުމަށެވެ. އޭނާ ކުރާ ދައުވާ ރައްދުކުރަނީ:

  • ޕްރޮސެކިއުޓަ ޖެނެރަލް އޮފީސް

  • މަރުތައް ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަން

  • ކޮމިޝަންގެ ރައީސަކަށް ހުންނެވި ފަރީޝާ އަބްދުﷲ

  • ކޮމިޝަންގެ މެންބަރަކަށް ހުންނެވި މިސްބާހު އައްބާސް

  • ކޮމިޝަންގެ މެންބަރަކަށް ހުންނެވި އަހުމަދު ނާޝިދު

ކޮމެންޓް (2)

ފޭކު

18 އޮކްޓޯބަރު 2025
ތި އިސޫއަށް ވެސް ވަނީ އެޗްޑީސީގެ ވެރިއެއްގެ މަގާމު ދީފަ. މީހަމަ ގުޅިގެން ހިންގާ ޖަރީމާ.
2 0

ނައިމްބެ

18 އޮކްޓޯބަރު 2025
ތިއީ ސަރުކާރާ ގުޅިގެން ކުރިއަށްދާ ކަމެއް. އޭނާއަށް ތިފައިސާ ޑީލެއްގެ ދަށުން ދޭނެކަމުގެ ޔަގީންކަން ދިނުމުން ގަޓު މުއާ ވަނީ ޕީއެންސީއަށް ވަރަށްފަހުން ސޮއިކޮށް ރައީސް މުއިއްޒުއާ ފޯމް ހަވާލުކޮށްފައި.
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް